"އިންކްލޫސިވް މޮޑެލް ސްކޫލް" ގެ ގޮތުގައި 30 ސްކޫލް ތަރައްޤީ ކުރަނީ

"ތައިބަ"ގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓްގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން "އިންކްލޫސިވް މޮޑެލް ސްކޫލް" ގެ ގޮތުގައި 30 ސްކޫލެއް ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން ބުނީ، ފުރަތަމަ ފިޔަވަހީގެ ދަށުން މި އަހަރު 15 ސްކޫލް، ދެ ވަނަ ފިޔަވަހީގެ ދަށުން 15 ސްކޫލް އަންނަ އަހަރު ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި "އިންކްލޫސިވް މޮޑެލް ސްކޫލް" ގެ ގޮތުގައި ތަރައްޤީ ކުރާ 15 ސްކޫލުގެ ތެރެއިން 12 ސްކޫލުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް އެ މަސައްކަތް ކުރިއަށް ދާނެ ގޮތް އިންކުލޫސިވް އެޑިޔުކޭޝަނުން ވަނީ ހިއްސާކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އާދިލާ ރުޝްދީ ދަރިވަރު ނޫހަށް ވިދާޅުވީ، "ތައިބަ" ޕްރޮޖެކްޓްގެ ތެރެއިން އެކްސަބިލިޓީ ގްރާންޓާއި އެގްޒިސްޓް ޓެކްނޮލޮޖީ ގްރާންޓުގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޔުނިސެފަށް ހުށައަޅަން ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، "އިންކްލޫސިވް މޮޑެލް ސްކޫލް" ގެ ގޮތުގައި 30 ސްކޫލް ކަނޑައެޅީ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ކަމަށާއި ކޮންމެ އަތޮޅަކުން އެއް ސްކޫލް ފުލީފުލެޖް ސްކޫލަކަށް ހެދުމަށް މި ޕްރޮޖެކްޓްގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.

" ސްކޫލް ހޮވުމުގައި ހުރިހާ އަތޮޅަކަށް ފުރުޞަތު ދެވި، އާބާދީއާއި ވަޞީލަތްތަކަށް އަޅުގަނޑުމެން ބަލާފައިވާނެ. މި ޕްރޮޖެކްޓް ނިމިގެންދާއިރު ކޮންމެ އަތޮޅެއްގައި ވެސް ނަމޫނާ އެއް ސްކޫލް ހުންނާނެ ގޮތަށް ޕްލޭން ކޮށްފައި ވާނީ" އާދިލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އިންކްލޫސިވް މޮޑެލް ސްކޫލް" ޤާއިމް ކުރުމުން އެ ސްކޫލަކުން އެ އަތޮޅެއްގެ ހުރިހާ ސްކޫލަކަށް އިންކުލޫސިވް ސަޕޯޓް ދޭނެ ކަމަށެވެ.

"ތައިބަ" ޕްރޮޖެކްޓަކީ ޖީޕީއީއާއި ވޯލްޑް ބޭންކާއި ގުޅިގެން ޔުނިސެފުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ތިން ގްރާންޓަކަށް 9.5 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *