ތަރުކާރީ އާއި މޭވާ އަދި މާ ބަގީޗާ ހައްދާ ފަރާތްތަކަށް ޚާއްޞަ ކޯހެއް އެމްއެންޔޫގައި

ތަރުކާރީއާއި މޭވާ އަދި މާ ބަގީޗާ ހައްދައިގެން ވިޔަފާރީއެއް ފުޅާ ކުރުމަށް ޚާއްޞަ ދަނޑުވެރިކަމުގެ ކޯހެއް އެމްއެންޔޫގައި ފަށަން ތައްޔާރު ވެއްޖެއެވެ. ދެ ވަނަ ސެމެސްޓަގެ ކިޔެވުން ފަށާއިރު، ހޯޓިކަލްޗަރގެ ނަމުގައި ހިންގާ މި ކޯހުގެ ކިޔެވުން ވެސް ފަށާނެއެވެ.

އެޑްވާންސް ސެޓްފިކެޓް ލެވެލްގެ މި ކޯހަކީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ބަގީޗާގެ ގޮތުގައި މާ ހައްދާ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމާއި، އަދި އަލަށް ކުދި ވިޔަފާރިއެއްގެ ގޮތުގައި މި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ދަނޑުވެރި ކަމުގެ ކޯހެކެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، ކެއުން ބުއިމަށް ބޭނުން ކުރާ ބާވަތްތަކާއި މާ އަޅާ ގަސްތައް ހެއްދުމަކީ އާންމުކޮށް ބައެއް މީހުން ހައްދާ އުޅޭ ބާވަތްތަކުގެ ގަސްތައް ނަމަވެސް މި ކޯހުގައި ބައިވެރިވެގެން ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފަރީއެއްގެ ގޮތުގައި އެކަން ފުޅާ ކުރުމުގެ މައުލޫމާތާއި ހުނަރު ދަސްކޮށްދޭނެ ކަމަށެވެ.

މޯލްޑިވިސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެމްއެންކިއުއެފް ލެވެލް 4 ގެ މި ކޯސް ހިންގަނީ މާލޭގެ އިތުރުން ލ. ގަމާއި އައްޑޫ ސިޓީ ހިތަދޫ ކެމްޕަހުގައެވެ. ބްލެންޑެޑް މޮޑާލިޓީގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ މި ކޯހަކީ 1 އަހަރުދުވަހުގެ މުއްދަތުގެ ކޯހެކެވެ.

އެމްއެންޔޫއިން އަލަށް ފަށާ މި ކޯހަށް ވަންނަން ޖީސީއީ އޯއެލް/އެސްއެސްސީ އަދި އެޗްއެސްސީ އިން "ސީ" ނުވަތަ އެއަށްވުރެ މަތިން ފާސްވެފައި ވުމާއި ޖީސީއީ އޭއެލް އިން "އީ" ނުވަތަ އެއަށްވުރެ މަތިން ފާސްވާން ޖެހެއެވެ.

ކޯހުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *