23 ސްކޫލެއްގައި އަލަށް އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

23 ސްކޫލެއްގައި އަލަށް އޭލެވެލްއަށް މި އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ސީއެޗްއެސްއީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި އެންމެ އިސްކަން ދެއްވާނެ ކަމަކީ މަތީ ތައުލީމުގެ ފުރުޞަތު، އޭލެވެލް ނިންމާ ކުދިން ގިނަކޮށް ފަހިކުރުން ކަމަށާއި މިގޮތުން މުޅިން އަލަށް، ދިވެހިރާއްޖޭގެ 23 ސްކޫލެއްގައި ގުރޭޑް 10ގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު މި ފަހަރު ފަހިކޮށް ދެއްވާނެ ކަމަށެވެ.

ވަޒީރު އިސްމާއިލް ވިދާޅުވީ " އަލަށް މި ފެއްޓޭ 23 ސްކޫލުގެ ނަތީޖާގެ މައްޗަށް ބުރަވެ އިތުރު ސްކޫލްތަކުގައި މި ޕްރޮޖެކްޓް ފުޅާކުރާނ" ކަމަށެވެ.

އޭލެވެލްއަށް އަލަށް ކިޔަވައިދޭން ފަށާ ސްކޫލްތަކެއްގެ ނަންތައް އެޑިޔުކޭޝަން މިނިްސޓްރީން އިއުލާނެއް ނުކުރެއެވެ.

އޭލެވެލް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް، އޭލެވެލްއަށް ކިޔަވުމުގެ ކްރައިޓީރިއާއަށް ބޮޑު ބަދަލެއް ގެނެސް އެ ބަދަލު މިހާރު ވަނީ އިއުލާން ކޮށްފައެވެ. މި ފަހަކަށް އައިސް ގެނައި ބަދަލުގައި އޭރު ބުނެފައި ވަނީ، ތިން މާއްދާ އިން ފާސްވެފައިވާ ނަމަ އޭލެވެލަށް ކިޔަވަން ސަރުކާރު ސްކޫލުތަކުން ޖާގަ ދޭގޮތަށް ކީ ސްޓޭޖް 5ގައި ހިމެނޭ ގުރޭޑް 11 އަދި 12ގެ ދަރިވަރުން ސްލޫލްތަކުގައި ކިޔަވަން ފުރުޞަތު ދޭނެ ކަމަށެވެ.

އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދެނީ ކުރީ ދެ އަހަރު ނަތީޖާ އަށް ބަލައިގެން ކަމަށާއި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސަރުކާރު ސްކޫލްތަކަށް ފޮނުވި ސާކިއުލަރގައި އެކަޑިމިކް ސްޓްރީމް ތަކަށް ވަނުމުގެ ޝަރުޠުތައް ކަމަށް ބުނެފައި ވަނީ،

1- އެސްއެސްސީ އިމްތިޙާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އައިޖީސީއެސްސީ ޖީސީއީ އޯލެވެލް އިމްތިޙާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާރޓްސްއިން) މަދުވެގެން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިތުރު އެއް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

2 – އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

3- އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

4-  ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވާނަމަ އެ ދަރިވަރަކަށް ފުރުޞަތު ދިނުން.

ބީޓެކަށް ސްޓްރީމްގައި ކިޔެވުމުގެ ޝަރުޠު:

1- ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ ކޯހުން ދަށްވެގެން “PASS” ލިބިފައިވުން.

2- އޯލެވެލް އިމްތިހާނުގެ ކޮންމެވެސް ހަތަރު މާއްދާއަކުން (ކޯހާ ގުޅޭ 2 މާއްދާ ހިމެނޭ ގޮތަށް) ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ގުރޭޑް 11އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ސްކޫލުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހުށާހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުޞަތު ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލަރގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *