ފާއިތުވި 2023-2022 ވަނަ ދިރާސީ އަހަރު، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަކީ މުހައްނަދު މަބާޙް މުޙައްމަދާއި ފާޠިމަތު އިމްޝާ އިބްރާހީމެވެ.

މުހައްނަދުއަކީ ސާނަވީން އެންމެ މޮޅު ދަރިވަރެކެވެ. އިމްޝާ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މަތީ ސާނަވީންނެވެ. އިމްޝާ ވަނީ ޝަހާދާ ސާނަވިއްޔާއިން އެއްވަނަ ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ވެެސް ހޯދާފައެވެ. އަދި ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ވެސް އޭނާ ހޯދިއެވެ.

އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
ފާއިތުވި ދިރާސީ އަހަރު، 91ދަރިވަރަކު ކުލާސްލެވެލްގައި އިނާމުތައް ޙާޞިލުކޮށްފައިވާއިރު 38 ދަރިވަރަކު ޚާއްޞަ ވަނަތަކުން އިނާމު ޙާޞިލުކޮށްފައި ވެއެވެ.
ޔުނިފޯރމް ޙަރަކާތްތަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް، އައިޝަތުލަޔާން ޢަބްދުއްނާސިރު 12އޭ ހޮވިފައިވާއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ގައިޑަކަށް ހޮވިފައިވަނީ 11އޭގެ ދަރިވަރު ޙައްވާ ޒައިހާ ޙަބީބެވެ.
އަދި ޝަހާދާ ޘާނަވިއްޔާއިން އެންމެ މޮޅު 5 ދަރިވަރުންނާއި ޙާފިޡް ކަމުގެ ސަނަދު ޙާޞިލުކޮށްފައިވާ 4 ދަރިވަރަކަށް ވެސް މި ޖަލްސާގައި އިނާމު ޙަވާލު ކޮށްފައި ވެއެވެ.
ސްކޫލް ނިންމުމަށްފަހު ތަޢުލީމީގޮތުން ދެވެން އޮތް އެންމެ ކުރިޔަކަށް ދިއުމަށާއި ތަފާތު އެކިއެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދަރިވަރުންނަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ޤައުމު އަމިއްލަ ފައިމައްޗަށް ތެދުވެއޮތުމަށް، އެކިއެކި ދާއިރާއިން ތަޢުލީމު ޙާޞިލު ކޮށްފައިވާ ދިވެހި ދަރީން ޤައުމަށް ބޭނުންވާ ކަމާއި އެބޭނުން ޤައުމަށް ފުއްދައިދިނުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.
advertisment
ހިޔާލު