ހދ. އޭއީސީގެ "ކެރިއަރ ޓޯކް" މަހަކު އެއް ފަހަރު ބާއްވަނީ

ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް، ކުރިއަށް ދާނެ ދާއިރާއެއް ޚިޔާރު ކުރަން މަގުފަހިކޮށްދީ ހޭލުންތެރިކަން އިތުރު ކުރަން އެ ސްކޫލުން " ކެރިއަރ ޓޯކް" ފަށައިފިއެވެ. މިއީ އެކިއެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ތަޖުރިބާތަކާއި އެބޭފުޅުން ކެރިއަރއެއް ބިނާކުރި ގޮތް ކިޔައިދޭ ސިލްސިލާ ޕްރޮގްރާމެކެވެ. މަހަކު އެއް ދުވަހު ބާއްވާ ސެޝަން ޚާއްޞަ ކުރަނީ ގުރޭޑް 7އާއި 8 އަދި 9ގެ ދަރިވަރުންނަށެވެ. މި ސެޝަންތަކުގައި ދަރިވަރުންނަށް ސުވާލު ވެސް ކުރެވޭނެއެވެ.

" ކެރިއަރ ޓޯކް" ގެ ފުރަތަމަ ސެޝަންގައި ހުސްވި ހަފުތާގައި މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީޖާ އަލީއެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ދަރިވަރު ނޫހަށް ވިދާޅުވީ، "ކެރިއަރ ޓޯކް"ގައި އެ ރަށުގައި ތިއްބެވި އެކިއެކި ދާއިރާތަކުގެ ފަންނުވެރިން، އެބޭފުޅުން ކެރިއަރއެއް ކަނޑައެޅުމުގައި ވިސްނުން ގެންގުޅުނު ގޮތްތަކާއި ކެރިއަރއެއް ބިނާކުރަން ކުރި ދަތުރުގައި ދިމާވި ކަންތައްތައް ދަރިވަރުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން ސްޓްރީމެއް ކަނޑައެޅުމަށާއި މަތީ ތަޢުލީމަށް ދަރިވަރުން ދާއިރު ކުރިއަށް ދާނެ ދާއިރާއެއް ދުރާލާ ކަނޑައަޅަން މަގުފަހިވެގެންދާނެ ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވި ގޮތުގައި، އެ ސްކޫލުން އެ ޕްރޮގްރާމް ފެއްޓެވީ ގުރޭޑް 10 ނިންމާއިރު، ކުރިއަށް ދާނެ ދާއިރާއެއްގެ ވިސްނުމާއި ފިކުރު ގިނަ ދަރިވަރުންގެ ކިބައިގައި ނުހުންނާތީއާއި ކެރިއަރއެއް ބިނާކުރަން ދަރިވަރުންނަށް މަގުފަހިކޮށް ދިނުމުގެ ގޮތުންނެވެ.

" ފާއިތުވި ހައެއްކަ އަހަރުގެ ތަޖުރިބާއަށް ބަލާއިރު ވެސް ސްޓްރީމެއް ކަނޑައެޅުމުގައި ވެސް، އަދި ގުރޭޑް 10 ނިމިގެން ދާއިރުވެސް ކުރިއަށް ދާނެ ދާއިރާއެއް އަމިއްލަ މިނިވަންކަމާއެކު ނިންމަން ގިނަ ދަރިވަރުންނަށް ދަތިވޭ. އަދި ބައެއް ފަހަރު ދިމާވާ ކަމެއް، އެކަންކަމާ މެދު ދަރިވަރުންގެ ވިސްނުން ވެސް ހަނިކަން. އާންމުކޮށް ގިނަ ދަރިވަރުންގެ ވިސްނުން ހުންނަނީ ޑޮކްޓަރަކަށް ނޫނީ ނަރުހަކަށް ނޫނީ ޓީޗަރަކަށް ވާން. އަޅުގަނޑުމެންގެ ބޭނުމަކީ ދާއިރާތައް ވީހާވެސް ފުޅާކޮށް ކުދިންނަށް ވިސްނަން ޖާގަ ދީ ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވިފައިވާކަން ކިޔައިދިނުން" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ކާމިޔާބު ދަރިވަރަކަށް ވަނީ އޯލެވެލްއާއި އޭލެވެލް ނުވަތަ ބައިވެރިވާ ކޯހަކުން ހޯދާ ނަތީޖާއިން ނޫން ކަމަށާއި ކާމިޔާބު މީހަކަށް ވަނީ ކިޔެވިއެއްޗެއްގެ އަލީގައި ދިރިއުޅުމުގައި ކާމިޔާބު ހޯދާ މީހާކަން ދަރިވަރުންނަށް މި ޕްރޮގްރާމުގެ އެހީގައި އެކިއެކި ފަންނުގެ ބޭފުޅުންގެ ތަޖުރިބާއިން ކިޔައިދެއްވާނެ ކަމަށެވެ.

މަތީން ވިދާޅުވީ، "ކެރިއަރ ޓޯކް" ގެ ފުރަތަމަ ސެޝަނަށް ދަރިވަރުންގެ ބޮޑު ސަމާލުކަމެއް ލިބުނު ކަމަށާއި ކުރިއަށް ހުރި ސެޝަންތަކުގައި ވެސް ތަފާތު ދާއިރާތަކުގެ ބޭފުޅުންގެ އެހީތެރިކަމާއެކު އެ ޝައުޤުވެރިކަމާއެކު  ގެންދަން ބޭނުންވާ ކަމަށެވެ.

" ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވާން ވަކި މަސައްކަތެއް ކުރާކަށް ނުޖެހޭ. ދަނޑުވެރިކަން ކުރިޔަސް މަސްވެރިއަކަށް ވިޔަސް އަމިއްލަ މަސައްކަތެއް ކުރިޔަސް ކެރިއަރއެއްގެ ގޮތުގައި އާމްދަނީ ލިބޭ މަސައްކަތެއްގައި ދެމި ހުރުމުން ކާމިޔާބު މީހަކަށް ވަނީ. މި ސްކޫލް ނިންމި ދަރިވަރުންގެ ތެރޭގައި ރަނގަޅު ނަތީޖާ ނުހޯދޭ ދަރިވަރުން މިއަދު ކާމިޔާބު އަމިއްލަ ވިޔަފާރިތައް އެބަ ހިންގާ. އެ ހިސާބަށް ދާން ކުރި މަސައްކަތް އަޅުގަނޑުމެންގެ ބޭނުން ވަނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ކިޔައިދެން." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، "ކެރިއަރ ޓޯކް" ކުރިއަށް ގެންދާނީ ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ގޮތުގައި ކަމަށާއި އެ ޕްރޮގްރާމުގެ ނަތީޖާއަށް ބަލައި ބަދަލުތަކެއް ގެންނަން ފެންނަނަމަ އެ ބަދަލެއް ގެންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *