ޕިއްޒާ ޕާޓީއާއި ބައިސްކަލުން، ދަރިވަރުން ބާރުވެރި ކުރުވީ ޖަމާއަތަށް މިސްކިތަށް ދާން

ޖަމާއަތަށް މިސްކިތަށް ދާ ދަރިވަރުން މަދުވުމާއި، މިސްކިތަށް ދާ ކުދިން ސަކަރާތްޖެހުން ފަދަ ކަންތައްތައް ފެންނަން ފެށުމުން ޕިއްޒާ ޕާޓީއާއި ބައިސްކަލެއްދޭ ގޮތަށް ށ. ޅައިމަގު ސްކޫލުން ފެށި ނަމާދު ޕްރޮގްރާމުން މުޅި މަންޒަރު ބަދަލުކޮށްލައިފިއެވެ.

ކުރިން ޖަމާތަށް މިސްކިތަށް ނުދާ ކުދިން މިއަދު ތިބެނީ ބަންގި ގޮވާންވާއިރަށް މިސްކިތަށް އަރައެވެ. ފަތިސް ނަމާދުގެ ޖަމާތަށް ސަފެއް ހަމަނުވާއިރު، މިހާރު ފުރަތަމަ ސަފު ފުރިގެން ދެ ވަނަ ސަފެއް ހަދަން ބަލާއިރު ގިނައީ އެ ސްކޫލުގެ ދަރިވަރުންނެވެ.

" ކުރިން ނަމާދަށް މިސްކިތަށްދާ ކުދިން އެހާމެ މަދު. މިސްކިތަށް ދިޔަޔަސް ސަކަރާތް ޖެހުން ކަމަކަށް އޭރު އޮންނަނީ. އިންޝާ ﷲ މިއަދުގެ ހާލަތު މުޅިން ތަފާތު. ކުދިން މިސްކިތަށް، ޖަމާތަށް ބަރާބަރަށް އެބަދޭ. ސަކަރާތްޖަހާ ތަނެއް ނުފެނޭ" ދަރިވަރުން ނަމާދަށް ހިތްޖެއްސުމަށް ފެށި ޕްރޮގްރާމުގެ ކާމިޔާބުކަން ލީޑިންގ ޓީޗަރު ހަސަން ޚަލީލް ފާހަގަ ކުރެއްވިއެވެ.

ނަމާދު ޕްރޮގްރާމް ޅައިމަގު ސްކޫލުން ފެށީ އެ ސްކޫލުގެ ގުރޭޑް 4ން މައްޗަށް މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ސާޅީސް ދުވަހަކުން ކަނޑައަޅާފައި އޮންނަ ޓާގެޓް ހާޞިލް ކުރުމުން އިނާމެއް ލިބޭ ގޮތަށެވެ. އެންމެ ނަމާދެއް ވައްޓައިނުލައި 40 ދުވަހު ނަމާދުކުރާ ކުދިންނަށް ބައިސިކަލެއް ލިބެއެވެ. މިހާތަނަށް އެ ސްކޫލުގެ ފަސް ކުއްޖަކު ބައިސިކަލް ހޯދައިފިއެވެ. ނަމާދު ޕްރޮގްރާމުގެ ޤަވާއިދު އެކުލަވާލައިފައި އޮންނަ ގޮތުން އެއް ކުއްޖަކަށް ދެވަނަ ފަހަރަށް ބައިސްކަލެއް ނުލިބެއެވެ. ބައިސްކަލުގެ ގުރުއަތުގައި ވެސް ބައިވެރިއެއް ނުވެވެއެވެ.

ޕިއްޒާ ފާޓީ ދެނީ ކޮންމެ މަހަކު އެންމެ ގިނަކުދިން ނަމާދު ކުރި ކުލާހަކަށެވެ. މި ޕާޓީ ވެސް މިހާރު ފަސް ފަހަރެއްގެ މަތިން ބާއްވައިފިއެވެ.

ހަސަން ވިދާޅުވީ، އެ ސްކޫލުގެ ނަމާދު ޕްރޮގްރާމަކީ ސައްތައިން ސައްތަ ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ.

" އެންމެ ފަހުން އަޅުގަނޑުމެން ފެށީ ހުސްވި ޖޫންމަހުގެ ތެރޭގައި. ޖޫން މަހުގެ ތެރޭގައި ނެގި ގުރުއަތުގައި ވެސް 11 ދަރިވަރުން ވާދަކުރި. އެއީ ކާމިޔާބެއް" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ފިރިހެން ކުދިން މިސްކިތަށް ދާން ބާރުއަޅާއިރު އަންހެން ކުދިން ނަމާދު ކުރާނީ ގޭގައެވެ. އެ ކުދިން ނަމާދުކުރަން ކަނޑައަޅާފައި އޮންނަނީ ބަންގި ގޮވުމަށްފަހު ޖަމާއަތުގައި ނަމާދުކޮށް ނިމޭހާ ވަގުތެވެ.

ޅައިމަގު ސްކޫލަށް ލިބުނު ކާމިޔާބަކީ ޖަމާއަތަށް ނަމާދަށްދާ ޖީލެއް ބިނާކުރަން ފެށުމުގެ ހިތްހަމަޖެހުމެވެ. ދެން އޮތް އުފަލަކީ އެ ސްކޫލުން ފެށި މަސައްކަތް ނަމޫނާއަކަށް ބަލައިގެން އެހެން ސްކޫތަކުގައި ފަށަން މަސައްކަތް ކުރަމުން ދިއުމެވެ.

ހަސަން ވިދާޅުވީ، އެ ސްކޫލުގެ އެހީތެރިކަމަށް އެދުނު ސްކޫލްތަކަށް ނަމާދު ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު މިހާރު ދީފައިވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *