ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގްރޭޑް 11ގެ ދަރިވަރުން ފުވައްމުލަކަށް ކުރި މައިދާނި ދަތުރުގެ ތެރެއިން ފުވައްމުލައް ގެން މިސްކިތު ވެވު ސަރަޙައްދު އިއްޔެ ސާފުކޮށްފިއެވެ.
ފުވައްމުލަކު ގެން މިސްކިތް ވެވު ސަރަޙައްދު ސާފު ކުރުމުގައި، އެ ސްކޫލުގެ ގުރޭޑް11 ގެ 24 ދަރިވަރުންނާއި އޮފިޝަލުން ބައިވެރިވިއެވެ.
ޙަމަދު ސްކޫލުން ބުނީ، އެ ސްކޫލުގެ ދަރިވަރުން އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ކުރަމުންދާ މައިދާނީ ދަތުރުގެ ތެރެއިން، ފުވައްމުލަކުގައި ހުންނަ ގެން މިސްކިތް ބަލައިލަން އިއްޔެ ކުރި ޒިޔާރަތުގެ ތެރެއިން، އެމިސްކިތުގެ ގޯތިތެރޭގައިވާ އާޘާރީ ވެވު ސަރަހައްދު ރީތިކުރުމުގެ ގޮތުން ދަރިވަރުންގެ އިސްނެގުމާއެކު އެތަން ސާފުކުރީ ކަމަށެވެ. އެކަން ކުރީ ޤައުމިއްޔަތަށް ދަރިވަރުން ލޯބި ޖެއްސުމާއި އިޖްތިމާއީ ރޫޙް އާލާކުރުމުގެ ގޮތުން ހިންގި ހަރަކާތެއްގެ ގޮތުން ކަމަށް ޙަމަދު ސްކޫލުން ބުނެއެވެ.
" ގެން މިސްކިތަކީ ރާއްޖޭގެ ތާރީޚަށް ބަލާއިރު ވެސް އެންމެ ދުވަސްވީ އެއްތަން. އަދި އާޘާރީ ތަންތަނަށް ބަލާއިރު ގެން މިސްކިތު ގޯތިތެރޭގައިވާ ވެވަކީ ވަރަށް މުޙިންމު ތަނެއް. އެތަނަށް ކުރި ޒިޔާރަތުގައި ފެނުނީ އެތަން ސާފުކުރަންޖެހިފައި އަދި އެ ސަރަހައްދުގައި ވިނަތައް ބޯވެފައި އޮތްވައި. ޒިޔާރަތްކުރާ މީހުން ސައުޤުވެރިވާފަދަ ރީތި ސާފު މާހައުލެއްގެ ގޮތުގައި އެތަން ބޭއްވުމުގެ ބޭނުމުގައި އަޅުގަނޑުމެންގެ ކުދިން އެތަން ސާފުކުރީ. ސާފުކުރުމުގެ މިހަރަކާތް ހިންގިފައިވަނީ ފުވައްމުލައްސީޓީ ކައުންސިލްގެ މޭޔަރަށް އެމަޢުލޫމާތުދެވި މޭޔަރާއި ސިޓީ ކައުންސިލުގެ ފުރިހަމަ ތަރުހީބާއެކު" ޕްރިންސިޕަލް ޝައުކަތު ވިދާޅުވިއެވެ.
މީގެ 900 އަހަރު ކުރިން ބިނާކުރި ގެން މިސްކިތަކީ ފުވައްމުލަކުގައި ފުރަތަމަ ބިނާކުރި މިސްކިތެވެ. ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން މި މިސްކިތް ބިނާކުރީ މީލާދީ ގޮތުން 1398 ވަނަ އަހަރެވެ.
30 އޮގާސްޓުން 7 ސެޕްޓެމްބަރަށް، ޙަމަދު ސްކޫލުން ކުރިއަށް ގެންދިޔަ މައިދާނީ ދަތުރަކީ އެ ސްކޫލުގެ ގުރޭޑް 11ގައި ކިޔަވާ ދަރިވަރުން ކިޔަވާ އޭއެސް މާއްދާތަކާ ގުޅުން ހުރި ސެޝަންތަކެއް ނެގުމަށް ކުރިއަށް ގެންދިޔަ ދަތުރެކެވެ. މިއީ 2015ން ފެށިގެން އެ ސްކޫލުން ކުރަމުން އަންނަ ދަތުރެކެވެ. މި ދަތުރު މައިގަނޑު ގޮތެއްގައި ކުރަނީ އައްޑުއަށާއި ފުވައްމުލަކަށެވެ.
މި ދަތުރުގައި، އައްޑޫސިޓީން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސައި ދިނީ އައްޑޫ ހައި ސްކޫލުންނެވެ. އަދި ފުވައްމުލައް ސިޓީން ހަމަޖައްސަން ޖެހުނު ހުރިހައި އިންތިޒާމްތައް ހަމަޖައްސައި ދިނީ ޏ. އޭއިސީންނެވެ.
ޝައުކަތު ވިދާޅުވި ގޮތުގައި، އައްޑޫގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިޔައީ މާއްދާތަކާ ގުޅުން ހުރި ސެޝަންތަކެވެ. އެސެޝަންތައް ނަންގަވައިދެއްވީ އައްޑޫ ހައިސުކޫލުގެ މުދައްރިސުންނެވެ. އޭގެއިތުރުން އެ ސިޓީގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަނާއި ގަމުގައި އިނގިރޭސިން ދިރިއުޅުނު ތަންތަނަށް ދަރިވަރުން ވަނީ ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައެވެ.
އަދި ފުވައްމުލަކަށް ކުރި ޒިޔާރާތުގެ މައިގަނޑު ބޭނުމަކީ ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކުރުމާއި، އެ ސިޓީގައި ހުރި އާސާރީ ތަންތަނާއި ޢާންމު ދިރިއުޅުމާއި މާހައުލުގައި ހުރި ތަފާތުތައް ދެނެގަނެ ތަޖުރިބާ ކުރުމެވެ.
“އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް އަޅުގަނޑުމެން ދަރިވަރުން ގޮވައިގެން މި ކުރި ދަތުރުގައި އައްޑޫ ހައިސުކޫލާއި ޏ. އޭއީސީން ދެއްވި އެއްބާރުލުމާއި އަދާކުރެއްވި މެހެމާންދާރީ ފާހަގަކޮށް އެދެސުކޫލުގެ ޕްރިންސިޕަލުންނާއި، މެނޭޖްމެންޓާއި އެހީތެރިވެދެއްވި އެންމެހައި މުވައްޒަފުންނާއި ވަކިން ޚާއްސަކޮށް ދަރިވަރުންނަށް އެޓޭޗްމެންޓް ދެއްވި ދެ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެއީ ހިތްހެޔޮކަމާއި މެހެމާންދާރީގެ ލާމަސީލު މިސާލެއް.”ޝައުކަތު ވިދާޅުވިއެވެ.
ހިޔާލު