ސެންޓަރފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބޭއްވި އިރު، އެ ޖަލްސާގައި އެ ސްކޫލުގެ ޕްރިންސިލް ޒުހުދުލް ހައްޤު، ބެލެނިވެރިން ވިސްނާލަން ޖެހޭ ވަރަށް މުހިންމު ވާހަކައެއް ފާހަގަކުރެއްވިއެވެ. ޕްރިންސިޕަލް އެދިވަޑައިގެންނެވީ މަތީ ތަޢުލީމަށް ދަރިވަރުން ދާއިރު، ވަކި ރޮނގެއް އިޚްތިޔާރު ކުރުމަށް މަޖުބޫރު ނުކުރުމަށެވެ.
" އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާއަކުން ކުރިޔަށް ދިއުމަށް އެކުއްޖާއަށް ފުރުޞަތު ދިނުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން އެކުއްޖެއްގެ އެންމެ ފުރިހަމަ ކާމިޔާބު ފެންނާނީ. އޭރުން އެކުއްޖަކަށް އެންމެ ރަނގަޅަށް ވަޒީފާގެ ހުނަރު ދެއްކޭނީ. އޭރުން ޚިދުމަތުގައި ސާބިތުކަމާއެކު ދެމިހުރެވޭނީ" ޒުހުދު ވިދާޅުވިއެވެ.

އެމެރިކާގެ ބޭސްބޯލް ކުޅުންތެރިޔާ ބޯ ޖެކްޝަން ވިދާޅުވެފައިވާ " ތިމާ ޙާޞިލްކުރަން ބޭނުންވާ އަމާޒު މަތިކުރާށޭ. އަދި ދާންބޭނުންވާ ހިސާބަށް ދެވެންދެން މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާށޭ" ބަސްކޮޅަކަށް އިޝާރާތް ކުރައްވައި ދަރިވަރުންގެ ކިބައިން ވެސް ޒުހުދު އެދިވަޑައިގަތީ، ތަޢުލީމީ ދާއިރާއިން މަތީ ފާސްތަކާއި ރަން ވަނަތައް ހޯދަން މިއަދު އަޒުމް ކަނޑައެޅުމަށާއި އެކުއްޖަކު ބޭނުން ދާއިރާއެއްގެ އެންމެ އުހަށް، އެންމެ މަތީ ހަރުފަތާ ހަމައަށް ދެވެންދެން ކުރާ މަސައްކަތް ހުއްޓާ ނުލުމަށެވެ.
" ކުރިއަށް ދެވޭނީ ވަރަށް ވަރުގަދަ އަމާޒެއް ކަނޑައަޅައިގެން އެ އަމާޒަށް މަސައްކަތް ވެސް ކޮށްގެން" ޒުހުދު ވިދާޅުވިއެވެ.
ސީއެޗްއެސްއީގެ އިލްމީ ހިޔާވަހިން މުދައްރިސުން ދެއްކެވި ސީދާ މަގުން ކުރިއަށް ދިއުމަށާއި އިސްލާމްދީނަށާއި ދިވެހި ޤައުމަށް އިޚްލާސްތެރި ޚިދުމަތް ކޮށްދިނުމުގައި ދެމިތިބުމަށް، ޕްރިންސިޕަލް ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.
ސީއެޗްއެސްއީގެ 344 ދަރިވަރުން މަތި ސާނަވީ އިމްތިޙާނުގައި ބައިވެރިވެ 120 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. 44 ދަރިވަރުން ޓޮޕް އެޗީވަރސްއަށް ހޮވުނުއިރު، ހަ ދަރިވަރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހޯދިއެވެ.
advertisment
ހިޔާލު