ގަރލްގައިޑް ޙަރަކާތުން ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ މުޅި ޤައުމަށް ކުރާނެ

ގަރލްގައިޑް ޙަރަކާތުން ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް އަދި މުޅި ޤައުމަށް ވެސް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް މިރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، ގާލްގައިޑް ހަރަކާތުގެ ތެރެއިން އުނގެނުމާއި އުނގަންނައިދިނުމުގެ އިތުރު ހުނަރުތައް ދަސްވެގެންދާނެ ކަމަށާއި އެކަމުގެ ފައިދާ ލިބިގަންނަން ވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސިލޯނާ ކޭންޕަށް ރާއްޖެއިންދާ ދަރިވަރުންނާ މުޙާޠަބުކުރައްވައި އެކަމަނާ އެދިވަޑައިގެންނެވީ، " ކޮންމެ ބައިވެރިއަކު ވެސް އެދަރިވަރެއްގެ އަމިއްލަ ވަންތަ، ޤައުމީ ދީނީ ސަޙްސިއްޔަތު ހުރުމަތްތެރިކޮށް ހިތުމާއި، އެހެންމީހުންގެ ޝަހްސިއްޔަތައް އިހްތިރާމްކުރުމުގެ ޤާބިލްކަން އިތުރުކުރުމަށެވެ. އަދި އެއީ މިފަދަ ކޭންޕްތަކުގެ ބޭނުމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ، ދީނީ ކަންކަމަށް ފަރުވާތެރިވުމާއި ދިވެހި ޤައުމަށް ރީތިނަން ހޯދައިދިނުން ކޮންމެ ކުއްޖެއްގެ ވެސް އެންމެ ބޮޑު އުފަލަކަށް ހަދަންވާނެ ކަމަށެވެ. އަދި އެނާ ވިދާޅުވީ، މިދެންނެވިފަދަ ހޭލުންތެރިކަމާއި ފަރުވާތެރިކަމާއިއެކު ބިނާވާ ކުއްޖަކު ވާނީ ޤައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް ކަމަށާއި އޭރުން ދިރިއުޅުމުގައި ކާމިޔާބު ދަރިއަކަށް ވާނެ ކަމަށެވެ.

" ތިޔަ ކުދިންގެ ކިބައިން ތިޔަ ކުދިންގެ ބައިންބަފައިންނާއި މި ޤައުމު ކުރާ އުންމީދަކީ އެއީ. މާދަމާ ޚިދުމަތުގެ މައިދާނުގައި އިސްވެ ތިބުން. ދިވެހިންގެ ދީނާއި، ދިވެހި ޤައުމާއި މުޅި އިންސާނިއްޔަތައްޓަކައި ތިޔަކުދިންގެ ހަކަތަ ހޭދަކުރުން" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ޤައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *