އުނގެނުމުގެ އަޞްލު ބޭނުމަކީ އަމިއްލަ ނަފުސަށް ހެޔޮ ބަދަލުތަކެއް ގެނައުން

އުނގެނުމުގެ އަޞްލު ބޭނުމަކީ އަމިއްލަ ނަފުސާ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަލިފުށީ ސްކޫލުގެ ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، ޑރ. އަބްދުއްލަތީފު ވިދާޅުވީ، އުނގެނުމުގެ ބޭނުމަކަށް ވާނީ ހަމައެކަނި އިމްތިޙާނު ތަކަކުން މަތީ ނަތީޖާތަކެއް ހޯދުމެއް ނޫން ކަމަށެވެ. އުނގެނުމުގެ އެއް ބޭނުމަކީ އިމްތިޙާނުތަކަށް ތައްޔާރުވެ އަދި އެ އިމްތިޙާނުތަކުން ރަނގަޅު ނަތީޖާތައް ހޯދުން ކަމަށާއި އެއީ އިލްމް އުނގެނޭ ކަމުގެ އަލާމާތެއް ކަމަށާއި އޭގެ ނަތީޖާ އެ ފެންނަނީ އިމްތިޙާނު ތަކުން ކަމަށެވެ.

ޑރ. އަބްދުއްލަތީފު ދަރިވަރުންނަށް ވިދާޅުވީ، އުނގެނުމުގެ އަޞްލު ބޭނުމަކީ ކޮބައިކަން ވިސްނަންޖެހޭ ކަމަށާއި އުނގެނުމުގެ އަޞްލު ބޭނުމަކީ އަމިއްލަ ނަފުސަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ.

" އުނގެނުމުގެ ތެރެއިން ތިޔަ ދަރިވަރުންނަށް ހެވާ ނުބައި ވަކިވާން ޖެހޭނެ. ތިމާ ކައިރިވާން ޖެހޭ ކަންތައްތަކާއި ތިމާ ދުރުވާން ޖެހޭ ކަންތައްތައް ދަރިވަރުންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭނެ. އުނގެނުމުގެ ތެރެއިން ތިޔަ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގަންނަވަމުން ދާން ޖެހޭނެ. ހަމައެއާ އެކީ ދީނީ ކަންތައްތަކާ ރައްޓެހިވެ، ކައިރިވެ، އެކަން އާދަޔަކަށް ވެގެން ދާން ޖެހޭނެ" އުނގެނެވޭ ކަމުގެ އަލާމާތްތަކެއްގެ ގޮތުގައި ބަޔާން ކުރައްވައި ޑރ. އަބްދުއްލަތީފު ވިދާޅުވިއެވެ.

" ތިޔަ ދަރިވަރުން މުރާލިވާން ޖެހޭނެ. ކަންނެތްކަން ދޫކޮށްލަން ޖެހޭނެ. ފަތިހާ ތެދުވާން ޖެހޭނެ. ފަތިސްނަމާދަށް ތެދުވޭތޯ ބަލަންޖެހޭނެ. ހެނދުނުގެ ބަރަކާތްތެރިކަމުގެ ފައިދާ ހޯދަން ޖެހޭނެ"

އުނެގެނުމަކީ ހަމައެކަނި ސްކޫލުގެދައުރާ ހިސާބުން ނިމޭނެ ކަމެއް ނޫން ކަމަށާއި އުނގެނުމުގެ މި މަރުހަލާގެ ތެރޭގައި ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ދެން އޮތް މަރުހަލާއަށް ތައްޔާރުވުން ކަމަށާއި އުނގެނުމަށް ނިނުމެއް ނެތް ކަމަށް ޑރ. އަބްދުއްލަތީފު ހަނދާންކޮށްދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭގެ ޒާތުގައި އުނގެނޭނެ ގޮތްތަކާއި ހުނަރުތައް ވެސް ދަސްކުރަން ޖެހޭނެއެވެ. ސްކޫލުގައި ހޭދަކުރާ ދުވަސްވަރު ހޭދަކުރަން ޖެހޭނީ އުނެގެން ކަމަށާއި ދަސްކުރުމާއެކީގައި އުނގެނެން އިތުރަށް ތަރައްޤީކޮށް ރަނގަޅު ކާމިޔާބީތައް ހޯދުމުގެ އިތުރުން ސަމާލުކަން ދޭންޖެހޭނެ ކަމަކީ ވަގުތު ތަރުތީބު ކުރުންކަން ފާހަގަކުރެއްވިއެވެ.

" ވަގުތު ތަރުތީބު ކުރުމުގައި ހިމެނޭނެ ތަފާތު ޝެޑިއުލްތައް ހެދުމާއި ޓާއިމްޓޭބަލްތައް ހެދުމާއި އެއާ އެއްގޮތަށް އަމަލުތައް ބެހެއްޓުން. އެއާއެކު މުހިންމު ހުނަރެއް އެއީ ކުލާހުގައި މުދައްރިސް ފިލާވަޅު ކިޔާ ދެއްވާއިރު ކިހިނެއްތޯ ނޯޓް ނަގާނީ. ޚާއްޞަކޮށް މަތީ ސާނަވީގައި ކިޔަވާއިރު މުހިންމު ހުނަރަކަށް ވާނެ. އަދި އެއަށްވުރެ މައްޗަށް ދާއިރު އެ ހުނަރު މުހިންމުވެގެން ދާނެ. މުދައްރިސް ފިލާވަޅު ކިޔައިދެއްވާއިރު މުހިންމު ކަންތައްތައް ނޯޓް ކުރާނީ ކިހިނެއްތޯ. ޓެސްތް ފޮތަކުން މައުލޫމާތުތައް ކިޔާއިރު މުހިންމު ބައިތައް ނޯޓް ކުރާނީ ކިހިނެތްތޯ ކޮންބައެއްތޯ ނަގާނީ ކޮންބައެއްތޯ ދޫކޮށްލާނީ. އެހެން ވަޞީލަތަކުން މައުލޫމާތު ހޯދާއިރު ކިހިނަކުންތޯ ނޯޓް ކުރާނީ"

ސުވާލު ކުރުމުގެ ހުނަރަކީ މުހިންމު ހުނަރެއްކަން ދަރިވަރުންނަށް ބަޔާންކޮށްދެއްވައި ޑރ. އަބްދުއްލަތީފު ވިދާޅުވީ، ސުވާލުކޮށް ކަންތައްތައް ހޯދުމަކީ ކިޔަވާ ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފައެއް ކަމަށެވެ. ކަންތައްތަކާ މެދު ސުވާލުކޮށް މައުލޫމާތު ތަނަވަސްކުރަންޖެހޭނެ ކަމަށާއި ކަންތައްތައް އޮންނަ ގޮތް އޮޅުން ފިލުވަންޖެހޭނެ ކަމަށެވެ. މީހަކު ބުނާ ވާހަކައެއް އެ ބުނާ ގޮތަށް ޤަބޫލު ކުރުމަކީ އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެ ވާހަކައެއްގެ ތެދުދޮގު ޚާއްޞަކޮށް ދަރިވަރުން ބަލަންޖެހޭނެ ކަމަށެވެ.

" މައްސަލަތައް ހައްލު ކުރުމުގެ ހުނަރު އަށަގެންނެވޭތޯ މަސައްކަތް ކުރަންޖެހޭނެ. ދިރިއުޅުމަށް ތިޔަ ކުދިން ތައްޔާރު ވާއިރު ދިރިއުޅުމުގައި ތަފާތު މައްސަލަތައް ކުރިމަތިވާނެ. ގޮންޖެހުންތައް ކުރިމަތިވާނެ. އެ ކަންތައްތަކަށް މި ދުވަސްވަރު ތައްޔާރުވާން ޖެހޭނެ. އަހަރަމެން އުޅެން މިޖެހެނީ އެހެން މީހުންނާ އެކީގައި. އެހެންވީމާ މި ދުވަސްވަރަކީ ތިޔަ ދަރިވަރުން މުއާމަލާތުކޮށް މުއާޞަލާތު ކުރަން ދަސްކުރަން ޖެހޭނެ ދުވަސްވަރެއް. އަދަބު އިޚްތިރާމާ އެކީގައި އެހެން މީހުން ދައްކާ ވާހަކަ އަޑުއަހާނީ ކިހިނަކުންތޯ. އަދި ތިމާ އެހެން މީހުންނާ މުއާމަލާތް ކުރާނީ ކިހިނަކުންތޯ. މިއީ ދަސްކުރަންޖެހޭނެ ކަންތައްތަކެއް"

ޑރ. އަބްދުއްލަތީފު ކިޔަވައި ކުދިންނަށް ހަނދާން ކޮށްދެއްވީ، ކިޔަވަމުންދާ މި ދުވަސްވަރަކީ އެ ކަންކަމަށް އެންމެ މުނާސަބު ވަގުތު ކަމަށާއި އެއާއެކު ފޮތް ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.

" ފޮތާ ގާތްވާން ޖެހޭނެ ފޮތާ ރައްޓެހިވާން ޖެހޭނެ"

އަލިފުށީ ސްކޫލުގައި އޭނާ ކިޔަވާވިދާޅުވީ ދުވަސްވަރުގެ ހަނދާންތައް އާ ކުރައްވައި، އަލިފުއްޓަކީ އަލިފުށީކަން ހަނދާންކޮށް މަސައްކަތްތެރި އެ ރަށުގެ ފަންނުވެރިކަން ކުރިއަށް ގެންދަން ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ޑރ. އަބްދުއްލަތީފު އެދިވަޑައިގެންނެވިއެވެ.

އޭނާ ވިދާޅުވީ އަލިފުށީގެ މަސައްކަތެރިކަމުގެ ވާހަކައަކީ ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށް އޭނާ ޑރ. އަބްދުއްލަތީފު ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *