ސެންޓަރ ފޮރ ހަޔަރަ ސެކަންޑްރީ އެޑިޔުކޭޝަން ( ސީއެޗްއެސްއީ)ގެ ސަޤާފީ ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށް އެ ސްކޫލުން ބުނެފިއެވެ. ސަޤާފީ ދަތުރު އެ ސްކޫލުން މި އަހަރު ފެށީ އަހަރުތަކެއްގެ މެދުކެނޑުމަށް ފަހުއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ޙައްޤު ދަރިވަރު ނޫހަށް ވިދާޅުވީ، މި އަހަރުގެ ދަތުރުގައި ބައިވެރިވި ގިނަ ދަރިވަރުންނަކީ ކުރިން އެފަދަ ދަތުރެއްގެ އަމަލީ ތަޖުރިބާ ކޮށްފައި ނުވާ ދަރިވަރުން ކަމަށެވެ. މި ދަތުރުން އޭނާއަށް ފެނިވަޑައިގެންނެވީ އެފަދަ ދަތުރުތަކެއްގެ މުހިންމު ކަމެވެ. ދަރިވަރުންނަށް އެ ދަތުރުން ކުރި ފައިދާތަކެވެ.

" ހުރިހާ ކުދިންނަށް ވެސް ތަފާތު އެކްސްޕީރިއަންސަކަށް ވި. މިއީ ކިޔެވުމާއި ދިރާސީ ކުރުމާއި އުފާވެރިކަމާއި މަޖާކޮށްލަން ދަރިވަރުންނަށް ލިބޭ ވަގުތު ކޮޅެއް. ކިޔެވުމުގެ ހަޤީޤީ އުފާ ދަރިވަރުންނަށް މި ފަދަ ދަތުރު ތަކުން ހޯދައިދެވޭ" ޒުހުދު ވިދާޅުވިއެވެ.
ޒުހުދު ވިދާޅުވީ ހައި ސްކޫލް ނިންމާއިރު ދިވެހި މާހައުލުގެ ހަޤީޤީ އުފާ ދަރިވަރުންނަށް ހޯދައި ނުދެވުމަކީ މައްސަލައެއް ކަމަށާއި ދިވެހިންގެ ދިރިއުޅުމާއި ގުދުރަތީ ވެށި އޭގެ ފުރިހަމަ މާނައިގައި ބޭނުން ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ނުލިބޭ ކަމަށެވެ.

" ގިނަ ދަރިވަރުންނަކީ ރަށްފުށުގެ ދިރިއުޅުން، ދިވެހިންގެ އާސާރުތަކާއި ދިވެހިންގެ ގުރުރަތީ މާހައުލުން ލިބިދޭ އުފާ ނުލިބޭ ކުދި ނުފެންނަ ކުދިން. އަދި ފެނުނަސް އެކަން ތަޖުރިބާ ކުރެވިފައި ނުވާ ކުދިން. މި ދަތުރުން ދަރިވަރުންނަށް ލިބުނީ އެ އުފާ" ޒުހުދު ވިދާޅުވިއެވެ.
ސީއެޗްއެސްއީގެ ސަޤާފީ ދަތުރު މި ފަހަރު ޚާއްޞަ ކުރީ ހއ. އަތޮޅަށެވެ. މި ދަތުރުގައި އެ ސްކޫލުގެ ގުރޭޑް 11އަދި 12ގައި ކިޔަވަމުންދާ 30 ދަރިވަރުން ބައިވެރިވިއެވެ.

ސަޤާފީ ދަތުރުގައި ދަރިވަރުން ޤާއިމްވެ ތިބީ ކެލާގައެވެ. އެއީ މި ދަތުރުގެ ފުރަތަމަ މަންޒިލެވެ. ބައިނަލް އަޤުވާމީ ގޮތުން ފާހަގަ ކުރާ ކަނޑޫފަލުގެ ދުވަސް ފާހަގަކުރަން، އެރަށުގެ ކުޅިއަށް ގޮސް، ކަނޑޫ ގަސްތައް ދަރިވަރުން އިންދިއެވެ.

ކެލާގެ އިތުރުން މި ދަތުރުގައި ދިޔައީ، ބާރަށާއި ވަށަފަރަށާއި ވެރިރަށް ދިއްދޫއަށާއި އުތީމަށާއި ތަކަންދޫ އަށެވެ. އަދި ހަނިމާދޫ މަގުން ކުރި ދަތުރަކަށް ވާތީ އެރަށު ސްކޫލަށް ޚާއްޞަ ޒިޔާރަތެއް ކުރިއެވެ.

މި ދަތުރުގައި ދަރިވަރުން ވަނީ، ސްކޫލްތައް ހިމެނޭހެން ސަރުކާރުގެ މުއައްސަސާތަކާއި އާސާރީ ބިނާތަކާއި ގުރުރަތީ ގޮތުން އެ ރަށެއްގައި އޮތްނަ ޚާއްޞަ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ މައުޅުމާތު އެއްކޮށްފައެވެ. އަދި އެ ފަދަ ތަންތަނުގައި އަމަލީ ތަކުރިބާ ވެސް ދަރިވަރުން ކުރިއެވެ.

ޒުހުދު ވިދާޅުވީ، އެ ދަތުރުގައި ބައިވެރިވި ބެލެނިވެރިންނަށް ވެސް ދަތުރުގެ މުހިންމުކަން ފާހަގަ ކުރެވުނު ކަމަށެވެ.
" އަޅުގަނޑުމެން ބޭނުންވަނީ އަހަރަކު އެއް ފަހަރު މި ދަތުރު ބާއްވަން. ދަރިވަރުންނަށް ހަޤީޤީ މާނައިގައި ތަޖުރިބާ ހޯދައިދޭން" 1100 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދު ވިދާޅުވިއެވެ.
advertisment
ހިޔާލު