ޗީވްނިންގ ސްކޮލަރޝިޕްގެ ދަށުން އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީން ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހަތަރު ދަރިވަރުންނަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ "ޗީވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް"ގެ ދަށުން، އިނގިރޭސި ވިލާތް (ޔޫކޭ)ގެ ޚަރަދުގައި 4 ދިވެހި ދަރިވަރުންނަށް ޔޫކޭ ޔުނިވާސިޓީތަކުގައި މާސްޓަރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފޯރުކޮއްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ޗީވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް"ގެ މި އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި ބްރިޓިޝް ހައި ކޮމިޝަނުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ، ކެރޮން ރޮސްލާއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށާއި، އިނގިރޭސި ވިލާތުން ދޭ ޗީވްނިންގ ސްކޮލަޝިޕްއަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ޝައުގުވެރިވާ ސްކޮލަޝިޕެއް ކަމަށެވެ.

އިނގިރޭސި ވިލާތު ފަދަ ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކުގެ ތެރޭގައި، ތަޢުލީމު ހާޞިލުކުރަމުންދާއިރު ދިވެހި ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްވުމުގެ އިތުރުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމާއި، ނަމަވެސް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެފަދަ ގޮންޖެހުންތަކުން އަރައިގަންނަ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއް ކަމަށް އެކަމާނާގެ ވާހަކަފުޅު ގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ، ކެރޮން ރޮސްލާ ވިދާޅުވީ ދެ ޤައުމުން ވެސް މަސައްކަތްކުރަމުން ދަނީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން އިތުރުކުރުމާއި، އެޒުވާނުންނަކީ އެކި ދާއިރާތަކުގައި ދިވެހިރާއްޖެއަށް ޚިދުމަތްކޮށް، ޤައުމުގެ މުސްތަޤްބަލް ބިނާކުރާ ބަޔަކަށް ހެދުމަށް ކަމަށެވެ. އެގޮތުން އިނގިރޭސި ދަޢުލަތުން ދިވެހިރާއްޖެއަށް ދޫކުރާ ސްކޮލަޝިޕްތަކުގެ އަދަދު އިތުރުވެފައިވުމަކީ އުފާކުރާ ކަމެއްކަމަށާއި، މި ސްކޮލަޝިޕްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމު ދާއިރާތަކުން ދޫކުރާ ސްކޮލަޝިޕްތަކެއްކަން ހައި ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސްކޮލަޝިޕްގެ ފުރުސަތަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވިއެވެ. ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މި ސްކޮލަޝިޕްގެ ދަށުން ތަމްރީން ވި ދަރިވަރުންނަށް "އެލުމްނާއި ޕްރޮޖެކްޓް"ގެ ނަމުގައި ގްރާންޓެއް ދެވޭ ކަމަށާއި، މި ގްރާންޓް އިން ލިބޭ ފައިސާ އަކީ އެ ދަރިވަރަކު ތަޢުލީމު ހާޞިލުކުރި ދާއިރާއެއްގެ ތަރައްޤީއަށްޓަކައި ދެވޭ ގްރާންޓެއްކަން ވެސް ސަފީރުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު