ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ޕްރޮގްރާމެއް ސްކޫލްތަކުގައި ހިންގަން ނިންމައި، އެ ޕްރޮގްރާމް ހިންގައިދޭނެ ކޮންސަލްޓެންސީ އެޖެންސީއެއް ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ، " އެ މިނިސްޓްރީގެ ފަރާތުން ސްކޫލްތަކާއި ގުޅިގެން، ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، އެ ފަދަ ބާރުވެރިކަމުގެ ޕްރޮގްރާމެއް ހިންގައިދޭނެ ކޮންސަލްޓެންސީ ފާމެއް ބޭނުންވާ ކަމަށެވެ.
ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ޕްރޮގްރާމެއް ސްކޫލްތަކުގައި ކުރިއަށް ގެންދަނީ ޔުނިސެފްގެ ޕްރޮޖެކްޓެއްގެ ދަށުންނެވެ.
އިއުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހުން އެނގޭގޮތުގައި، ކޮންސަލްޓެންސީ އެޖެންސީއެއްގެ ގޮތުގައި މަސައްކަތް ކުރަން ހޮވާ ފަރާތުން، ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ޕްރޮގްރާމެއް ސްކޫލްތަކަށް ބޭނުންވާ މެންޓަލް ހެލްތް ކޮމިއުނިކޭޝަން ސްޓްރެޓެޖީއަށް ބޭނުންވާ މެޓީރިއަލްތައް ތަރައްޤީކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އެއްބާރުލުން ދިނުމާއި، ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. ކޮމިއުނިކޭޝަން ސްޓްރެޓެޖީ އާއި ކެމްޕެއިން ޕްލޭންގައި ފާހަގަކޮށްފައިވާ މަގްސަދުތަކާއި ތީމްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކޮލިޓީގެ ގޮތުން މިހާރު ހުރި ބްރޭންޑިންއާއި މެޓީރިއަލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކެމްޕެއިން މެޓީރިއަލް ތަރައްގީކުރުން ހިމެނޭ ކަމަށެވެ. އެކި މީޑިއާ ޕްލެޓްފޯމްތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގައިދޭން ވެސް އެ އެޖެންސީއަކުން ޖެހެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، ނަފުސާނީ ދުޅަހެޔޮކަމަކީ ޞިއްޙަތާއި ދުޅަހެޔޮކަމުގެ މުހިންމު މާއްދާއެއް ކަމަށާއި އޭގެ ސަބަބުން މުޅި އުމުރުގައި ވެސް ޢިލްމީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ނަތީޖާއަށް ނުފޫޒު ފޯރުވާ ކަމަށެވެ. ސްކޫލްތަކަކީ ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނަށް ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވަރަށް ރަނގަޅު މާހައުލެއް ކަމަށާއި، އެ މާހައުލުން ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކަމަށެވެ.

ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މާ ބޮޑަށް ވެސް ހާމަވެގެން ދިޔަ ކަމަށާއި އެ ބަލިމަޑުކަމުގެ ތެރޭގައި ނަފުސާނީ ދުޅަހެޔޮކަމަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މުހިންމު ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށެވެ. ސްކޫލްތަކުގެ ތެރޭގައި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއަކާއި ވޯކް ޕްލޭނެއް އެކުލަވާލާފައި ވުމަކީ އެ މިނިސްޓްރީން ކޮށްފައިވާ މުހިންމު މަސައްކަތެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ޔުނިސެފްގެ ރޯލިން ވޯކް ޕްލޭން 2022-2023 ގެ ދަށުން ހެލްޕިން އެޑޮލެޖެންސް ތްރައިވް (އެޗްއޭޓީ) 2022 ވަނަ އަހަރު ފަށާފައިވާ ކަމަށާއި އެޗްއޭޓީ އިންޓަވެންޝަން ޓޫލްސްގެ މަގްސަދަކީ ޒުވާން އުމުރުގެ ކުދިންގެ އަހުލާގާއި ވިސްނުމާއި އިހުސާސްތަކާއި އިޖުތިމާއީ މުއާމަލާތްތަކަށް ހެޔޮ އަސަރު ކުރާނެ ޓެކްނިކްތައް ދަސްކޮށް އެޕްލައި ކުރުމަށް އެހީތެރިވުން ކަމަށް އެޑީޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކުޑަކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލަހައްޓާ ފަރާތްތަކާއި މުދައްރިސުންގެ ޢިލްމާއި ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެޗްއޭޓީ އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މުވާސަލާތީ ސްޓްރެޓެޖީ އަށް ތައާރަފު ކުރި ފުރިހަމަ ޕްރޮގްރާމެކެވެ.
ޔުނިސެފުގެ އެހީތެރިކަމާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ސްކޫލްތަކުގައި އެޗްއޭޓީ ޕްރޮގްރާމާއި އެމްއެޗް ކޮމިއުނިކޭޝަން ސްޓްރެޓެޖީ ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންނެވެ.
ޔުނިސެފުގެ އެހީގައި، ނޭޝަނަލް މެންޓަލް ހެލްތު ކޮމިއުނިކޭޝަން ކެމްޕެއިން "ކިހިނެތް" ލޯންޗްކޮށްފައި ވަނީ 5 ޑިސެމްބަރު 2022 ވަނަ އަހަރުއެވެ.
advertisment
ހިޔާލު