މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން 1000 ދުވަސް ގުނަން ފަށައިފި، ސަތޭކަ އަހަރު ފުރުމުގެ ހަފްލާ އެޑިޔުކޭޝަނުން ބާއްވައި ދެނީ

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން 1000 ދުވަސް ގުނަން މިރޭ ފަށައިފިއެވެ.

1000 ދުވަސް ގުނަ ފެށުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ އެސަމްބްލީ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

މިރޭ އެމަނިކުފާނު ވިދާޅުވީ، މީގެ 1000 ދުވަސް ފަހުން މަޖީދިއްޔާއަށް ސަތޭކަ އަހަރު ފުރިގެން ދާނެ ކަމަށާއި ސަތޭކަ އަހަރު ފުރުމުގެ ޙަފްލާ ވެގެން ދާނީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން އެޑިޔުކޭޝަން މިނިސްޓްރީއިން ކުރިއަށް ގެންދާ ރަސްމީ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 20 ބޭފުޅުންނަށާއި 10އަހަރު ޚިދުމަތް ކުރެއްވި 38 ބޭފުޅުންނަށް ހަނދާނީ ލިޔުން ވަނީ ދެއްވާފައެވެ.

މަޖީދިއްޔާ އުފެދިގެން އައީ 1927 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ސްކޫލަށް 100 އަހަރު ފުރޭނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

މަޖީދިއްޔާއަށް ޤަރުނެއް ފުރުން ފާހަގަ ކުރަން ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް 1000 ދުވަހަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި "މަޖީދިއްޔާ ދަންމަރު"ގެ ނަމުގައި ބާއްވާ މިއުޒިކް ޝޯވ ހިމެނެއެވެ. މި ހަރަކާތުގައި އެ ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހުނަރުތައް ފެނިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *