ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އަލަށް ކިޔަވާ ދަރިވަރުންނަށް އޮރިއެންޓޭޝަން ފަށައިފިއެވެ.
އާންމުކޮށް ހުރިހާ ކުދިންނަށް ބާއްވާ ޖެނެރަލް އޮރިއެންޓޭޝަން އިންޔެ ވަނީ ނިމިފައެވެ. މިއަދާއި މާދަމާ ކުރިއަށް ގެންދަނީ ދަރިވަރުން އެ ޔުނިވަރސިޓީއަށް އަހުލުވެރި ކުރުވަން ކުރިއަށް ގެންދާ ސެޝަންތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ޤައުމީ ޔުނިވަރސިޓީގެ އެކި ޑިޕާޓްމަންޓް ތަކުން ކުރިއަށް ގެންދާ ސެޝަންތަކެވެ. ސެންޓްރަލް ލައިބްރަރީއާއި އެޗްއާރު ފަދަ ޑިޕާޓްމަންޓު ތަކުން އެ ޔުނިވަރސިޓީއަށް އަހުލުވެރިކުރުވަން މައުލޫމާތު ހިއްސާ ކުރާނެއެވެ.

" ސްކޫލްދައުރުގައި ސްކޫލް ތެރޭގައި އުޅޭ ގޮތަކުން ނޫން ޔުނިވަރސިޓީ ތެރޭގައި ކަންތައްތައް ރޭވި ހުންނާނީކީ. މިސާލަކަށް ކުލާހަކީ ކޮންއެއްޗެއްކަން. ސަބްޖެކްޓަކީ ކޮން އެއްޗެއްކަން. ސަބްޖެކްޓަކަށް ވަންނައިރު ކުރަން ޖެހެނީ ކޮން ކަންތައްތަކެއްކަން. މި ފަދަ ކަންތައްތަކަށް މި ތިން ދުވަސްތެރޭގައި ކުދިންގެ ލޯ ހުޅުވައިލަދޭނެ" ޑީން އޮފް ސްޓޫޑެންޓްސް ލީލާ އަޙްމަދު ވިދާޅުވިއެވެ.

އެ ދަރިވަރަކު ކިޔަވާ ކޮންމެ ފެކަލްޓީއަކުން ވެސް އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވަކިވަކިން އޮރިއެންޓޭޝަން ކުރިއަށް ގެންދާނެއެވެ.
ލީލާ ވިދާޅުވީ، ދަރިވަރަކަށް ކިޔަވަން ފެށޭނީ ސަބްޖެކްޓަކަށް ރަޖިސްޓްރީ ކުރުމުން ކަމަށާއި މި ހަފްތާގެ ތެރޭގައި ސްޓޫޑެންޓް އެޑްމިނިސްޓްރޭޓިވް ސަރވިސްއިން، ކިޔަވާ މާއްދާތަކަށް ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ދެވަނަ ސެމެސްޓަރގެ ކިޔެވުން ފަށާނީ މި މަހު 18 ވަނަ ދުވަހުއެވެ.
ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް ހުޅުވާލި ފުރުޞަތު ހަމަވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެމްއެންޔޫއިން ބުނީ ޖާގަ ހުރި ކޯސްތަކަށް ވަނުމުގެ ފުރުޞަތު މިހާރު ވެސް އޮތް ކަމަށާއި އެ ކޯސްތަކުގެ ތަފްޞީލު އެ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
advertisment
ހިޔާލު