މަތީ ތަޢުލީމުގެ ހުރިހާ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވާން ޖެހޭ ގޮތަށް ޤަވާއިދު ބަދަލުކުރަނީ

މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުން ފާސްވުމަށް އިމްތިހާނުންތަކުން 50 އިންސްތަ ހޯދަން ޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރިޑޭޝަން އުޞޫލަށް ބަދަލު ގެންނަން ނިންމައިފިއެވެ.

މި ބަދަލު ގެންނަން ނިންމީ ދަރިވަރުން ހަދަން ޖެހޭ އެސައިމަންޓްތައް އެހެން މީހުން ލައްވާ ހަދަމުންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ބޭނުމުގައެވެ. މަތީ ތައުލީމު ދޭ އިންސްޓިޓިއުޝަންތަކުން ދަރިވަރުންގެ ފެންވަރު ކަނޑައަޅަނީ އިމްތިޙާނުންނާއި އެސައިމަންޓް ތަކުންނެވެ. އެ ސައިމަންޓްތަކަށް 40 އިންސައްތައާއި 70 އިންސައްތަ ލިބޭ ގޮތަށް ބައެއް ތަންތަނުން ކަނޑައަޅާފައި ހުރެއެވެ.

ދަރިވަރު ނޫހަށް، އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާންތަކުން 50 އިންސައްތަ ފާސްވެގެން ނޫންގޮތެއްގައި އެ ކޯހަކުން ފާސް ނުވެވޭގޮތް ހެދުމުން އެހެން މީހުން ލައްވައި އެސައިމަންޓް ހެދުން މަދުވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ ބަދަލު ގެންނަނީ މަތީ ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކާ މަޝްވަރާކޮށް އެ ތަންތަނުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށެވެ.

ފިޒާނާ ވިދާޅުވީ ޤަވާއިދަށް ގެންނަން ޖެހޭ ބަދަލާއެކު އޭޖީގެ ލަފައަށް މި ހަފުތާގެ ތެރޭގައި ހުށައަޅުއްވާނެ ކަމަށާއި އޭޖީގެ ލަފާ ލިބުނުހާ އަވަހަކަށް ގެޒެޓްކޮށް އަމަލުކުރަން ފަށާނެ ކަމަށެވެ.

ފިޒާނާ ވިދާޅުވީ، އެސައިމަންޓް ހަދައިދޭ ކަމަށް އިސްތިހާރުކުރާ ޕޭޖްތައް މިހާރު ވެސް ހިންގަމުން ގެންދާ ކަމަށާއި އެފަދަ ޕޭޖްތައް ފުލުހުން ބްލޮކްކޮށްލާއިރަށް އިތުރު ޕޭޖްތައް ހަދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

" 50 އިންސައްތަ ފާސްވެގެން ނޫންގޮތެއްގައި އެ ކޯހަކުން ފާސް ނުވެވޭގޮތް ހެދުމުން އެސައިމަންޓް ގަތުން އެއްކޮށް ނުހުއްޓުނަސް މަދުކުރެވޭނެ" ފިޒާނާ ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ، ބައެއް އިންސްޓިޓިއުޝަންތަކުން ހިންގާ ކޯސްތަކުން ދަރިވަރުން ފާސްވުމަށް މިހާރުވެސް 50 އިންސައްތަ އިމްތިޙާނުތަކުން ހޯދަން ޖެހޭ ކަމަށާއި މި ގެންނަ ބަދަލުގެ ސަބަބުން ކޯސަތަކުގެ ފެންވަރު ހިފެހެއްޓުމަށް ބާރަކަށް ވާނެ ކަމަށެވެ.

އެހެން މީހުން ލައްވައި އެސައިމަންޓް ހެދިކަން ސާބިތުވެއްޖެ ނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އަދި އޭގެ އިތުރުން އެ ކިޔަވާ އިންސްޓިޓިއުޓަކުން އިތުރު ފިޔަވަޅު ވެސް އެޅޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި އަގަށް އެ މަސައްކަތް ކޮށްދޭ މީހުން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *