ތެވެލި ކޮންފަރެންސްގެ ކޭޓަރިންގެ ޚިދުމަތް ދިން ގޮތުން އެފްއެޗްޓީއެސްއަށް ބައިވެރިންގެ ތައުރީފު  

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތެވެލި ކޮންފަރެންސް ނިމިގެން ދިޔައިރު، އެ ކޮންފަރެންސްގެ ކޭޓަރިން ކަންތައްތައް ބެލެހެއްޓި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)ގެ ދަރިވަރުންނަށް ބައިވެރިން ތަޢުރީފު ކޮށްފިއެވެ. މިއީ އެ ފެކަލްޓީން ކޭޓަރިންގެ ކަންތައްތައް ބެލެހެއްޓި ދެވަނަ ފަހަރު ނަމަވެސް މިއީ މިހާތަނަށް އެ ފެކަލްޓީން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތެވެ.

ކުރީ އަހަރުތަކާ ޚިލާފަށް ނިމިގެން, ދިޔަ ކޮންފަރެންސްގައި ސާދަ ޤައުމަކުން ބައިވެރިވިއެވެ. އެ ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންގެ ތައުރީފު ވެސް އެ ފެކަލްޓީގެ ދަރިވަރުންނަށް ލިބުނެވެ.

" ބޭރުން ވަޑައިގެންނެވި ބައެއް ބޭފުޅުން ވަކިން ބައްދަލުކުރައްވާފައި ވެސް ކޮމެންޓް ކުރައްވާފައި އެބަހުރި، ކޭޓަރިންއާއި ކެއުމުގެ އިންތިޒާމްތަކާއި ކެއުމުގެ ފެންވަރު ރަނގަޅު ވެގެން" އެފްއެޗްޓީއެސްގެ ޑީން ޒީނަތު ސޯލިހު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން ވިދާޅުވި، އިންޓަރނޭޝަނަލް ކޮންފަރެންސްތަކަށް އެތައް ފަހަރަކު ދަތުރުކޮށްފީމޭ، އެ ތަންތަނާ އަޅާބަލާއިރު ހުރިހާ ކެއުމެއް ވަރަށް ފުރިހަމައޭ. ވަރަށް ކަމުދެއޭ"

ކޮންފަރެންސްގެ ކުރިން ކުރިއަށް ގެންދިޔަ ސެޝަންތަކާއި ހުޅުވުމުގެ ރަސްމިއްޔާތާއެކު ހަތަރު ދުވަހަށް ދެމިގެން ދިޔަ ކޮންފަރެންސްގެ  ކޭޓަރިންގެ ކަންތައްތައް ބެލެހެއްޓީ  އެފްއެޗްޓީއެސްއިންނެވެ. ކޮންފަރެންސް ހުޅުވި ދުވަހު އެކަނި ވެސް 450 ބޭފުޅުންނަށް ކެއުން ތައްޔާރު ކުރިއެވެ.

ޒީނަތު ވިދާޅުވި ގޮތުގައި މެންދުރުގެ ކެއުމާއި ހަވީރުގެ ސައި ގަޑިއަށް ޚާއްޞަ ކޮށްގެން " މޯލްޑިވިއަން ކޯނާ" ގެ ނަމުގައި ބެހެއްޓި ދިވެހި ކެއުންތަކަށް ވެސް ބައިވެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ޚާއްޞަކޮށް ބޭރުން ވަޑައިގެންނެވި ބޭފުޅުންނަށް އެ ރަހަތައް ވަރަށް ކަމުދިޔަ ކަމަށް އެނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮންފަރެންސްގެ މައިގަނޑު ދެ ދެދުވަހުގެ ތެރެއިން ފުރަތަމަ ދުވަހު " މޯލްޑިވިއަން ކޯނާ" ގައި ބެހެއްޓީ މަސްބަތާއި ރިހާހަކުރާއި ތެލުލިފަތާއި މަސްމިރުހެވެ. ދެވަނަ ދުވަހު ބެހެއްޓީ ބަނބުކެޔޮބަތާއި ރިހާކުރުދިޔައާއި ވަޅޯމަހާއި ލޮނުމިރުހެވެ.

ޒީނަތު ވިދާޅުވީ، ވަކި ބައެއްގެ ގޮތުގައި ދިވެހިކެއުންތަކެއް ބަހައްޓަން ނިންމީ، ކޮންފަރެންސަށް އަންނަ ގިނަ ބޭފުޅުން ކޮންފަރެންސްގެ ފަހު ދުވަހު އާންމުކޮށް ފުރައިވައިގަންނަވާއިރު، ވަގުތު އޮންނަ ގޮތުން ދިވެހި އުފެއްދުމެއް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެތީ ކަމަށެވެ.

