ޚިޔާލު ހޯދަން ވާދޫ ޖަމާލުއްދީން ސްކޫލް ޕްރިންސިޕަލް ދަރިވަރުންނާއެކު ހެދުނުގެ ނާސްތާއަށް

ވާދޫގައި ހުންނަ ވާދޫ ޖަމާލުއްދީން ސްކޫލުގެ ގުރޭޑް 9 އާއި 10ގައި ކިޔަވަމުން ދާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް އެ ސްކޫލުގެ ޕްރިންސިޕަލް ނަޒްހާ ސަޢީދު ދެއްވައިފިއެވެ.

އިއްޔެ ހެނދުނު ބޭއްވި މި ނާސްތާ އޮތީ އެ ސްކޫލުގައެވެ.

ނަޒްހާ ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ދަރިވަރުންނާއެކު ނާސްތާއަކަށް ދާން ނިންމީ، ނުރަސްމީ ބައްދަލުވުމެއްގެ ތެރެއިން ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދަރިވަރުންނަށް ހުރިދަތިތައް ހިއްސާ ކުރެވޭނެފަދަ މާޙައުލެއް ޤާއިމުކޮށް ، ދަރިވަރުންނާއި ގުޅުންހުރި ކަންކަމުގައި ދަރިވަރުންގެ ޝާމިލުވުން އިތުރުކޮށް  ޕްރިންސިޕަލް އާއި ދެމެދުގައި ގާތް ގުޅުމެއް އުފެއްދުމުގެ މަޤްސަދުގައެވެ. އެ ބައްދަލުވުމުން ދަރިވަރުންނަށް ދިމާވާ އުނދަގޫތަކާއި އެކަންތައްތަކަށް ހައްލު ހޯދަން ކުރެވިދާނެ ކަންތައްތައް ފާހަގަ ކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

" ސްކޫލެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލަކީ އެސުކޫލެއްގައި ތަޢުލީމް ހާސިލް ކުރާ ދަރިވަރުން. ސްކޫލެއްގެ ކުރިއެރުމުގައި ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކުދިން އަދާ އެބަކުރޭ. އަޅުގަނޑަށް ގަބޫލު ކުރެވުނީ ކުދިންނަށް ކުލާސްރޫމްތަކުގައާއި އުނގެނުމުގައި ދިމާވާ ދަތިތަކަކީ ކޮބާތޯ ބަލަން ޖެހޭ ކަމަށް. އަދި އެ ކުދިންނަށް ދިމާވާ ކަންތައްތަކަށް ހައްލެއް ހޯދައި ދެވިގެން ނޫނީ އެކުދިންގެ ކިޔެވުމަށް އެންމެ އެދެވޭނެ ރަނގަޅު ހެޔޮ އަސަރެއް ނުކުރާނެ" ނަޒުހާ ވިދާޅުވިއެވެ.

ނަޒުހާ ވިދާޅުވި ގޮތުގައި، ދަރިވަރުންނާއެކު ބޭއްވި އެ ބައްދަލުވުމުން އެންމެ މުހިންމު ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރި މައިގަނޑު ކަންތައްތަކަށް ހައްލު ހޯދައި ދެއްވަން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދަރިވަރުންނަށް ދެއްވިކަމަށެވެ. ދަރިވަރުން ހިއްސާކުރި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕްރިންސިޕަލް ފާހަނގަކުރެއްވީ ސްކޫލްގައި ލެބޯޓްރީއެއް ނެތުމުން ދިމާވާ ދަތިކަން ކަމުގައިއެވެ.

" އެ ކަމަށް އެދެވޭ ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އެކުދިންގެ ކައިރިގައި ބުނިން. އެ ކުދިންނަށް ދިން އިތުބާރާއެކު އެ މަސައްކަތް ކުރަމުން މިދަނީ" ނަޒުހާ ވިދާޅުވިއެވެ.

ނަޒުހާ ވިދާޅުވީ، ލެބޯޓްރީ ނެތުމުން ބައެއް މާއްދާތަކުން ދަރިވަރުންނަށް ބޭނުންވާ ޕްރެކްޓިކަލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދާދި ފަހުން މިސްކޫލްއިން ޏ.ފުވައްމުލަކު އޭއީސީ އަށް ދަރިވަރުންނާއި އެކު ތަޖުރިބާގެ ދަތުރެއްވެސް ކޮށްފައިވާނެކަމަށެވެ. މި ދަތުރުގައި ދަރިވަރުންނަށް ޏ.އޭއީސީގެ ގެ އެހީތެރިކަމާއި އެކު ޚާއްސަ ލެބް ސެޝަންތަކެއްވެސް ކުރިޔަށްގެންދެވިފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ދަތުރުތައް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ މިއާއި އެކު ގއ.ގެމަނަފުށީ ސްކޫލްގެ އެހީތެރިކަމާއެކު މިގްރޭޑް ތަކުގެ ދަރިވަރުންނަށް ލެބޯޓްރީ ޕްރެކްޓިކަލް ސެޝަންތަކެއް ނަގަން ހަމަޖައްސާފައިވާ ކަމަށްވެސް ނަޒުހާ ވިދާޅުވިއެވެ.

ވާދޫ ޖަމާލުއްދީން ސްކޫލުގައި 104 ދަރިވަރުން ކިޔަވަމުންދާއިރު، ގުރޭޑް 10ގައި 10 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ގުރޭޑް ނުވައެއްގައި ކިޔަވަމުން ދަނީ 5 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *