ކުވައިތުގައި އޮންނަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

”ޖާއިޒަތުލް ކުވައިތިއްދައުލިއްޔާ ލިޙިފްޡިލް ޤުރްއާނިލްކަރީމި ވަޤިރާއަތިހީ ވަތަޖްވީދި ތިލާވަތިހީ“ (ކުވައިތު އިންޓަރނޭޝަނަލް ޕްރައިޒް އޮފްދަ ހޮލީ ޤުރްއާން) ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ. މި މުބާރާތް އޮންނަނީ އަންނަ ނޮވެންބަރު މަހުގެ 13 އިން 20އަށެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ މި މުބާރާތުގެ 3 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވަތީ، ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވާން ހުޅުވާލާ ކަމަށެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވާން އެދި ހުށައަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ފުރަތަމަ ކެޓެގަރީ އާއި ތިންވަނަ ކެޓެގަރީގައި ބައިވެރިވާނަމަ ޙާފިޡު ކަމުގެ ސަނަދު، 12 ސެޕްޓެންބަރު 2024 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށައަޅަން ޖެހެއެވެ.

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:

1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 13 އަހަރު ފުރި، 25 އަހަރު ނުފުރޭ ބައިވެރިންނަށެވެ. ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ބައިވެރިއަކަށް ވާންވާނެއެވެ.)

2- ތަރްތީލުން ދިގުރާގަށް ތަޖުވީދުގެ ހަމަތަކާއެކު ޤުރްއާން ބަލައިގެން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 18 އަހަރު ފުރި، 40 އަހަރު ނުފުރޭ ބައިވެރިންނަށެވެ. މި ކެޓެގަރީގައި ކިޔެވޭނީ ތަޙްޤީޤް {ލަސްލަހުން ތަރުތީލުކޮށް، ތަޖުވީދުގެ ހަމަތަކާއެކު މަޤާމާތަށް} އަށެވެ. އަދި ޤުރްއާން ބަލައިގެން ކޮންމެ ތަނަކުން ދެއްކިނަމަވެސް ފަރިތަކަމާއެކު ކިޔަވަން އެނގެންވާނެއެވެ.)

3- ކުޑަކުދިންނަށް ޚާއްޞަ ކެޓެގަރީ. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 8 އަހަރު ފުރި، 12 އަހަރު ނުފުރޭ ބައިވެރިންނަށެވެ. ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ބައިވެރިއަކަށް ވާންވާނެއެވެ.)

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

1- މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.

2- މަރުކަޒުގެ އިމްތިޙާނުން ފާސްވާ ބައިވެރިންނަށް މުބާރާތަށް ދެވޭނީ މުބާރާތް ބާއްވާ ފަރާތުން (ކުވައިތުގެ އައުޤާފާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން) އޮންލައިންކޮށް ބާއްވާ އޮޑިޝަނުން ފާސްވެގެންނެވެ.

3- ނުކުޅެދުންތެރިކަން ހުންނަ ބައިވެރިންނަށާއި ތިންވަނަ ކެޓެގަރީގައި ބައިވެރިވާ ދަރިވަރަށް އެކުގައި ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *