ވިލާ ކޮލެޖުގެ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު އިންޓޭކުގެ ކިޔެވުން ފެށުމުގެ ގޮތުން ވިލާ ކޮލެޖުގައި އޮރިއެންޓޭޝަން ހަފުތާ މިއަދު ފަށައިފިއެވެ.
އޮރިއެންޓޭޝަން ހަފްތާ މި މަހު 12 އާ ހަމައަށް ކުރިއަށްގެންދާއިރު، މި ސެޝަންތަކުގެ އެހީގައި ވިލާ ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް ތަޢުލީމީ އެކި އުކުޅުތަކާއި، ވިލާ ކޮލެޖުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ވަސީލަތްތަކުގެ މަޢުލޫމާތާއި، ކޮލެޖުގެ އެކި އިޖުރާއަތްތަކާއި އަދި ކެމްޕަސްގައި ހުރި އެކިއެކި ވަސީލަތްތަކަށް އަހުލުވެރިކުރެވިގެން ދާނެއެވެ.
ވިލާ ކޮލެޖުގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކުގައި ކިޔަވަން ފެށި ދަރިވަރުންނަށް ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވަނީ އޮރިއެންޓޭޝަން ސެޝަންގައި ދަރިވަރުންނަށް އުނގެނުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ތަޢުލީމު އުނގެނުމުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމަށް ފާހަގަކުރައްވާފައެވެ.

މިއަދުގެ އޮރިއެންޓޭޝަން ފުރަތަމަ ބައިގައި، 2023 ވަނަ އަހަރު ބެޗްލަރ އޮފް ޝަރީއަތް އެންޑް ލޯގެ ކޮލެޖް މެޑަލް ހާސިލްކޮށްފައިވާ ދަރިވަރު، ފާތިމަތު ރިޒްނާ ވާހަކަ ދެއްކެވިއެވެ. 2024 ވަނަ އަހަރުގެ މެއި މަހު މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރެއްވި ރިޒްނާއަށް މިއަހަރުގެ ޤާސިމް އިބްރާހިމް އެކްސެލެންސް އެވޯޑް ލިބިވަޑައިގަންނަވާނެ އެވެ. ރިޒްނާގެ ވާހަކަފުޅުގައި، ވިލާ ކޮލެޖުން ރިޒްނާގެ ކިޔެވުމަށް އެހީތެރިވި ގޮތާއި ވިލާ ކޮލެޖުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.
އޮރިއެންޓޭޝަންގެ ފުރަތަމަ ސެޝަނަށްފަހު، ދަރިވަރުންނަށް މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އެ ހަރަކާތްތަކުގައި އެހެން ދަރިވަރުންނާއި ބައްދަލްވުމުގެ ފުރުސަތު ލިބި، ވިލާ ކޮލެޖުގެ ބައެއް ވަސީލަތްތައް ފެނުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި 77 ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
advertisment
ހިޔާލު