ފިޝަރީޒް ކޮލެޖްގެ ޑީންއަކަށް ޑރ. އަޙްމަދު ރިޔާޒު ޖައުހަރީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީންއަކަށް ޑރ. އަހްމަދު ރިޔާޒު ޖައުހަރީ މިއަދު އައްޔަން ކުރައްވައިފިއެވެ.

ޑރ. އަޙްމަދު ރިޔާޒު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު، ޑރ އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ފިޝަރީޒް ކޮލެޖާއެކު ރާއްޖޭގައި މަތީ ތަޢުލީމަށް އަމާޒުކޮށް މަސްވެރިކަމާ ބެހޭ ކޯސްތަކަށް ކިޔަވައިދޭން ފެށިގެންދާނެ ކަމަށާއި އެއީ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މަސްވެރިކަމާ ގުޅުން ހުރި މަތީ ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އެ ކޮލެޖުން ހިންގައި ދިރާސާ ކުރުމުގެ މާހައުލެއް ޤާއިމް ކުރުން މުހިންމު ކަމަށެވެ.

މަޤާމާ ހަވާލުވުމަށްފަހު ޑރ. އަޙްމަދު ރިޔާޒު ޖައުހަރީ ވިދާޅުވީ، އެ ކޮލެޖް ވާނީ ހަމައެކަނި ތައުލީމު ފަތުރާ މުއަސަސާއަކަށް ނޫން ކަމަށާއި، އެ ކޮލެޖް ވާނީ އަޅުގަނޑުމެންގެ މާހައުލީ ނިޒާމްތައް ދެނެގަނެ އެތަންތަން ކުރިއަށް އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ވާޞިލް ކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށެވެ.

ޑރ. އަޙްމަދު ރިޔާޒު ވިދާޅުވީ، ފިޝަރީޒް ކޮލެޖުން ކިޔަވާ ދަރިވަރުން ވާނީ ދިރާސާތަކުގެ އަލީގައި ތަޢުލީމް ޙާޞިލްކޮށް ރާއްޖޭގެ މެރިން ސައިންސްގެ ދާއިރާގައި އިސްވެ މަސައްކަތް ކުރާ ބަޔަކަށެވެ.

" މި ދަރިވަރުނަކީ ހަމައެކަނި މޫދާ ގުޅުން ހުރި މައުލޫމާތު ހޯދާނެ ބައެއް ނޫން. މި ދަރިވަރުން ވެގެން ދާނީ މައުލޫމާތުގެ އަލީގައި މުޖްތަމަޢަށް އެންމެ ފައިދާހުރި ދެމެހެއްޓެނެވި ހައްލުތަކެއް ހޯދާނެ ބަޔަކަށް. ކަނޑު ފަޅު އަދި ފަރުތަކުގެ ނަފާ އެންމެ ފައިދާ ހުރި ހެޔޮ ގޮތުގައި ހިފަން ދަންނަ ބަޔަކަށް" ޑރ. އަޙްމަދު ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމު ވެގެން ދާނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ނަފާ އެންމެ ފުރިހަމައަށް ހޯދުމަށް މަގުފަހިކޮށްދޭ ޢިލްމަށް ކަމަށާއި އޭގެތެރޭގައި މެރިން ބައޮލޮޖީއާއި އޯޝަނޮގުރަފީ، މެރިން ބައޮލޮޖީ، މެރިން ސްޕޭޝަލް ޕްލޭނިން، މެރިން އިކޯސިސްޓަމް އެސެސްމަންޓް އެންޑް މެނޭޖްމަންޓް އަދި ފިޝަރީޒް މެނޭޖްމަންޓް ފަދަ ކޯސްތައް ހިމެނޭ ކަމަށެވެ.

ޑރ. އަޙްމަދު ރިޔާޒު ޖައުހަރީ ޕީއެޗްޑީ ހެއްދެވީ، ފްރާންސްގެ ޔުނިވާސިޓީ އޮފް މޮންޓްޕެލިއާއިން ފަންކްޝަނަލް އިކޮލޮޖީގެ ދާއިރާއިންނެވެ. މާސްޓަރ ހެއްދެވީ އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީގެ އެމްއޭއެސްސީ (ޓްރޮޕިކަލް މެރިން އިކޮލޮޖީ އެންޑް ފިޝަރީޒް ބަޔޮލޮޖީ)ގެ ދާއިރާއިންނެވެ.

ޑރ. އަޙްމަދު ރިޔާޒު ޖައުހަރީ، މަސައްކަތް ފެެއްޓެވީ އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ)ގެ އެޑިއުކޭޓަރެއްގެ ގޮތުގައި 1991 ވަނަ އަހަރު އެވެ. އީ.ޑީ.ސީ.ގައި އޭނާ އަދާ ކުރި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަރިކިއުލަމް އާއި ސިލަބަސް ޑިވެލޮޕްކުރުމާއި ޓެކްސްޓްފޮތްލިޔުމާއި ޓީޗަރ ގައިޑުންނާއި ސްޓޫޑެންޓް ވޯކްބުކް ލިޔުމާއި ސިލަބަސްތަކުގެ ތަމްރީނުތައް ހިންގުން ހިމެނެއެވެ. އީޑީސީގެ ކަރިކިއުލަމް ސެކްޝަންގައި 17 އަހަރު މަސައްކަތް ކުރުމަށްފަހު 2008 ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މެރިން ރިސާޗް ސެންޓަރ (އެމްއާރުސީ) އަށް ބަދަލުވެ ވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *