ނ. އަތޮޅު ސްކޫލް ތަކުގެ ހުރިހާ ލީޑިން ޓީޗަރުން ތާޒާ ކުރަން ޚާއްޞަ ވޯކްޝޮޕެއް ފަށައިފިއެވެ.
މަނަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި ކުރިއަށް ގެންދާ މި ވޯކްޝޮޕް މާދަމާ ހަވީރާ ހަމައަށް ކުރިއަށް ގެންދާއިރު ނ. އަތޮޅުގެ 13 ސްކޫލުގެ ލީޑިން ޓީޗަރުންނާއި ޕްރިންސިޕަލުން ހިމެނޭހެން 58 ފަރާތަކުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ވޯކްޝޮޕްގައި ފެސިލިޓޭޓަރުންގެ ގޮތުގައި އޮންލައިންކޮށް މެލޭޝިޔާގެ ޑިޕާޓްމަންޓް އޮފް ލަރނިންގ އިންސްޓިޓިއުޓް އަމީނުއްދީން ބާކިގެ ސީނިއަރ ލެކްޗަރާ ޑރ. ޝަންޓި ރަމަންލިންގަމް ބައިވެރިވެވަޑައިގަންވައެވެ. ދެން ބައިވެރިވެވަޑައިގަންނަވަނީ ސްކޫލް އިންޕްރޫވްމަންޓް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ތިޔާގާ އާއި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުކުރީއެވެ.
މި ވޯކްޝްޕް ކުރިއަށް ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަން (އެންއައިއީ) އާ ވެސް ގުޅިގެންނެވެ. ކޯޑިނޭޓް ކުރައްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އަބްދުﷲ އިސްމާއިލެވެ.

ވޯކްޝޮޕް އިންތިޒާމް ކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވާ. ނ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަބްދުﷲ އީސާ ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ލިޑިންގ ޓީޗަރުން ކުރައްވަންޖެހޭ މަސައްކަތްތަކާއި ޓީޗަރުންނަށް އެހީތެރިވުމުގެ ގޮތުން އެބޭފުޅުން ކުރައްވާ މަސައްކަތްތަކާއި ލިޑަރޝިޕާއި ސުޕަވިޝަން ފަދަ ބައިތައް މި ވޯކްޝްޕްގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.
" ސްކޫލެއްގެ މައިގަނޑު ގޮތެއްގައި ހިންގާ ބަޔަކީ ޕްރިންސިޕަލުންނާއެކީ ލީޑިން ޓީޗަރުން. މިފަދަ ވޯކްޝޮޕެއް ލީޑިން ޓީޗަރުންނަށް ވަރަށް މުހިންމު. އެބޭފުޅުންގެ މަސައްކަތްތަކަށާއި ކުރިއެރުމަށް ވެސް މިފަދަ ވޯކްޝޮޕެއްގެ ފައިދާ ބޮޑު" އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ވޯކްޝޮޕެއް ލީޑިން ޓީޗަރުންނަށް އަމާޒުކޮށްގެން ބޭއްވުމުގެ ޚިޔާލު ޕްރިންސިޕަލުންގެ ތެރޭގައި އުފެދިގެން އައީ މިދިޔަ އަހަރު، އެޑްމިން ސްޓާފުންނަށް އަމާޒުކޮށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ ތާޒާ ކުރުމުގެ މިފަދަ ވޯކްޝޮޕްތައް ބާއްވަން ދިމާވާ އެންމެ ބޮޑުދައްޗަކީ މާލީ ހާލަތު ކަމަށާއި މި ފަހަރުގެ ވޯކްޝޮޕް ސްޕޮންސަރކޮށް ދެއްވައި މާލީ އެހީތެރިކަން ނ. އަތޮޅުކައުންސިލުން ވެދެއްވާފައިވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ، މިފަދަ ވޯކްޝޮޕްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދަން ނ. އަތޮޅުގެ ޕްރިންސިޕަލުން ބޭނުންވާ ކަމަށާއި ސްޕޯޓް ސްޓާފުންނާއި ވަކިވަކި މާއްދާތައް ކިޔަވައިދޭ ޓީޗަރުންނަށް ވެސް އަމާޒުކޮށް މިފަދަ ވޯކްޝޮޕް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ޕްރިންސިލުން ފާހަގަ ފާހަގަކުރައްވާފައިވާ ކަމަށެވެ.
" ބަޖެޓްގެ ތެރެއިން ހަމަޖައްސައިގެން ނަމަވެސް ސަޕޯޓް ސްޓާފުންނާއި ވަކިވަކި މާއްދާތަކަށް ކިޔަވައިދެއްވާ ޓީޗަރުންނަށް އަހަރަކު ދެފަހަރު ނަމަވެސް މިފަދަ ވޯކްޝޮޕް ބާއްވަން ޕްރިންސިޕަލުން ބޭނުންވޭ. އިރާދަކުރެއްވިއްޔާ އެކަން ހަމަވެސް ޖެހޭނެ" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ ގުޅިގެން މަސައްކަތް ކުރައްވާ ނަމޫނާ ޕްރިންސިޕަލުން ކަމަށާއި މިހާރު ކުރިއަށް ގެންދާ ވޯކްޝޮޕުން ވެސް އެކަން ފާހަގަކުރެއްވޭނެ ކަމަށެވެ.
advertisment
ހިޔާލު