އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ މަސައްކަތް އޮކްޓޯބަރުގައި ފަށައި، ދޮޅު އަހަރުގެ ތެރޭގައި ނިންމަނީ

ހުޅުމާލޭ ސެންޓްރަލް ޕާރކްގެ ކުރިމަތީގައި ބިނާކުރާ އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތުގެ މަސައްކަތް އޮކްޓޯބަރ މަހުގެ ކުރީކޮޅު ފަށައި، ދޮޅު އަހަރުގެ ތެރޭގައި އިމާރާތް ހުޅުވުމަށް ޓައިމްލައިންގައި ކަނޑައަޅާފައިވާކަމަށް އިސްލާމިކު ޔުނިވަރސިޓީން ބުނެފިއެވެ.

"ސަނާބިލް" އިމާރާތަކީ 8 ފަންގިފިލާއަށް އިމާރާތްކުރެވޭ ސްޓޭޓް-އޮފް-ދި އާރޓް ފެސިލިޓީތައް ހިމެނޭ އިމާރާތެކެވެ. މި އިމާރާތުގައި އޮޑިޓޯރިއަމާއި، ހޯލާއި، ލެބޯޓްރީތަކާއި، ކްލާސްރޫމްތައް، ފުޑް އައުޓްލެޓް އަދި އޮފީސް ޖާގަތައް ހިމެނެއެވެ. މި ތަންތަން އާންމުންނަށް ކުއްޔަށް ދޫކޮށް އައި.ޔޫ.އެމްއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަކީވެސް އެ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް އަމާޒެކެވެ.

ސަނާބިލް އިމާރާތަށް އިންވެސްޓް ކުރީ، އިސްލާމިކް ފައިނޭންސް މޮޑެލްގެ ދަށުން ކެޕިޓަލް މާރކެޓްގައި ޞުކޫކް ވިއްކަން ހުޅުވާލުމުން ދިވެހި ޤައުމީ ބޭންކްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ. ކެޕިޓަލް މާރކެޓްގައި ޞުކޫކް ވިއްކަން ހުޅުވާލީ ފާއިތުވި ޖޫން މަހުގައެވެ.

އައި.ޔޫ.އެމް އިން ވިއްކަން ހުޅުވާލި ޞުކޫކް އެއްކޮށް ސަބްސްކްރައިބް ކުރި ބީ.އެމް.އެލް އިސްލާމިކް އާއެކު ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ. އައި.ޔޫ.އެމްގައި ބޭއްވި ރަސްމިއްޔާތުގައި ބީ.އެމް.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ސީ.އީ.އޯ ކާރލް ސްޓުމްކޭ އެވެ. އައި.ޔޫ.އެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ވިދާޅުވެފައި ވަނީ، ސަނާބިލް އިމާރާތަކީ ހުޅުމާލޭގައި ބިނާކުރާ މަތީ ތަޢުލީމުގެ ފުރަތަމަ ބިނާކަމުން، ޤައުމީ ބޭންކްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިސްލާމީ މާލީ ދާއިރާގައި މުހިންމު ޕްރޮޖެއްޓެއްކަމަށާއި އަދި މިއީ ދިވެހިރާއްޖޭގައި މިފަދައިން ޢިމާރާތެއް ބިނާކުރުމަށް އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ރާއްޖޭގެ ކެޕިޓަލް މާރކެޓްގައި އިޝޫކުރެވުނު ފުރަތަމަ ޞުކޫކް ކަން ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން މިއީ ރާއްޖޭގައި އިޝޫކުރެވުނު ޞުކޫކްތަކުގެ ތެރެއިން ކަނޑައެޅުނު މުއްދަތުގައި ހޯދުމަށް ކަނޑައެޅުނު ފުލް އަދަދު ރެއިޒްކުރެވުނު އެންމެ ފުރަތަމަ ޞުކޫކް ކަމަށާއި ހަމަ އެއާއެކު މިއީ ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން އިސްލާމީ ފައިނޭންސްގެ ނިޒާމަކުން ފައިނޭންސް ރެއިޒްކުރުމަށް ހިންގުނު މިފަދަ ފުރަތަމަ ޕްރޮޖެކްޓް ކަންވެސް އަމީން ފާހަގަ ކުރެއްވިއެވެ.

މި ޕްރޮޖެކްޓްގެ ލީޑް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ވޯޓަރކްރެސް ކެޕިޓަލް ކުންފުނިންނެވެ. ޢިމާރާތުގެ ކޮންޓްރެކްޓަރަކީ އޯކް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. އަދި ޢިމާރާތްކުރުމުގެ ކޮންސަލްޓެންޓްގެ ގޮތުގައި ގެޑޯ ކޮންސަލްޓިންގ ޕްރައިވެޓް ލިމިޑެޓް އަދި ޞުކޫކް އިޝޫއަރ ގެ ގޮތުގައި އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވަނީ ހަމަޖައްސާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި ފަރާތްތަކާއެކުވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *