ތަޢުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަން ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޚާއްޞަ ޕޭޖެއް

ތަޢުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަން އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ 19.5 މިލިއަން ޑޮލަރު ( 300 މިލިއަން ރުފިޔާ) ގެ ޕްރޮޖެކުޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭން ޚާއްޞަ ޕޭޖެއް އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނައިފިއެވެ.

ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީ ގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެކުލަވާލި "ތައިބަ" ޕްރޮޖެކްޓާއި އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ އެންމެ ފަހުގެ މައުލޫމާތު އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައިވާ ހާއްޞަ ޕޭޖް ‪projects.moe.gov.mv‬ ގައި މިހާރު ވަނީ ހިމަނާފައެވެ. ‬
" ތައިބަ" ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް ނިޒާމީގޮތެއްގައި ހެޔޮ ބަދަލުތަކެއް ގެނެއުމާ އެކު ރާއްޖޭގެ ތައުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ތައުލީމީ ވުޒާރާއާއި ލޯކަލް އެޑިޔުކޭޝަން ގްރޫޕް (ލެގް) އިން އެކުލަވާލި ޕާރޓްނަޝިޕް ކޮމްޕެކްޓާއެކު ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށްޓަކައި ވަރަށް އުންމީދީ ލަނޑުދަނޑިތަކަކާ އެކު އިންގިލާބީ އެޖެންޑާއެއް ވަނީ މި ޕްރޮޖެކްޓްގައި ކަނޑައަޅާފައެވެ. އަމާޒަކީ ކިޔަވައިދިނުމާއި އުނގެނުމާއި ހިންގުމުގެ މިންގަނޑުތައް މަތިކޮށް، އިންކްލޫސިވް އަދި ހަމަހަމަ އުނގެނުމުގެ މާހައުލުތައް ކުރިއެރުވުމެވެ. މި އެޖެންޑާ ތަންފީޒުކުރުމަށްޓަކައި ޔުނިސެފާއި ވޯލްޑް ބޭންކުން ވަނީ ޖީޕީއީގެ ތިން ގްރާންޓެއްގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ( 100 މިލިއަން ރުފިޔާ) ހަމަޖައްސާދީފައެވެ. ދެން ހިމެނެނީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ދޭ 13 މިލިއަން ޑޮލަރު ( 200 މިލިއަން ރުފިޔާ) އެވެ.

"ތައިބަ" ޕްރޮޖެކްޓްގައި ހިމެނެނީ 5 މިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް އާއި، 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓާއި 3 މިލިއަން އެމެރިކާ ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓްގެ މަގްސަދަކީ ސާނަވީ ތައުލީމުގެ ފުރުސަތު އިތުރުކޮށް، އޭގެ ފެންވަރު ރަނގަޅު ކުރުމެވެ. މިގޮތުން މަތީ ސާނަވީ ތައުލީމުގައި ފިރިހެން ކުދިންގެ ނިސްބަތް އިތުރުކުރުމާއި ސެކަންޑަރީ ގްރޭޑްތަކުގައި އިނގިރޭސި ބަހާއި ހިސާބު އަދި ސައިންސްގެ މާއްދާތަކަށް ސްކޫލް ފެންވަރުގެ އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމާއި ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވައިދިނުމުގެ އާދަތައް ރަނގަޅުކުރުން ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ސަބަބުން އެކްސްޓަރނަލް ކޮލިޓީ ރިވިއުތަކާއި ނޭޝަނަލް އެސެސްމަންޓްތައް މެދުވެރިކޮށް ތަޢުލީމީ ފެންވަރު ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ސްޓްރެޓެޖިކް ޕްލޭނިންގ އަދި ޕްރޮގްރާމް ޑިވެލޮޕްމަންޓަށް މި ޕްރޮގްރާމްތަކުގެ ހޯދުންތައް ބޭނުންކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި މަސައްކަތަށް ކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ( 154 މިލިއަން ރުފިޔާ) ޚަރަދު ކުރެއެވެ. އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓްގައި ދެން ހިމެނެނީ 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ގެ ޖީޕީއީ މަލްޓިޕްލެއަރ ގާރާންޓެވެ. މިއީ ޑިޖިޓަލް ބޭސްޑް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (އީއެމްއައިއެސް) ގާއިމުކޮށް އޮޕަރޭޓްކޮށް އެވިޑެންސް ބޭސްޑް ޕޮލިސީ މޭކިން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މީގެ އިތުރުން އެމްއޯއީ އާއި ސްކޫލް ފެންވަރުގެ މުވައްޒަފުން ނިންމުންތައް ނިންމުމުގައި ޑޭޓާ ބޭނުންކުރުމަށް ތަމްރީނު ކުރާނެއެވެ. އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި މި ހިލޭ އެހީގެ ދަށުން ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕޭޖުގައި ހިމަނާފައިވާ މައުލޫމާތުން އެނގޭގޮތުގައި ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިރަށް މިހާރު ދާއިރު، 25 މަޝްރޫއެއް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. މިޕްރޮޖެޖްޓްތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ ޖޫން 2028 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *