ފާއިތުވި ދިރާސީ އަހަރު ލ. އޭއީސީގެ މޮޅު ދަރިވަރަކީ ހާއިޝް

ފާއިތުވި 2022-2023 ވަނަ އަހަރު ލ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ހާއިޝް ހަމީދެވެ.

ސާނަވީ އިމްތިޙާނުން ހަތަރު މާއްދާއިން އޭ ސްޓަރ އަދި ހަތަރު މާއްދާއިން އޭ ފާސް ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ ހާއިޝް ހޯދިއެވެ.

ލ. އޭއީސީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން އެސިސްޓެންޓް ޕްރޮފެސަރު، ޑރ. އައިމަނަތު ޝާފިޔާ އާދަމެވެ.

އެއްވަނަ ހޯދި ހާއިޝްއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އަދި ސީނިއަރ ޕްރިފެކްޓެކެވެ. ހާއިޝްއަކީ ރީތިކޮށް ޤުރުއާން ކިޔެވުމާއި މަދަހަ ކިޔުމާއި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ހުރި ދަރިވަރެކެވެ. ޤުރުއާން ކިޔެވުމުގެ ސްކޫލް މުބާރާތާއި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ލ. އޭއީސީ ތަމްސީލުކޮށްފައި ވެއެވެ. ޔުނީފޮމް ބޮޑީގެ ހަރަކާތެއްގެ ގޮތުން ހާއިޝް ކެޑޭޓްގައި މަސައްކަތް ކޮށްފައިވެއެވެ.

ލ. އޭއީސީން ބުނީ، ސްކޫލުގައި އުޅޭއިރު ކޮންމެ ހަރަކާތެއްގައި އުޅުނަސް ނަމާދު ވަގުތު ޖެހިއްޖެނަމަ ސްކޫލުގައި އެހެން ކުދިންނާއެކު އިމާމުވެ ނަމާދު ކުރުމަކީ ހާއިޝްގެ ފަރާތުން ފެންނަ ވަރަށް ޚާއްޞަ ސިފައެއް ކަމަށެވެ.

ލ. އޭއީސީގެ އިނާމް ދިނުމުގެ ޖަލްސާގައި ޝަރަފުވެރިމެހުމާން ޑރ. ޝާފިޔާ ވިދާޅުވީ، ބޮޑެތި ހުވެފެންތައް ދެކުމަށް ކުދިންނަސް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ދަރިވަރެއްގެ ހައިސިއްޔަތުން މަތީ ވަނަތަކާއި މޮޅުކަން ހާޞިލް ކުރަން އަޒުމް ކަނޑައަޅާ، މަސައްކަތް ކޮށްފިނަމަ އޭގެ ނަތީޖާ ފެންނާނެ ކަމަށެވެ.

ކިޔަވަން ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށާއި ދަސްކުރާ އެއްޗެއްގެ ބޭނުން އަމަލީ ދިރިއުޅުމުގައި ބޭނުން ހިފަން ކިޔަވައިކުދިންގެ ކިބައިން ޕްރިންސިޕަލް އަބްދުﷲ ނަސީޙް ވަނީ މި ޖަލްސާގައި އެދިވަޑައިގެންފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *