މަޑުއްވަރީ ސްކޫލުގެ ބެލެނިވެރިންގެ ދުވަހު ދަރިވަރުން ދިނީ، ދޭ ހިދުމަތާއި ލޯބީގެ އަގު ވަޒަން ކުރުމުގެ ކާޑެއް

ރ. މަޑުއްވަރީ ސްކޫލުން މި އަހަރު ފާހަގަކުރި ބެލެނިވެރިންގެ ދުވަހު، ބެލެނިވެރިން ދޭ ޚިދުމަތާއި ލޯބީގެ އަގު ވަޒަން ކުރުމަށް ކާޑެއް ދަރިވަރުން ދީފިއެވެ.

ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތައް ފެށީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ކުލާސްރޫމް ތަކުގައި ދަރިވަރުން ބެލެނިވެރިންނަށް ހަދިޔާ ކުރި ކާޑުންނެވެ. މި ހަރަކާތުގައި ބެލެނިވެރިން ދަރިވަރުންނަށް ކޮށްދެއްވާ ހިދުމަތާއި ދެއްވާ ލޯބީގެ އަގު ވަޒަންކުރުމުގެ ގޮތުން ދަރިވަރުން ތައްޔާރުކުރި ކާޑު ބެލެނިވެރިންނާއި ހަވާލުކުރުމުގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިން އެކުގައި އެކި ކަހަލަ މަޖާ ގޭމްތައް ކުރިޔަށް ގެންދިޔައެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު ދެ ވަނަ ހަރަކާތަކީ ބެލެނިވެރިންގެ ޓީމްތަކުގެ މެދުގައި ކުރިޔަށް ގެންދެވުނު ފައިގަތަޅާ މުބާރާތަކާއި އޮބްސްޓަކަލް ރޭހެކެވެ. ދެޖިންސް ވަކިން ޓީމްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދެވުނު މި މުބާރާތްތަކުގައި ފިރިހެން ބެލެނިވެރިންގެ ތެރެއިން 3 ޓީމް އަކާއި، އަންހެން ބެލެނިވެރިންގެ 8 ޓީމް ހިމެނޭގޮތުން ޖުމްލަ 11 ޓީމް ވާދަކުރިއެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުތުން ކުރިޔަށް ގެންދެވުނު ބެލެނިވެރިންގެ މަސް ރޭހަކީވެސް ބެލެނިވެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކާމިޔާބު އަދި އެހާމެ ފޯރި ގަދަ ހަރަކާތެއް ކަމަށް މަޑުއްވަރީ ސްކޫލުން ފާހަގަކުރެއެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު ހަރަކާތްތަށް ނިންމާލީ ސެޕްޓެމްބަރ 29 ވަނަ ދިވަހުގެރޭ ކުރިޔަށް ގެންދެވުނު ބެލެނިވެރިންގެ "ޑިނަރ ނައިޓް"ންނެވެ.

ބެލެނިވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މުއައްޒަފުންގެ ފަރާތުން އިންތިޒާމްކުރި މި ހާއްސަ ޑިނަރ ނައިޓް ކުރިޔަށް ގެންދެވިފައި ވަނީ ސަގާފީ ތީމަކަށެވެ. މިގޮތުން ބެލެނިވެރިންނައި މުއައްޒަފުން އަދި ދައުވަތު ދިން ހުރިހާ ފަރާތްތައް ވެސް މި ޑިނަރ ނައިޓްގައި ބައިވެރިވެފައި ވަނީ ދިވެހި ސަގާފީ ހެދުމެއްގައެވެ. އަދި ފަރިއްކޮޅު ތައްޔާރުކުރެވިފައި ވަނީ ވެސް ތީމް އާއި އެއްގޮތަށް ދިވެހި ރަހަތައް ހިމެނޭ ދިވެހި ކެއުމެއްގެ ގޮތު މި ޑިނަރ ނައިޓްގައި ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު އެކި މުބާރާތްތަކުގެ ވަނަވަނަ ހާސިލްކުރި ޓީމްތަކަށް އިނާމް ހަވާލުކުރވިފައިވާ އިރު މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ މަޑުއްވަރީ ކައުންސިލްގެ ރައީސް މޙައްމަދު ސާދިގެވެ. މީގެ އިތުރުން މި ހަފަލާގައި އެ ރަށާ ކައިރީގައި އޮތް ރިސޯޓްތަކުގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ. މި ޑިނަރ ނައިޓްގެ ތެރޭގައި ސްކޫލްގެ މުއައްޒަފުންގެ ފަރާތުން ބެލެނިވެރިންނަށް ދެވޭ ހާއްސަ ހަދިޔާ ހަވާލުކުރުމުގެ އިތުރުން ބެލެނިވެރިންގެ ޝުއޫރު ފާޅުކުރުން ކުރިޔަށް ގެންދެވިފައިވެއެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު ހުރިހާ ހަރަކާތެއްވެސް ރާވާ ހިންގިފައިވަނީ ސްކޫލްގެ މުއައްޒަފުން ގުރޫޕް ތަކަކަށް ބަހާލެވިގެނެނެވެ. މި ހަރަކާތްތަކުގައި ސްކޫލްގެ ހުރިހާ މުއައްޒަފުންގެ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި ބައިވެރިވުމެއް ލިބިފައިވާކަން އެ ސްކޫލުން ބުނެއެވެ.

ވޭތުވެ ދިޔަ 3 އަހަރު ވެސް މަޑުއްވަރީ ސްކޫލްގައި ބެލެނިވެރިންގެ ދުވަސް ފާހަގަކުރެވިފައި ވާއިރު، މި ހަރަކާތުގެ ސަބަބުން ސްކޫލްގެ މުއައްޒަފުންނާއި ބެލެނިވެރިންގެ ގުޅުން ވަރަށް ބަދަހިވެގެން ދާކަން ވެސް އެ ސްކޫލުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *