ސަރުކާރުގެ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް( އެމްއެސްއެސް) ގެ ސްކޮލަރޝިޕް ޕްރޮގްރާމް "ކަލާސީން" ގެ ދަށުން މި އަހަރު ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
އެ ކުންފުނިން ހުޅުވާލީ ރާއްޖެއިން ބޭރުން މެރިޓައިމްގެ ދެ ދާއިރާއަކުން ތަމްރީނުކުރުމަށް ހަތަރު ސްކޮލަރޝިޕަށެވެ. ސްކޮލަރޝިޕަށް ހުޅުވާލީ، ނެވިގޭޝަން އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯސް އިންޖީން އޮފިސަރ ކެޑޭޓް ޓްރެއިނިންގ ކޯހަށެވެ.
މި ކޯސްތަކުގެ ޝަރުޠަކީ އޭލެވެލް 2 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުމާއި އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތަކަށްވުމެވެ. މި ކޯސްތައް ފުރިހަމަ ކުރާ ފަރާތްތަކުން، ކޯސް ފުރިހަމަކުރުމަށްފަހު އެ ކުންފުނީގައި 18 މަސްދުވަހުގެ މުއްދަތަށް ޚިދުމަތްކުރަން ޖެހެއެވެ.
އެމްއެސްއެސްއިން ބުނީ، މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން އެޕްލައިކުރަން ޖެހެއެވެ.
އެމްއެސްއެސްއަކީ ޝިޕިންގ ދާއިރާ ފުޅާކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން ދަނީ ރާއްޖެއަށް މުދާ ގެނައުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
advertisment
ހިޔާލު