ގއ. ދާންދޫ ސްކޫލުން ފާއިތުވި 2022-2023 ވަނަ ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އައިޝަތު އާލާ އަހުމަދާއި މަރިޔަމް ނޫރާ އަޙްމަދު ހޮވައިފިއެވެ.
އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަޖީބެވެ.
އާލާ އެއްވަނައަށް ދިޔައީ ސާނަވީންނެވެ. ނޫރާ އެއްވަނައަށް ދިޔައީ މަތީ ސާނަވީ ބައިންނެވެ.

ސާނަވީން އެއްވަނައަށް ދިޔަ އާލާ، ގުރޭޑް 4ން ފެށިގެން ޕްރިފެކްޓެއްގެ ގޮތުން މަސައްކަތް ކުރިއެވެ. ގުރޭޑް 10 ގައި ހެޑް ޕްރިފެކްޓެއްގެ ގޮތުން މަސައްކަތް ކުރިއެވެ. އާލާ ވަނީ އަދަބީ މުބާރާތްތަކާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބީތަކެއް ހޯދާފައެވެ. އާލާ ވަނީ ސާނަވީން ގައުމީ ގަދަ ދިހައެއްގެ ނުވަވަނަ ހޯދާފައެވެ.
ސިއްޙީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އާލާ މިހާރު ކިޔަވަމުން ދަނީ ސީއެޗްއެސްއީގެ ގުރޭޑް 11 ގައެވެ.
2021-2022 ވަނަ ދިރާސީ އަހަރު އޭލެވެލްއަށް ކިޔަވައިދޭން ފެށި ދާންދޫ ސްކޫލުން މަތީ ސާނަވީން އެއްވަނައަށް ދިޔަ ނޫރާއަކީ ގިނަ ގޮންޖެހުންތަކާއެކު ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރިދަރިވަރެކެވެ. މަތީ ސާނަވީގައި އޭނައަށް ލިބުނީ އެއް އޭސްޓަރ އާއި ދެ ބީގެ އިތުރުން ދެ ސީއެވެ.

ނޮޓިންގހަމް ޔުނިވަރސިޓީން ފައިނޭންސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން، ކިޔަވަން އަންނަ ހަފްތާގެ ތެރޭގައި ނޫރާ މެލޭޝިޔާއަށް ފުރާނެއެވެ.
ދިވެހި ކުލަބުގެ ރައީސްކަމާއި ސީނިއަރ ޕްރިފެކްޓެއްގެ ޒިންމާ ނޫރާ އަދާކޮށްފައިވެއެވެ.
advertisment
ހިޔާލު