ސީއެޗްއެސްއީގެ ދެ ސްކޫލުގައި އާ ހަތަރު މާއްދާ ކިޔަވައިދެނީ

އަންނަމަހު ގުރޭޑް 11ގެ ކިޔެވުން ފަށާއިރު، ސީއެޗްއެސްއީގެ ދެ ސްކޫލުގައި އަލަށް ހަތަރު މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެ ދެ ސްކޫލުގައި އަލަށް ކިޔަވައިދޭނީ މެރިން ބައޮލޮޖީއާއި ޓްރެވަލް އެންޑް ޓޫރިޒަމާއި ސައިކޮލޮޖީގެ އިތުރުން ކޮމްޕިއުޓަރ ސައިންސެވެ.

އެ މިނިސްޓްރީން ބުނީ، އޭލެވެލްއަށް ބީ ޓެކް ތަޢާރަފު ކުރާއިރު، އެ ސްޓްރީމް މި އަހަރު ކިޔަވައިދޭނީ ހުޅުމާލޭގައި ހުރި ސީއެޗްއެސްއީގައެވެ. މިހާރު އެ ސްކޫލުގައި ކިޔަވައި ދެނީ ސައިންސްއާއި ބިޒްނަސް ސްޓްރީމަށެވެ.

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން ހުޅުވާލި ފުރުޞަތު ހަމަވާނީ މާދަމާއެވެ. ޖާގަ ލިބޭ ދަރިވަރުންނަށް މާދަމާއިން ފެށިގެން އަންގަމުން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސީއެޗްއެސްއީ މާލެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަބީރާ ވިދާޅުވީ ސީއެޗްއެސްއީގެ ހުޅުމާލެ ސްކޫލެކޭ އެއްގޮތަށް މާލޭގައި ހުޅުވާ ސްކޫލުގެ ފެންވަރަށް ބަދަލެއް ނާންނާނެ ކަމަށާއި ކިޔަވައި ދެއްވާނީ ވެސް ތަޖުރިބާކާރު ޓީޗަރުން ކަމަށެވެ. ޓީޗަރުންގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި މަސައްކަތް ކުރެއްވި ޓީޗަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ޓީވީއެމްގެ ހެނދުނުހެނދުނާގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، މާލޭގައި ހުޅުވާ ސްކޫލުގެ އިމާރާތަށް ގެންނަން ޖެހޭ ބަދަލު މިހާރު ގެންނަމުންދާ ކަަމަށާއި އެ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ނިންމައި އަންނަމަހު ކިޔަވަން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ސީއެޗްއެސްއީ މާލެ ހުޅުވާއިރު، ކުދިންނަށް ކިޔަވަން ފަހި މާހައުލަކަށް އެތަން ވާނެ ކަމަށާއި އެ ސްކޫލުގެ ކުލާސްރޫމްތައް ހުންނާނީ އޭސީ ކޮށްފައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ކުދިންނަށް ކިޔަވަން ފަހި މާހައުލެއް ސްކޫލުގެ ގޯތިތެރޭގައި ވެސް ޤާއިމް ކުރާނެ ކަމަށެވެ.

ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، އިތުރު ވަޞީލަތްތަކާއެކު އިތުރު އިމާރާތެއް ވެސް ކުރިއަށް އޮތް ތަނުގައި އެ ސްކޫލުގައި އަޅަން ނިންމާފައިވާ ކަމަށެވެ.

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން ހުޅުވާލި ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ. އެޕްލައި ކުރި ކުދިންނަށް މާދަމާއިން ފެށިގެން ޖާގަ ދެމުން ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *