ގުރޭޑް 11ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 1500 ރުފިޔާ މަހަކު ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި އޮތް ޓީޗަރުންގެ ދަތިކަމަށް ހައްލެއް ހޯދަން ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫއެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރު ވަމުން އަންނަ ކަމަށާއި އެ މަޝްރޫއުގެ ކޮންސެޕްޓް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ތައުލީމީ ދާއިރާގެ މުސްތަގުބަލް އޮތީ، ޓީޗިންގ ފޯސްއަށް ވީހާވެސް ކޮލިޓީ ރަނގަޅު، ފެންވަރު ރަނގަޅު ދަރިވަރުން ވަދެގެން ކަމަށާއި ބޭނުންވަނީ ޓީޗިންގ ކެރިއަރއެއްގެ ގޮތުގައި ކުރިއަށް ގެންދާ ކުދިންނަކީ އޭލެވެލް ނިންމާ ކުދިންނަށް ހެދުން ކަމަށެވެ.
ޑރ. އަޙްމަދު ވިދާޅުވީ، މި އަހަރު ގުރޭޑް 11އަށް ވަންނަ ދަރިވަރުންގެ ތެރެއިން ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 1500 ރުފިޔާ ދޭން ނިންމާފައިވާ ކަމަށާއި އެ ފައިސާ ދޭނީ ޓީޗަރުން ތަމްރީނު ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ދަރިވަރުންނާއި މައިންބަފައިންނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ކަނޑައަޅާ ވަކި މާއްދާއަކުން އެ ދަރިވަރަކު އޭލެވެލް ނިންމާފައި ކެރިއަރއެއްގެ ގޮތުގައި ޓީޗިންގ ދާއިރާއިން ކުރިއަށްދާން ޖެހޭނެ ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.
" އޭރުން އޭލެވެލް ހަދަމުންދާއިރު އެކުދިން އެދަނީ ޓީޗިންގ ކެރިއަރގެ ޕާތްވޭ ނަގައިގެން، ޤައުމު ބިނާކުރުމަށް މުދައްރިސަކަށް ވުމަށްޓަކައި އަޒުމް ކަނޑައަޅައިގެން" ޑރ. އަޙްމަދު ވިދާޅިވިއެވެ.
ސްޓޭޓް މިނިސްޓަރު ޑރ އަޙްމަދު ވިދާޅުވީ، ޓީޗިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ގުރޭޑް11 ކުރިއަށް ގެންދާނީ ފައުންޑޭޝަން ލެވެލްގެ ކޯހެއް ގޮތަށް ފަރުމާ ކުރެވިގެން ކަމަށާއި އޭލެވެލްގެ ކޮންޓެންޓް ކިޔަވަމުންދާއިރު އެކުދިން ތިބޭނީ ޓީޗިންގ ކޯހަށް ވަނުމަށް ތައްޔާރުވެފައި ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު 10،000 އެއްހާ ޓީޗަރުން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި ބިދޭސީ 2،000 ޓީޗަރުން މަސައްކަތް ކުރަމުން ގެންދެއެވެ.
" މިއީ ގައުމެއްގެ ޓީޗިންގ ފޯހެއްގެ ވަރަށް ބޮޑު ނިސްބަތެއް ތަމްސީލު މި ކުރަނީ ބިދޭސީ ޓީޗަރުން. އެބަޖެހޭ ޓީޗަރުންނަކީ ދޭސީންނަށް ހަދަން ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންގެ ކުރިމަގެއް ފެންނަން އޮތީ" އަޙްމަދު ވިދާޅިވިއެވެ.
advertisment
ހިޔާލު