ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަލޭ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ތިން ފިޔަވަހީގައި ވަޒަންވެރިވާ 200،000 މީހުންނަށް ބަލާއިރު މިހާރު ހުރި ސްކޫލްތަކާއެކު 22 ސްކޫލެއް ބޭނުންވާ ކަމަށެވެ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހަތެއް ނޫނީ ދިހަ ސްކޫލް ބޭނުންވާ ކަމަށާއި އެއިން ކޮންމެ ސްކޫލެއްގައި 1500 އެއްހާ ދަރިވަރުންގެ އާބާދީއެއް ހިމެނޭނެ ކަމަށް މި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
" 7ނޫނީ 10 ސްކޫލް އަޅަން ޖެހޭ، މިއީ ދައުލަތުގެ ބަޖެޓުން ވިޔަސް ބޭރު ޤައުމެއްގެ ލޯން އެހީގައި ވިޔަސް ބޮޑު ޚަރަދެއް ހިނަގާނެ ކަމެއް" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސްކޫލްތައް އެޅިގެން ދިއުމަކީ މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ލިބިގެންދާނެ ލުޔަކަށް ވާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން މި އަހަރުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރަން ފަށާނެއެވެ. މިހާރު ވެސް ދެވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތް ކުރަމުން އެބަ ގެންދެއެވެ.
ހުޅުމާލޭގެ ދެ ފިޔަވަހީގައި ހަތް ސްކޫލެއް ސަރުކާރުން މިހާރު ވެސް ހިންގަމުން ގެންދެއެވެ.
advertisment
ހިޔާލު