ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސަރޗް ކޮންފަރެންސް ޤައުމީ ޔުނިވަރސިޓީން ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ތެވެލި ކޮންފަރެންސް ފަށައިފިއެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ މި ކޮންފަރެންސް އިފްތިތާޙްކޮށް ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުއެވެ.

މި އަހަރުގެ ތީމަކީ " ބްރިޖިންގ ބައުންޑަރީސް އެކްސްޕްލޯރިންގ ސިނަރޖީސް އެކްރޮސް ރިސަރޗް ޑިސިޕްލިންސް" އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސާޗްގެ މަޤާމަށް ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، މި އަހަރުގެ ބާއްވާ ކޮންފަރެންސަކީ މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ކަމަށެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ 14 ޤައުމަކުން ކޮންފަރެންސްގައި ބައިވެރިވާއިރު، 186 ކަރުދާސް ހުށައަޅާފައިވެއެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ބޭރުން ބައިވެރިވަނީ، ބަންގުލަދޭޝްއާއި މިސްރާއި އިންޑިޔާއާއި އިނޑޮނީޝިއާއާއި ޖަޕާނާއި ކެންޔާއާއި ލީބިއާއާއި މެލޭޝިއާއާއި ނިއުޒިލެންޑާއި ނައިޖީރިއާއާއި ޕާކިސްތާނާއި ކޮރެއާއި ސްރީލަންކާއި ޔޫކޭގެ އިތުރުން ޗައިނާއިންނެވެ.

ކުރީ އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް "ތެވެލި ކޮންފަރެންސްގައި ހުށަހަޅާ ޕޭޕަރު ތަކުގެ ތެރެއިން "އައުޓް ސްޓޭންޑިންގ ޕޭޕަރ އޮފް ދަ ކޮންފަރެންސް" އާއި "އަރލީ ކެރިއަރ ރިސަރޗަރ" ޕޭޕަރު ހޮވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ކޮންފެރެންސްގައި އެކި ދާއިރާތަކުގެ ދިރާސާކުރުމުގެ ތަފާތު އެކި އުސޫލުތަކާއި ހަމަތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތަފާތު ދާއިރާތަކުގައި ކުރެވިފައިވާ ދިރާސާތަކާއި ގުޅޭ ހުށައެޅުންތަށް ފެނިގެންދާނެއެވެ.

މި ކޮންފަރެންސްގެ ކީނޯޓް ސްޕީކާސް އިން ގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ އޯޝަންއޯގްރާފަރ، ޑރ. ލުކް ރެއިންވައިލް، މޯލްޑިވިސް ކްލައިމެޓް އޮބްޒަރވަޓޮރީ (އެމްސީއޯއެޗް)ގެ އެންވާރޮމެންޓަލް ސައިންޓިސްޓް، ޑރ. ކްރިޝްނަކާންތް ބުދަވަންތް، ބްރިމިންގްހަމް ސިޓީ ޔުނިވާސިޓީގެ ޕްރޮފެސަރ، ޚަވާރް ހަމީދް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީނިއަރ ކޮންސަލްޓެންޓް ސަބްސްޕެޝަލިސްޓް، ޑރ. އައިޝަތް އެލީނާގެ އިތުރުން ކިޔޯޓޯ ޔުނިވާސިޓީގެ ޕްރޮފެސަރ، ހިރޮއާކީ އޮގާޓާއެވެ.

އެކި ދާއިރާތަކުގެ ފުންނާބުއުސް ބޭފުޅުން ބައިވެރިވެލައްވާ މި ކޮންފެރެންސްގައި ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ވަސީލަތްތަށް ބޭނުންކޮއްގެން ތަޢުލީމު ފޯރުކޮއްދިނުމާއި ގުޅޭ ދިރާސާއާއި، ހިތުގެ ބަލިތަކާއި އެފަދަ ބަލިތަކަށް ހުރި ފަރުވާއާއި ގުޅުން ހުރި ދިރާސާގެ އިތުރުން އިންޕޮމޭޝަން ޓެކްލޮޖީ (އައިޓީ) ދާއިރާއާއި ގުޅުން ހުރި ދިރާސާތަށް ހިއްސާ ކުރާނެއެވެ.

"ތެވެލި ކޮންފެރެންސް" ގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންނާއި ތަޢުލީމީ ބޭފުންގެ އެއްބާރުލުމާއެކު ދަރިވަރުން އެކި ދާއިރާތަކަށް އަހުލުވެރިކުރުވައި މަޢުލުމާތު މުއްސަނދިކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *