އައިޔޫއެމްގެ އައިސީއައިއޭ ޕްރީ ކޮންފަރެންސްގެ ވޯކްޝޮޕްތަކަށް ބޮޑު ތަރުހީބެއް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީން ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ޕްރީ ކޮންފަރެންސް ވޯކްޝޮޕްތަކަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ އައިސީއައިއޭ ކޮންފަރެންސްގެ ކުރިން ބާއްވާ ވޯކްޝޮޕްތައް ބާއްވާފައިވަނީ ސެޕްޓެމްބަރު 26 އަދި 27 ވަނަ ދުވަހުއެވެ.

ޕްރީ ކޮންފަރެންސްގެ ގޮތުގައި 12 ވޯކްޝޮޕެއް ވަނީ ބާއްވާފައެވެ. ދިރާސީ މަސައްކަތްތަކާ ގުޅޭ މި ވޯކްޝޮޕްތަކަށް އެވްރެޖްކޮށް ކޮންމެ ވޯކްޝޮޕަކަށް 60 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްތަކުގެ ތެރެއިން ޕްރީ ކޮންފަރެންސް ވޯކްޝޮޕްތައް މިހާ ގިނަ އަދަދަކަށް ބޭއްވި ފުރަތަމަ ކޮންފަރެންސެވެ. ފާއިތުވި އަހަރުތަކުގައި އައިސީއައިއޭގައިވެސް އެއްމެ ގިނަވެގެން ބާއްވަނީ 2 ވޯކްޝޮޕެވެ.

މިފަހަރުގެ ކޮންފަރެންސް ވޯކްޝޮޕްތަކަށް ބަލާއިރު، އުނގެނުމާއި ކިޔަވައިދިނުމުގައި އަރޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކުރާނެ ގޮތުގެ ވޯކްޝޮޕެއް ދެކުނު އެފްރިކާގެ ޓެކޯނާ މެޓްރެޑްރޯ ނަންގަވައިދެއްވިއެވެ. ޓެކޯނާ މެޓްރެޑްރޯ އައިސީއައިއޭ ކޮންފަރެންސްގެ ކީނޯޓް ތަގްރީރެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކޮންފަރެންސްގެ އިތުރު ކީނޯޓް ތަޤްރީރުކުރައްވާ ބޭފުޅެއް ކަމަށްވާ ޕްރޮފެސަރ ފިލިޕް ހެލިންގަރ ވެސް ވަނީ ހައި އިމްޕެކްޓް އަރޓިކަލް ލިޔުއްވާނެ ގޮތުގެ ވޯކްޝޮޕެއް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ. ޖުމްލަކޮށް ހުރިހާ ވޯކްޝޮޕްތަކަކީ ވެސް ޕީއެޗްޑީ އަދި މާސްޓަރސް ދަރިވަރުން ހިމެނޭ ގޮތަށް ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް ޚާއްސަ  ވޯކްޝޮޕްތަކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އައިސީއައިއޭ ކޮންފަރެންސަށް 113 ކަރުދާސް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުށައަޅާފައިވާ 83 ކަރުދާހާއި ދިވެހި ބަހުން ހުށައަޅާފައިވާ 12 ކަރުދާހެއްގެ އިތުރުން އަރަބި ބަހުން ހުށައަޅާފައިވާ 18 ކަރުދާހެކެވެ.

މި ކޮންފަރެންސްގައި 402 ފަރާތަކުން ބައިވެރިވާއިރު، 292 ފަރާތުން ކޮންފަރެންސަށް ހާޒިރުވެގެން ކޮންފަރެންސްގައި ބައިވެރިވާނެއެވެ. 110 ފަރާތުން ބައިވެރިވާނީ އޮންލައިން ކޮށެވެ.

އައިޔޫއެމްއިން ބުނީ، މިއަހަރުގެ ކޮންފަރެންސްގައި މެލޭޝިޔާ އާއި ބުރުނާއީ އާއި އިންޑޮނޭޝިއާގެ ޔުނިވަރސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ބޭރުގެ 59 ފަރާތެއް ރާއްޖެއަށް އައިސް ކޮންފަރެންސަގައި ބައިވެރިވެއެވެ.

މި އަހަރުގެ ކޮންފަރެންސަށް އެންމެ ގިނައިން ކަރުދާސް ލިބިފައި ވަނީ ތައުލީމީ ދާއިރާއިންނެވެ. މީގެއިތުރުން ގާނޫނީ ދާއިރާއާއި މެނޭޖްމަންޓްގެ ދާއިރާއިން ވެސް ކަރުދާސްތައް ވަނީ ހުށައަޅާފައެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ނަމުގައި މި ކޮންފަރެންސް އައިޔޫއެމްއިން ބާއްވާ މިއީ ނުވަ ވަނަ އަހަރެވެ. އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އައިސީއައިއޭއަކީ ރާއްޖޭގައި ބާއްވާ އިލްމީ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *