ކިނބިދޫ ސްކޫލުގެ ދަރިވަރުންގެ މަސައްކަތު ދުވަހުން ވަށައި ޖެހޭ ދިރިއުޅުމެއްގެ އަމަލީ ތަޖުރިބާ

ކިނބިދޫ ސްކޫލު ދަރިވަރުންގެ މަސައްކަތު ދުވަސް އިއްޔެ ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ހުރިހާ ކުދިން ޝާމިލު ކޮށްގެންނެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10ގެ ދަރިވަރުން، ތަފާތު އެކި މަސައްކަތްތަކުގެ ތެރޭގައި ޝާމިލު ކުރީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ.

ހެނދުނު 8ން 11:30 އަށް ކުރިއަށް ގެންދިޔައީ ގުރޭޑް 6 ން ދަށުގެ ދަރިވަރުންނެވެ. މެންދުރު ފަހު ދަންފަޅި ގެންދިޔައީ ގުރޭޑް 7ން މަތީގެ ދަރިވަރުންނަށެވެ.

ކިނބިދޫ ސުކޫލް ޕްރިފެކުޓް ބޯރޑާއި، ދަރިވަރުންގެ ޖަމްޢިއްޔާއިން އިސްނަގައިގެން، މަސައްކަތު ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް އަމަލީ ދިރިއުޅުމުގެ މަސައްކަތު ހުނަރު ދަސްކޮށްދިނުމާއި، މަސައްކަތުގެ މާޙައުލުގައި އިސްނެގުމުގެ ގާބިލުކަން އަށަގެންނެވުމެވެ.

ކިނބިދޫ ސްކޫލުގެ ދަރިވަރުން، އެ ރަށު ގޭގެއަށް ޒިޔާރަތްކޮށް ގެތަކުގައި ކުރަން ހުރި މަސައްކަތްތައް އަމަލީ ގޮތުން ކުރާނެ ހުނަރުހޯދުމާއެކު އެ މަސައްކަތްކޮށް، އަދި އެ ކުރި މަސައްކަތާ އެކަށީގެންވާ އާމްދަނީ އެއް ވަނީ ހޯދާފައެވެ.

" އަޅުގަނޑުމެންގެ ބޭނުމަކަށްވީ މަސައްކަތުގެ ދުވަހެއް ފާހަގަކޮށްގެން ބޮޑު އާމްދަނީ އެއް ހޯދުމެއް ނޫން. އެކަށީގެންވާ މަސައްކަތެއް ދަރިވަރުންނާ ހަވާލުކޮށް މަސައްކަތް ކުރާނެ ރީތި ގޮތް ބުނެދީ، އެ ކުރި މަސައްކަތަކާ އެކަށީގެންވާ އުޖުރައެއް ހޯދުމާއެކު އޭގެ ހިސާބުތައް ބަލަހައްޓަން ދަސްކޮށްދިނުން" ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސައްކަތު ދުވަހުގެ ކުރިން ބެލެނިވެރިންނަށާއި ރަށުގެ ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން މަސައްކަތް ކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދީ އެކުދިން ލައްވައި ކަންތައްތައް ކުރުވުމުގެ ރޫހެއް ބެލެނިވެރިންނާއި މުޅި މުޖްތަމައުގައި ވެސް އޮތް ކަމަށެވެ.

ދަރިވަރުން ނުކުމެ ކުރި މަސައްކަތްތަކުގެ ތެރޭގައި އާންމުކޮށް ގޭގޭގައި ކުރާ، ކެއްކުމާއި ދޮވެ އިސްތިރިކުރުމާއި ވަޅުދިޔަ ހިއްކުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި ބޯކޮށުމާއި ސާފުކުރުމާއި ކެންޓީން ފަދަ ތަންތަން ހިންގަން ވެސް ބައެއް ފަރާތަކުން ހަވާލުކުރިއެވެ.

" މީގެ ތެރެއިން ދަސްކޮށްދެނީ ހަމައެކަނި މަސައްކަތް ކުރުވުމެއް ވެސް ނޫން.އަދަބު އަޚްލާޤަކީ ވެސް މުހިންމު ބައެއް. ގޭގެއަށް ވަނުމުގެ ކުރިން ސަލާމް ގޮވުމާއި، ސަލާމް ބަލައިގަތުމުން ނޫނީ ގޭގެއަށް ނުވަނުމާއި ތިމަންނަމެން މިއައީ މި މަޤްޞަދުގައި ކަމާއި އެ ކަމުގައި އެކަށީގެންވާ މަސައްކަތެއް ހަވާލުކޮށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް އެދޭނެ ގޮތާއި މަސައްކަތް ކޮށް ނިމުމުން ޝުކުރު އަދާކުރުމުގެ ރީތި އާދަތައް ދަސްކޮށްދިނުން ވެސް ހިމެނޭ" އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ މަސައްކަތު ދުވަސް ކުރިއަށް ގެންދިޔައިރު އެ ކުދިންނަށް ގައިޑްކޮށް ދިނުމަށް ޓީޗަރުންގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި ބެލެނިވެރިންގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

މި ޙަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް، ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދެއްވުމަށް، ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވި ޢިރުޝާދާއި ވެދެއްވި އެހީތެރިކަމާއި، އެއްބާރުލުމަށް އެ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *