ދެ ދުވަސްތެރޭ 380 ދަރިވަރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އޭލެވެލްއަށް ކިޔަވަން ޕްރީ އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
" މި މަހު ތިން ވަނަ ދުވަހު ޕްރީ އެޕްލިކޭޝަނަށް ހުޅުވާލީމާ ފުރަތަމަ ދުވަހު 180 އެޕްލިކޭޝަން، ދެ ދުވަސްތެރޭ 380 އެޕްލިކޭޝަން ލިބުމަކީ އެއީ ވަރަށް ބޮޑު އަދަދެއް" ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވިއެވެ.
އަލީ މުސްތަފާ ވިދާޅުވީ، އެ ސްކޫލަށް ވަންނަން އެދޭ ހުރިހާ ކުދިންނަށް މި އަހަރު ފުރުޞަތު ނުދެވޭނެ ކަމަށެވެ.
" އަޅުގަނޑުމެންގެ ޖާގަ ހުރީ ވަރަށް ލިމިޓްކޮށް، އެދޭ ހުރިހާ ކުދިންނަށް ޖާގަ ނުދެވިދާނެ. ޖާގަ ދެމުން ގެންދާނީ ޕްރީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން ޝަރުތު ހަމަވާ ކުދިންނަށް" އަލީ މުސްތަފާ ވިދާޅުވިއެވެ.
ޕްރީ އެޕްލިކޭޝަނަށް ވިލާ ހައި ސްކޫލުން ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޯލެވެލް ނަތީޖާ މި މަހު 13 ވަނަ ދުވަހު ލިބުމުން ޕްރީ އެޕްލިކޭޝަން ހުށަހެޅި ކުދިންނަށް ނަތީޖާ އަޕްލޯޑް ކޮށްލެވޭނެ ކަމަށް ވިލާ ހައި ސްކޫލުން ބުންޏެވެ.
" ނަތީޖާ އަޕްލޯޑް ކުރީމާ ތަރުތީބުން ތިން ދުވަސް ތެރޭ އަޅުގަނޑުމެން އެ ކުދިންނަށް ޖާގަ ދީ ނިންމާނަން" ޕްރިންސިޕަލް ވިދާޅުވިއެވެ.
އަލީ މުސްތަފާ ވިދާޅުވީ، ސަރުކާރު ސްކޫލްތަކަށް ކުދިން ވައްދާފައި ބާކީވާ ކުދިން އަންނަންދެން އެޑްމިޝަން ޕްރޮސަސް އެ ސްކޫލުން ލަސްނުކުރާނެ ކަމަށާއި އެޕްލިކޭޝަން ހުށަހެޅި ތަރުތީބުން ކުދިންނަށް ޖާގަ ދީ ނިންމާނެ ކަމަށެވެ.
" ދެވަނަ އިޚްތިޔާރެއްގައި އަންނަ ސްކޫލަކަށް ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލް އަޅުގަނޑުމެން ނުހަދާނަން. އެގޮތަށް ބަލައިވެސް ނުގަންނާނަން. އަޅުގަނޑުމެންގެ އުޞޫލުގެ ތެރެއިން، ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރެމިއަމް ސާވިސްއެއް ޕްރޮވައިޑް ކޮށްދޭނަން" އަލީ މުސްތަފާ ވިދާޅުވިއެވެ.
އޭލެވެލްއަށް ޝަރުޠު ހަމަވާ ދަރިވަރުންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ކިޔަވާ ދަރިވަރުންނަށް ސަރުކާރުން އައީ ފީ ދައްކައި ދެމުންނެވެ. މި އަހަރުން ފެށިގެން އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކާނީ ސަރުކާރު ސްކޫލްތަކުން ޖާގަ ނުދެވޭ ހާލަތެއްގައި ޝަރުތު ހަމަވާ ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަނުން އޮތީ އެ ސްކޫލަށް އަންގާފައެވެ.
advertisment
ހިޔާލު