ދިވެހިބަހުގެ އެކެޑަމީން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ އަދަބީ މުބާރާތްތަކުގެ ތެރެއިން ތިން މުބާރާތެއް މިއަދު ބާއްވައިފިއެވެ.

މިއަދު ބޭއްވީ، ދިވެހިބަހުގެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތެވެ.

މާލޭ ސަރަހައްދުގައި މި މުބާރާތްތައް ކުރިއަށް ގެންދިޔައީ ރެހެންދި ސްކޫލްގައެވެ.
ތިން ދަންފަޅިއަށް ބަހައިލައިގެން ކުރިއަށްގެންދިޔަ މި މުބާރާތް ބޭއްވީ ރާއްޖޭގެ ހުރިހައި ސަރަހަށްދެއްގައި ވެސް އެއް ވަގުތެއްގައެވެ. އަތޮޅުތަކުން މި މުބާރާތުގައި 82 ސުކޫލަކުން ވާދަކުރިއެވެ. އަދި މާލޭ ސަރަހައްދުން 22 އިސްކޫލަކުން ބައިވެރިވިއެވެ. ޖުމުލަ މުޅި ރާއްޖޭން 104 އިސްކޫލަކުން މި މުބާރާތުގައި ބައިވެރިވިއެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުގައި މި އަހަރު ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި ވާހަކައިގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ކުރިއަށްދާ މިމުބާރާތް މޮނިޓަރ ކުރަމުން ގެންދިޔައީ ދާދިވަރުކޮށެވެ.
މިތިން މުބާރާތުގައި 2423 ދަރިވަރުން ބައިވެރިވިއެވެ.
advertisment
ހިޔާލު