ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.
ބިޒްނަސް ފެކަލްޓީގެ ނަން ރީ ބްރޭންޑް ކުރުމުގެ އިތުރުން ވީ އިގްނައިޓް ނަމުގައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރެއް ވެސް މިއަދު ވަނީ ހުޅުވާފައެވެ.
މިކަމަށް ޓަކައި މިއަދު އެ ކޮލެޖުގައި ބޭއްވުނު ޙާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް މުޙައްމަދު ސަޢީދު އެވެ. މި ޙަފްލާގައި އެމަނިކުފާނުގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިންނާއި އަދި ވިޔަފާރީގެ ދާއިރާއިން އެކި އެކި ސިނާޢަތްތައް ރަމްޒުކޮށްދޭ ގިނަ ފަރާތްތައް ބައިވެރިވިއެވެ.
މި ޙަފްލާގައި ޤާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގ ޑީން އަބްދުﷲ ނާފިޒް ވިދާޅުވީ މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން ކަމާއި، މިއީ އުންމީދީ ތަސައްވުރަކާއި އެކު ގެނެވުނު މުހިއްމު ބަދަލެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަމާޒަކީ މި ސްކޫލަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލަކަށް ހެއްދެވުން ކަމަށް ވިދާޅުވެ، މުސްތަޤުބަލް ބައްޓަންކުރެވިގެންދާނޭ ގޮތާއި ބެހޭ ކުރު ތަސައްވުރެއް ދެއްވިއެވެ.
އެ އެފެކަލްޓީގެ ދަށުން އަލަށް އުފެއްދި ސެންޓަރ ފޮރ އިނޮވޭޝަން އެންޓަރޕްރައިޒް ޑިވެލޮޕްމަންޓާއި ބެހޭގޮތުން ޑިރެކްޓަރ އަދި ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑެޕިއުޓީން ޑީން ޑރ. ޑަމިތް ގެންގޮޑަވިލެޖް ވިދާޅުވީ، މަހެއްހާ ދުވަހުގެ ތެރޭގައި އެ އިންކިއުބޭޓަރާއި ކޯ-ވޯކިން ސްޕޭސް ވުޖޫދަށް ގެނައުމަށް ޕާޓްނަރުން އެއްބާރުލުން ދެއްވި ކަމަށެވެ.
" މިއީ މިކަން ކާމިޔާބުވި ސަބަބެވެ. މިއީ ރާއްޖޭގެ ފާހަގަކޮށްލެވޭ އަދި ތާރީޚީ ފެށުމަކަށް ވެގެންދާނެ" ޑރ. ޑަމިތް ވިދާޅުވިއެވެ.
ޑރ. ޑަމިތްގެ ވާހަކަފުޅުގައި ވީއިގްނައިޓް ބިޒްނަސް އިންކިއުބޭޝަން ސެންޓަރ ވެގެންދާނީ އެކި ފަންނުގެ ތަޖްރިބާކާރުން، އެޑްވައިޒަރުންނާއި މެންޓަރުންގެ ގޮތުގައި ހިދުމަތްދޭ، މަގުފަހިކޮށްދޭ މަރުކަޒަކަށެވެ.
މި ސެންޓަރގެ ޕަރޓަނަރއިން ގޮތުގައި ހިމެނެނީ :
- ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
- ހުވަވެއި
- ދިވެހި ރާއްޖޭގެ ގުޅުން ޕީއެލްސީ (ދިރާގު)
- ސްޕާރކް ހަބް
- ވިމެން އިން ޓެކް
- ސޮނޭވާ ނަމޫނާ
- އޮކްސިކާ ޕްރައިވެޓް ލިމިޓެޑް
- އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް މަނީ އެންޑް އެންޓްއެޕްރްނިއާޝިޕް ޑިވެލޮޕްމަންޓް
- ސްކޮޔާރ ހަބް
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
- ކަނޑޫފާ ފައުންޑޭޝަން
- ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ
މިއަދުގެ ޙަފްލާގައި ވިލާ ކޮލެޖުގެ ބިސްނަސް އިންކިއުބޭޝަން ސެންޓަރ،ވީ އިގްނައިޓް ވެސް ހުޅުއްވައިދެއްވީ މިނިސްޓަރ މުޙައްމަދު ސަޢީދެވެ.
މި ޙަފްލާ ގައި ވިލާ ކޮލެޖު އެކި އެކި ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 7 ދަރިވަރަކު އެލެވޭޓަރ ޕިޗް ހުށައެޅިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި، އިންކިއުބޭޝަން ސެންޓަރުގެ ބޭނުންތެރިކަމާއި މިފަދަ ސެންޓަރުތަކުން ގައުމުގެ އިޤްތިސާދަށް ފައިދާވާނެ ގޮތާއި މެދު ވާހަކަ ދައްކައި، މި ސެންޓަރުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ހިއްވަރު ދެއްވިއެވެ.
ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ހިންގާ ޕްރޮގްރާމްތައް، އިތުރުކުރައްވާ ފުޅާކުރެއްވި ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޤާސިމް އިބްރާހިމ ބިޒްނަސް ސްކޫލްގެ ނަމުން ރީބްރޭންޑް ކުރެއްވުމުގައި އޮނަރަބަލް ޗެއަރމަން ޤާސިމް އިބްރާހިމްގެ ނަންފުޅު އިޙްތިޔާރުކުރައްވައިފައިވަނީ ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އެ ނަންފުޅަކީ އެކަމަށް އެންމެ އެކަށޭނެ ނަންފުޅު ކަމަށް ފެނިވަޑައިގަންނަވާތީއެވެ. ބިޒްނަސް ސްކޫލާއި އިންކިއުބޭޝަން ސެންޓަރުގެ ތަސައްވަރުގެ މައްޗަށް ވައިސް ރެކްޓަރގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އަދި އިންކިއުބޭޝަން ސެންޓަރުގެ އުފެއްދުމުގައި އިންޑަސްޓްރީ ތަކުންނާއި ފަންނީ ބޭފުޅުންގެ ފަރާތް ޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
ހިޔާލު