އުކުޅަހު ސްކޫލުގެ ފެހި މަދަރުސާގެ ދަށުން ގަސްއިންދުމުގެ ޕޮރޮގްރާމެއް އެ ސްކޫލުން ފަށައިފިއެވެ. މިއީ ގަސްއިންދުމާއި ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވަން އެ ސްކޫލުން ފެށި ޕްރޮގްރާމެކެވެ.
އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ފެހި މަދަރުސާގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ، ގަސްއިންދަން އެ ސްކޫލުގައި ވަކި ސަރަހައެއް ކަނޑައަޅައި، އެ ސަރަހައްދުން ބައެއް ކޮންމެ ކީ ސްޓޭޖަކަށް ދަނޑެއްގެ ގޮތުގައި ހަމަޖައްސައިދީގެންނެވެ. ކީ ސްޓޭޖެއްގެ ކޮންމެ ދަރިވަރަކު އެއް ގަސް އިންދަން އެއް ޕޮޓް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހުލާ ވިދާޅުވީ، ޕޮޓްގެ ގޮތުގައި ބޭނުން ކުރަނީ ފަސް ލީޓަރުގެ ފެން ހުސްކުރި ފުޅި ކަމަށާއި ކޮންމެ ކުއްޖަކު ވެސް އޭގެ ފުޅީގައި އޮށް އިންދައި ފެންދީ ގަސް ބަލަހައްޓާނެ ކަމަށާއި ފުރަތަމަ އިންދާނީ ކިއުކަމްބާއި ލެޓިއުސް ކަމަށެވެ.

ގަސް އިންދައި ފެންދީ ބަލަހައްޓާނެ ގޮތުގެ އިރުޝާދު އެ ސްކޫލުގެ ފަރާތުން، ކަމާބެހޭ ތަޖުރިބާ ހުރި ބޭފުޅުންގެ ފަރާތުން ދަރިވަރުންނަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ.

" މުޑުއަވައް ކުރުވާނެ ގޮތާއި ފެންދީ ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ދަރިވަރުންނަށް މިހާރު ވަނީ ދީފައި. އޭގެ ފަހުން ކީ ސްޓޭޖްތަކަށް ބަހާލައިގެން މުޑުވައް ކުރުމުގެ މަސައްކަތް ފެށީ" ޝަހުލާ ވިދާޅުވިއެވެ.
ޝަހުލާ ވިދާޅުވީ، ގަސްއިންދުމަށް ދަރިވަރުންގެ ޝައުޤުވެރިކަން ބޮޑުކަމަށާއި އެ މަސައްކަތުގެ ދަރިވަރުން ބައިވެރިވާ އާ ކަމެއްގެ ތަޖުރިބާ ވެސް ކުރުމުގެ ގޮތުން ކަމަށެވެ.

380 ދަރިވަރުން ކިޔަވަމުންދާ އުކުޅަހު ސްކޫލުގެ ކޮންމެ ކުއްޖަކު އެއް ގަސް އިންދައި ހެއްދުމަކީ އެ ސްކޫލުގެ އަމާޒެކެވެ.
advertisment
ހިޔާލު