ޙުޠުބާގެ މަޤާމުގައި ހުއްޓި ހުރެ، އުއްމަތަށް ހެޔޮ ނަޞޭހަތް ދޭ ޒުވާނާއަކީ އެންމެ ހެޔޮ ނަމޫނާ ޒުވާނާ

ހުޠުބާގެ މަޤާމުގައި ހުއްޓި ހުރެ، އުއްމަތަށް ހެޔޮ ނަޞޭހަތް ދޭ ޒުވާނާއަކީ އެންމެ ހެޔޮ ނަމޫނާ ޒުވާނާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުން ފާސްވި 206 ޚަތީބުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ، އަޅުގަނޑުމެންގެ މުޖްތަމައު މިއަދު ގޮވަނީ ނަމޫނާ ޒުވާނުންނަށް ކަމަށާއި އެންމެ ރަނގަޅު ޒުވާނަކީ ހުކުރު ދުވަހު މިމްބަރުގެ މަތިން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމުގެ އެ މަތިވެރި މަޤާމުގައި އިސްލާމްދީނުގެ ދައުވަތު ފޯރުކޮށްދޭ ޒުވާނާ ކަމަށް، އެއްވެސް ޝައްކެއްނެތް ކަމަށެވެ.

" ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމަކީ އެއީ ރަސޫލުންގެ މަންހަޖު. ރަސޫލުބޭކަލުންގެ ރިސާލަތުގެ އަސްލު. އެހެން ކަމުން ހުކުރު ދުވަހުގެ ހުޠުބާގެ މަޤާމުގައި ހުއްޓި ހުރެ އިސްލާމީ އުއްމަތަށް ހެޔޮ ނަޞޭހަތް ދިނުމުގެ އެ މަތިވެރި ޝަރަފު ލިބިގެންދާ ޒުވާނަކީ އެންމެ ހެޔޮ ނަމޫނާ ޒުވާނާ" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުންނާ މުޙާޠަބުކުރައްވައި މިނިސްޓަރު ވިދާޅުވީ، އިސްލާމީ ދާއިރާ ނޫން ދާއިރާތަކުން ކިޔަވަން ބޭނުންވާ ޒުވާނުން ތިބޭނެ ކަމަށާއި އެއީ އެއްވެސް މައްސަލެއް ނޫން ކަމަށެވެ. މެޑިކަލް ޑޮކްޓަރަކަށް ނޫނީ ޕައިލެޓަކަށް ނޫނީ އިންޖިނިއަރަކަށް ވާން ބޭނުންވާ ޒުވާނުން ތިބޭނެ ކަމަށާއި އޭގެ މާނައަކީ އެމީހަކަށް އިމާމުވެ ނަމާދުކޮށް ހުޠުބާދީ ނަމާދު ނުކުރެވުމެއް ނޫން ކަމަށެވެ.

މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، އިމާމުވެ ނަމާދު ކުރުމާއި ހުކުރު ކުރުމާއި ހުޠުބާ ކިޔުމާއި ތަރާވީޙް ނަމާދު ކުރުމަށް ސަނަދެއް އޮތުމަކީ އެއީ އެމީހެއްގެ ސަޙްޝިއްޔަތަށް އިތުރުވެގެންދާ އިތުރު ފުރިހަމަ ކަމެއް ކަމަށާއި ލީޑަރޝިފަށް އިތުރުވެގެންދާ ސިފައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، " އެންމެ އުފާވަނީ ޒުވާން ޚަތީބުން މުޖްތަމައުން ބަލައިގަތްކަން. ބައެއް ރަށްރަށުގައި މާބޮޑިއާއެކު މަރުޙަބާ ކިޔާ ރަށަށް ދިޔާމާ. އީދު ނަމާދުގެ ޖަމާއަތުގައި ނަމާދުކުރަން ހަވާލު އެބަކުރޭ. ޒުވާން ޚަތީބަކު އެރަށަށް ލިބުނީމާ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި އެބަ ލިޔޭ. މިއިން އެނގެނީ އެ މުޖްތަމައަކަށް އެކަން  ބޭނުންވެފައިވާ މިންވަރު" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއް ރަށްރަށުގައި ހުޠުބާ ކިޔަމުން ދިޔަ ބޭފުޅުން އުމުރުން ދޮށިވެ، މުސްކުޅިވެއްޖެ ކަމަށާއި ޒުވާން އާ ޖީލު އާ އަޑުތަކަށް ބޭނުންވެފައިވާ ކަމަށެވެ.

" ޒުވާން ޖީލު އާ އަޑުތަކަކަށް ބޭނުންވެފައިވާ ހިނދުގައި ޒުވާން ޚަޠީބުންގެ މަޝްރޫއު މިއައީ. ވަރަށް މުހިންމު މަޝްރޫއެއްގެ ހައިސިއްޔަތުން މި މަޝްރޫއު ނޭވާ މިލީ"

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ މަޝްރޫއަކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވައި  މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، އެއީ ޒުވާން ޚަތީބުން ތަމްރީނުކޮށް ދިވެހިރާއްޖޭގެ މުސްތަޤުބަލުގައި އިސްލާމްދީނުގެ ޝިޔާރުތައް އުފުލާނެ ހަރުދަނާ ވަރުގަދަ ޖީލެއް ބިނާކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 1000 ޒުވާން ޚަޠީބުން ތަމްރީނު ކުރުން ކަމަށެވެ.

މިހާތަނަށް 300 ޚަޠީބުން ވަނީ ތަމްރީނު ކޮށްފައެވެ. ތަމްރީނު ކުރި ޒުވާން ޚަޠީބުން ދަނީ ރާއްޖޭގެ އެކި މިސްކިތްތަކުގައި ކޮންމެ ހުކުރު ދުވަހަކު އިމާމުވެ ނަމާދުކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *