ސްޕޯޓްސް ފިޝިންއާ އެކު ހަތަރު ކޯހެއް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އަލަށް އުފައްދާ ފިޝަރީޒް އެންޑް އޯޝަން ސައިންސް ކޮލެޖުން ހިންގާ ގޮތަށް ނިންމައި އިއުލާން ކޮށްފިއެވެ.
ހުޅުމާލޭގައި ޤާއިމް ކުރާ މި ކޮލެޖުގައި ކިޔަވައިދޭން އިއުލާން ކުރި ކޯސްތަކުގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިންގ ގައިޑިންގ ކޯސް ހިންގަނީ މާލެއާއި ހދ. ކުޅުދުއްފުށި އަދި ސ. ހިތަދޫގައި ހުންނަ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައެވެ. ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ކޯހާއި ނޭޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ކޯހާއި ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ކޯހެކެވެ. މި ކޯސްތައް ހިންގަނީ ފުލްޓައިމް (ބްލެންޑެޑް) މޯޑަށެވެ.
މީގެ އިތުރުން ދަނޑުވެރިކަމާއި ގުޅުން ހުރި ތިން ކޯހަކަށް ވެސް އިއުލާން ކޮށްފައިވެއެވެ. ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީން ހިންގަން އިއުލާން ކޮށްފައިވާ އެޑްވާންސްޑް ސެޓްފިކެޓް އިން ހޯޓިކަލްޗަރ ކޯސް ހިންގަނީ ލ. ގަމުގައެވެ. އެޑްވާންސްޑް ސެޓްފިކެޓް އިން މަޝްރޫމް ކަލްޓިވޭޝަން ކޯސް ހިންގަނީ ހދ. ކުޅުދުއްފުށީގައެވެ. އެޑްވާންސްޑް ސެޓްފިކެޓް އިން ޕޯލްޓްރީ ފާމިންގ ކޯސް ހިންގަނީ ސ. ހިތަދޫގައެވެ. މި ކޯސްތަކަކީ ވެސް ފުލްޓައިމް (ބްލެންޑެޑް) މޯޑަށް ކިޔަވައިދޭ ކޯސްތަކެވެ.
އެމްއެންޔުއިން ބުނީ، މި ކޯސްތަކަށް އެޕްލައިކުރާނީ 26 އޮގަސްޓު 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 03 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް ކަމަށެވެ. އެމްއެންޔޫއިން ބުނީ، މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެ ކަމަށާއި ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައި ވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ނަމްބަރުން ވެސް ލިބޭނެ ކަމަށެވެ.
advertisment
ހިޔާލު