" ގިނަ ބޭފުޅުން ކޮންފަރެންސްގެ ފަހު ދުވަހު ފުރާވަޑައިގަންނަވާނެ. އެބޭފުޅުންނަށް ތަނަކަށް ވަޑައިގެން ދިވެހި ކެއުން ފަރިއްކުޅުއްވުމުގެ ފުރުޞަތެއް ލިބިވަޑައިނުގަންނަވާނެ. އެހެންވެ ކޮންފަރެންސް ކުރިއަށްދާއިރު އަޅުގަނޑުމެން ބޭނުންވި ދިވެހިކެއުން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދޭން" ޒީނަތު ވިދާޅުވިއެވެ.

އިންޑިއަން އޯޝަން "ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓްގެ މަޤާމް ދެ ފަހަރަށް އެފްއެޗްޓީއެސްއިން ވަނީ  ހޯދާފައެވެ. މި އަހަރު ވެސް އެ ޔުނިވަރސިޓީ ވަނީ އެ ކެޓަގަރީން ނޮމިނޭޓްވެފައެވެ. އަދި އެފްއެޗްޓީއެސްއަކީ ހޮސްޕިޓަރލިޓީ މެނޭޖްމަންޓް ޔުނިވަރސިޓީ ތަކުގެ ދުނިޔޭގެ އެއްވަނައިގައި އޮތް ސުވިޒަލެންޑްގެ އިކޯލް ހޮޓެލިއާ ޑި ލޮޒާން (އީއެޗްއެލް)ގެ އެސޯސިއޭޓެޑް މެމްބަރެކެވެ.

 

ޒީނަތު ވިދާޅުވީ، އެ ފެކަލްޓީއަށް ކޭޓަރިންގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެއްވީ އެމްއެންޔޫގެ ވިޔަފާރި ވިންގް "ޔުނިވިޔަ"އިން ކަމަށާއި އެކަމަށްޓައި ޔުނިވިޔައިގެ އިސްވެރިންނަށާއި އެމްއެންޔޫގެ އިސްބޭފުޅުނަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށެވެ.

" އަޅުގަނޑުމެންނަކީ ވިޔަފާރި އުޞޫލުން ކޭޓަރިންގެ ޚިދުމަތްދޭ ބައެއް ނޫން. އެކަމަކު ލިބުނު ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ކުރީ ދަރިވަރުންނަށް އަމަލީ ގޮތުން ތަޖުރިބާތަކެއް ހޯދައިދޭން" ޒީނަތު ވިދާޅުވިއެވެ.

ޒީނަތު ވިދާޅުވި ގޮތުގައި، ކޮންފަރެންސް ބޭއްވި ވަގުތާއި އެ ފެކަލްޓީގެ ކިޔެވުން ފެށި ހަފުތާއާ ދިމާވުން ވީ އެ ބޮޑު ހަރަކާތް ކުރިއަށް ގެންދަން ލިބުނު ފަސޭހައަކަށެވެ. އެހެންވެ ކޭޓަރިންއާ ގުޅުން ހުރި ހުރިހާ ކަމެއް ގެންދިޔައީ  ސިލަބަހާއި ކަރިކިއުލަމާ ގުޅުވައިގެން އެސެސްމެންޓަށް ތައްޔާރުވާން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

" ބަދިގޭގައި މަސައްކަތްކުރާ ކުދިންނަށް، ޕޭސްޓްރީ ކުދިންނަށް، ކަލިނަރީ ކުދިންނަށް، ސިލަބަހާއި ކަރިކިއުލަމާ ގުޅުވައިގެން މަސައްކަތުގެ އަމަލީ ތަޖުރިބާއެއް މި ހޯދައި ދެވުނީ. މިހާ ބޮޑު އޯޑިއަންސަކަށް ކެއުން ތައްޔާރު ކުރަން ޖެހުމަކީ އެއީ ވަރަށް ތަފާތު އެކްސްޕީރިއަންސަކަށް އެ ދަރިވަރުންނަށް ވީ" ޒީނަތު ވިދާޅުވިއެވެ.

ޒީނަތު ވިދާޅުވީ ކޭޓަރިންގައި ހިމަނާނެ މޭނޫ އެޕްރޫވްކުރަން ފޮނުވަން ޖެހޭތީއާއި އެ މެނޫއަށް ބޭނުންވާ ތަކެތި ގަންނަން ޖެހޭތީ، ހުސްވި ޖުލައި މަހުގެ ތެރޭގައި މެނޫ ތައްޔާރުކޮށް ނިންމި ކަމަށެވެ.

އޭނާ ވިދާޅުވީ، "ތެވެލި ކޮންފަރެންސް" ގެ ކޭޓަރިންގެ މަސައްކަތުގައި ބައިވެރިވީ ހަމައެކަނި ލެކްޗަރާއިންނާއި ދަރިވަރުންނޫން ކަމަށާއި، ސަޕޯޓް ސްޓާފުންނާއި އެޑްމިން ސްޓާފުން ވެސް ހިމެނޭ ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށްށް ޒީނަތު ޝުކުރިއަދާކުރެއްވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *