އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމުގައި ބޭނުން ކުރާނެ 13 ސްޓަޑީ ގައިޑް ލިޔަން ބޭނުންވާ މާލީ އެހީ އެ ޔުނިވަރސިޓީން ދީފިއެވެ.
އެ ޔުނިވަރސިޓީގެ ލެކްޗަރާއިންނަށް ހުޅުވާލި ފުރުޞަތުގައި 18 ސްޓަޑީ ގައިޑް ލިޔަން ޕްރޮޕޯސަލް ހުށަހެޅިއެވެ. އޭގެ ތެރެއިން މާލީ އެހީ ދޭން ނިންމީ، 13 ސްޓަޑީ ގައިޑް ލިޔަން 310،000 ރުފިޔާއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިއާ އާދަމް ވިދާޅުވީ، ޕްރޮޕޯސަލް ހުށައެޅި ފަރާތްތަކަށް ސްޓަޑީ ގައިޑް ލިޔަން ލިޔަން އެހާ ދިގު މުއްދަތެއް ނުދޭނެ ކަމަށާއި އެންމެ ގިނަވެގެން ދެވޭނީ ތިން ތިން މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. މުއްދަތު ކަނޑައެޅުމުގައި ތިން ގޮތެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުރަތަމަ ގޮތަކީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމައި ހުށައެޅުން ކަމަށާއި އެއް މަސްދުވަހުގެ ތެރޭގައި ހުށަހަޅާ ފޮތް އައިސީއިއޭ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ފޮތެއް ނެރޭނެ ކަމަށެވެ. ދެވަނަ ގޮތަކީ، ދެ މަސްދުވަހުގެ ތެރޭގައި ހުށައަޅާ ފޮތްތައް ނޮވެމްބަރު މަހުގެ ތެރޭގައި އޮންނަ ބުކްފެއަރގައި ލޯންޗް ކުރުން ކަމަށާއި ފޮތް އެކުލަވާލަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭ ފަރާތްތަކުން ހުށައަޅާ ފޮތް ލޯންޗް ކުރާނީ އެ ޔުނިވަރސިޓީން ދެން އެންމެ އަވަހަށް ބާއްވާ ރަސްމިއްޔާތެއްގައި ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.
ޑރ. ޝާފިޔާ ވިދާޅުވި ގޮތުގައި، ސްޓަޑީ ގައިޑްގެ ގޮތުގައި އާ ފޮތެއް ލިޔުމަށްވުރެ ބޮޑަށް ބޭނުންވަނީ، މިހާރު ވެސް އެ ބޭފުޅުން ކިޔަވައިދެއްވަން އެއްކޮށްފައި ހުރި ހޭންޑްއައުޓްސްތަކާއި ލިޔުއްވާފައި ހުރި ލިޔުންތައް އެއްކޮށްލައިގެން ސްޓަޑީ ގައިޑެއްގެ ފޯމެޓަށް އަތުރާލައިގެން ވީހާ ވެސް އަވަހަށް ދަރިވަރުންނަށް އޭގެ ބޭނުން ހިފޭނެ ގޮތަށް ޕަބްލިޝް ކުރާށެވެ.
ހިޔާލު