ރ. ވާދޫ ފުޓްސަލް ދަނޑުގެ ވަށައިގެން ވިނަ ބޯވެ ހަޑިވެފައިވާ ސަރަޙައްދު އެ ރަށު ސްކޫލުގެ ދަރިވަރުންތަކެއް ސާފުކޮށްފިއެވެ. މިއީ އާންމުކޮށް އެ ދަނޑަށް ކުޅެންދާ ކުދިންތަކެއް އެ ކުދިން އަމިއްލަ އިސްނެގުމަށް ކުރި އިޖްތިމާއީ މަސައްކަތެވެ. މިކަމުގައި އުޅުނީ ގުރޭޑް 6ން ދަށުގެ ކުދިންނެވެ.
އާންމުކޮށް ރަށުގެ ޒުވާނުން ވެސް ކުޅެންދާ ދަނޑުގެ ވަށައިގެންނާއި ދަނޑުގެ ކުރިމައްޗަށް ވާގޮތަށް ވިނަ ބޯވެފައި އޮތް ސަރަހައްދު ސާފު ކުރުމުގެ މަސައްކަތުގައި 15 ވަރަކަށް ދަރިވަރުން ބައިވެރިވިއިރު، އެކަން ކުރަން އިސްނެގީ ގުރޭޑް 4ގައި ކިޔަވަމުން ދާ ތިން ކުދިންނެވެ.
" ސާފު ކުރުމުގެ މަސައްކަތް ކުދިން ކުރަމުން ދަނިކޮށް މީހަކު ފޮޓޯއެއް ނަފާގައި ފޮނުވީމާ އަޅުގަނޑަށް ލިބުނީ ސަޕްރައިޒެއް. އެ ދަނޑުގެ ބޭނުން ކުރަމުންދާ މަތީ ގުރޭޑް ތަކުގެ ކުދިންނާއި އަދި ޒުވާނުން ތިބިއިރު، އެފަދަ ކަމަކަށް އެ ކުދިން އިސްނަގައިގެން މުޖުތަމައަށް ފައިދާ ހުރި އެފަދަ ކަމެއް އިންތިޒާމްކޮށް ކުރީމާ" ވާދޫ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިޖްތިމާއީ މަސައްކަތުގައި ބައިވެރިވުމާއި ދަރުމައަށް މަސައްކަތް ކުރުމުގެ ރޫޙް ދަރިވަރުންގެ މެދުގައި އުފެއްދުމަށް އެ ސްކޫލުން މަސައްކަތްތަކެއް ކުރާތާ ދެ ތިން އަހަރު ވެފައިވާ ކަމަށާއި ދަރިވަރުންގެ އިސްނެގުމަކީ އެއީ ހެޔޮފާލެއް ކަމަށެވެ.

" އިޖްތިމާއި މަސައްކަތެއް ދަރިވަރުން އިސްނަގައިގެން ކުރުމަކީ މިސްކޫލް އެކަމަށްޓަކައި ފަހުރުވެރިވާ ކަމެއް. މި ސްކޫލުން ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ އިޖްތިމާއި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ވެސް މިފަދަ އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއް ވުން" އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސާފުކުރަން ބޭނުންވާ އާލާތްތަކާއި އަންގި އެ ކުދިން ހޯދީ މަންމަމެން ކައިރީގައި ބުނެގެންނެވެ.
" ހުރިހާ އާލާތްތަކެއް ވެސް ހޯދައިގެން ދުރާލާ ތައްޔާރުވެގެން އެ މަސައްކަތް އެ ކުދިން ކޮށްފައި ވަނީ" އިސްމާއިލް ވިދާޅުވިއެވެ.
advertisment
ހިޔާލު