އިސްކަންދަރު ސްކޫލް ދަރިވަރުންގެ ހަދިޔާ ފިޔަވަތީގެ ކުދިންނަށް

ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް، އިސްކަންދަރު ސްކޫލުގެ ހިއުމަންރައިޓްސް ކުލަބުގެ ދަރިވަރުން "ހިތުގެ ފުންމިނުން" ގެ ނަމުގައި ހަދިޔާ ދީފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހިންގަމުން އަންނަ ފިޔަވަތީގައި ތިބި ކުދިންނަށް އިސްކަންދަރު ސްކޫލުގެ ދަރިވަރުން ހަދިޔާ ދިނީ މިދިޔަ ބުދަ ދުވަހުއެވެ.

ހިއުމަންރައިޓްސް ކުލަބުގެ ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތުގެ ދަށުން ހަދިޔާގެ ގޮތުގައި ދިނީ ކުދިންގެ ކިޔެވުމާއި ކުޅެން ބޭނުންވާ ސާމާނުގެ އިތުރުން ލުއިކާނާގެ ބާވަތްތަކެވެ. މީގެ ތެރޭގައި ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުން ހަދިޔާކުރި ބައެއް ތަކެތި ވެސް ހިމެނެއެވެ.

މިއީ އެ ސްކޫލުގެ ހިއުމަން ރައިޓްސް ކުލަބުން އިސްނަގައިގެން ހިޔާއަށް އެހީދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ސްކޫލުގެ ފަރާތުން  ހިޔާއަށް ވަނީ ހަދިޔާ ދީފައެވެ.

ހިއުމަން ރައިޓްސް ކުލަބު ހިންގުމާ ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރު އައިޝަތު އިކްރާމާ ދަރިވަރު ނޫހަށް ވިދާޅުވީ، ހިޔާގެ ކުދިންނަށް ހަދިޔާ ދޭން ނިންމީ ދަރިވަރުންގެ އިސްނެގުމާ އެކުގައި ކަމަށާއި ހަދިޔާ ދޭން ބޭނުންވާ ފައިސާ ހޯދީ ވެސް ދަރިވަރުން އިސްނަގައިގެން ތައްޔާރު ކުރި ބުކްމާކާއި ޕިން ބެޖް ވިއްކައިގެން ކަމަށެވެ.

" އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ސްކޫލުގެ ދަރިވަރުންނަށް އެ ދަރިވަރުން މައުޅޫމާތު ދިން. އޭގެ ފަހުން ސްކޫލުގެ ތެރޭގައި އެ ދަރިވަރުން ބުކްމާކާއި ޕިން ބެޖް ވިއްކީ" އިކުރާމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހަރާކާތުން ދަރިވަރުންގެ ފަރާތުން ފެނުނީ އެފަދަ ކަންތައްތައް ރާވާ އިންތިޒާމް ކުރުމަށް ދަރިވަރުން ދޭ ސަމާލުކަމާއި އިސްނެގުން ކަމަށާއި އެފަދަ ކަންތައްތަކަށް ދަރިވަރުންގެ ހޭލުންތެރިވަމުން އަންނަ ކަމަށެވެ.

" މުޅި އިވެންޓަށް ބަލާއިރުވެސް ދަރިވަރުންގެ ޝައުޤުވެރިކަން ވަރަށް ބޮޑު. އަދި އެފަދަ ފުރުޞަތަކަށް އިންތިޒާރު ކުރާކަން ފާހަގަވި. ހަދިޔާ ހަވާލުކޮށްފައި ދަރިވަރުން ކުރި ސުވާލުތަކުން ވެސް އެކުދިން އެފަދަ ކަންތައްތައް އޮޅުން ފިލުވުމާއި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައިވާކަން ފާހަގަ ކުރެވުނު" އިކުރާމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިއުމަން ރައިޓްސް ކުލަބުގެ ފަރާތުން ކޮންމެ އަހަރަކުވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތެއް ރާވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *