ސާނަވީގައި ހިރިމަރަދޫ ސްކޫލުން ބައިވެރިވި ހަތަރު ދަރިވަރުން ވެސް ހަތް މާއްދާއިން ފާސްވި

40 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ހިރިމަރަދޫ ސްކޫލުގެ ގުރޭޑް 10 ގައި ފާއިތުވި ދިރާސީ އަހަރު ކިޔެވީ ހަތަރު ދަރިވަރުންނެވެ. އެ ހަތަރު ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުން އަށް މާއްދާއިން ފާސްވިއިރު، ދެ ދަރިވަރުން ހަތް މާއްދާއިން ފާސްވިއެވެ. މުޅި ނަތީޖާއަށް ބަލާއިރު، އެ ސްކޫލުން ބައިވެރިވި ހުރިހާ ދަރިވަރުން ހަތް މާއްދާއިން ފާސްވިއެވެ. މި އެ ސްކޫލުން މިހާތަނަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާއެވެ. އަދި އެ ސްކޫލުގެ މޫސާ ޤައިސް ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދިއެވެ.

ސާނަވީ އިމްތިޙާނު ހެދި ދަރިވަރުންނަށް ބަލާއިރު، ދެ ދަރިވަރުންނަށް ފާސްވާ މިންވަރަށް މާކްސް ނުހޯދުނީ ހިސާބު މާއްދާއިންނެވެ.

މިދިޔަ އަހަރު ހަތް މާއްދާއިން 75 އިންސައްތަ ކުދިން ފާސްވިއެވެ. މި އަހަރު އެ ނަތީޖާ  100 އިންސައްތައަށް އެރުމަކީ އެއީ ބޮޑު ކާމިޔާބީއެކެވެ. މިދިޔަ އަހަރު އެ ސްކޫލުން ސާނަވި އިމްތިޙާނުގައި ކިޔެވީ ދެ ދަރިވަރުންނެވެ.

ހިރިމަރަދޫ ސްކޫލުގެ ލީޑިންގ ޓީޗަރު އަދި ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އާމިނަތު މާޖިދާ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުން މަސައްކަތް ކުރަނީ ދިރާސީ އަހަރެއް ފަށާއިރު ކަނޑައަޅާ ވަކި ޓާގެޓެކަށް ކަމަށާއި އެ ޓާގެޓް ކަނޑައަޅީ ފާއިތުވި އަހަރުގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށެވެ. އަދި ހުރިހާ މުދައްރިސުން ވެސް އެ ޓާގެޓަށް، ވަކިވަކި މާއްދާތަކުން މަސައްކަތް ކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

" 2021 ވަނަ އަހަރު ނަތީޖާ ރަނގަޅު ވުމުން ވެސް ގިނަ މީހުން އޭރު ގަބޫލެއް ނުކުރޭ ނަތީޖާ ހިފެހެއްޓޭނެ ކަމަށް. ތިން އަހަރުގެ ނަތީޖާއަށްބަލާއިރު އަޅުގަނޑުމެންނަށް ރަށުގެ ރައްޔިތުންގެ އިތުރުބާރު ހޯދިއްޖެ. ފާސް ކުދިންގެ އަދަދުން އެކަން ކަށަވަރު ކޮށްދެވިއްޖެ" މާޖިދާ ވިދާޅުވިއެވެ.

2021 ވަނަ އަހަރު  ގުރޭޑް 10ގައި ހަތަރު ދަރިވަރުން ކިޔެވިއިރު، ތިން ދަރިވަރުން ފަސް މާއްދާއިން ފާސްވިއެވެ. އޭގެ ތެރެއިން ދެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެއެވެ.

މާޖިދާ ވިދާޅުވި ގޮތުގައި އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފެންވަރު ރަނގަޅު ޓީޗަރުން ގެނެސްގެން ސްޓަޑީ ކޭމްޕް ބާއްވާނެ ބަޖެޓެއް ނެތުމެވެ. އެހެންވެ އެ ރަށުގައި ކޭމްޕެއް ބޭއްވުމުގެ ބަދަލުގައި ކައިރި ރަށްރަށުގެ ސްކޫލްތަކުން ހިންގާ ކޭމްޕްތަކުގައި ފުރުޞަތު ލިބޭ ވަރަކުން ދަރިވަރުން ބައިވެރި ކުރުވަނީއެވެ.

މި އަހަރު ތިން ކުދިން ގުރޭޑް 10ގއަި ކިޔަވާއިރު، ޓާގެޓަކީ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ފަސްމާއްދާއިން ފާސްވާ މިންގަނޑުގައި ދަށްވެގެން ހިފެހެއްޓުން ކަމަށް މާޖިދާ ވިދާޅުވިއެވެ.

" ޓޮޕް ޓެންއަށް ދިއުމެއްނޫން އަޅުގަނޑުމެންގެ މެއިން ފޯކަސްއަކީ. އަޅުގަނޑުމެންގެ މެއިން ފޯކަސްއަކީ ފާސްވާ ކުދިންގެ އަދަދު އިތުރުކުރުން. އެއާއެކު ނަތީޖާ ވެސް ރަނގަޅު ކުރުން. ޓޮޕްޓެންގައި ނުހިމެނުނަސް ނަތީޖާ މިހާރަށްވުރެ ދަށް ނުވުން"

މާޖިދާ ވިދާޅުވި ގޮތުގައި އެ ސްކޫލުން ސާނަވި ނިންމި ދަރިވަރުންގެ ތެރޭގައި ފިޒިކަލް ޑިސެބިލިޓީ ހުންނަ ދަރިވަރަކު ހިމެނުނު ކަމަށާއި ހިސާބު މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އެ ދަރިވަރު ފާސްވިއެވެ.

ނާރުގެ މައްސަލަ ހުންނާތީ އަމިއްލައަށް ހިނގައިބިނގާވެ އުޅުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ގިނަ ވަގުތު ކޮޅަށް ހުންނަން ވެސް އެ ދަރިވަރަށް އުނދަގުލެވެ. އަދި ގިނައިރު ލިޔަން ޖެހުމަކީ ވެސް ދިމާވާ އެ ދަރިވަރަށް ދިމާވާ ދަތިކަމެވެ. އެ ދަތިކަމުގެ ތެރެއިން ވެސް ހަތް މާއްދާއިން ފާސްވުމަކީ އެއީ ކާމިޔާބެއް ކަމުގައި މާޖިދާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *