ގުރޭޑް އެކަކަށް ވަންނަ 7000 ދަރިވަރުންގެ ތެރެއިން އަދިވެސް އަޅުގަނޑުމެން މިއުޅެނީ 2500 ދަރިވަރުން، މަތީ ފެންވަރުގެ ޔުނިވަރސިޓީއަށް ވަދެވޭ މިންވަރަށް ފާސްނުކުރެވިގެން.
އޭލެވެލްއަށް ކިޔަވައިދޭ ސްކޫލުގައި ޖާގަ އޮތް ނަމަ އެންމެ މާއްދާއަކުން ފާސްވިޔަސް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ފާއިތުވި ދިރާސީ އަހަރު ސީއެޗްއެސްއީގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، 10-1 އަށް ދަރިވަރުން ސްކޫލް ނިމޭއިރު ރާއްޖޭގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި 40 ބިލިއަނެއްހާ ރުފިޔާ ޚަރަދުވާ ކަމަށާއި އެހެން ނަމަވެސް ގުރޭޑް އެކަކަށް ވަންނަ 7000 ދަރިވަރުންގެ ތެރެއިން މަތީ ޔުނިވަރސިޓީއަށް ވަންނަ ވަރަށް 2500 ދަރިވަރުން ފާސް ނުވާ ކަމަށެވެ.
" ގުރޭޑް އެކަކަށް ވަންނަ 7000 ދަރިވަރުންގެ ތެރެއިން އަދިވެސް އަޅުގަނޑުމެން މިއުޅެނީ 2500 ދަރިވަރުން، މަތީ ފެންވަރުގެ ޔުނިވަރސިޓީއަށް ވަދެވޭ މިންވަރަށް ފާސްނުކުރެވިގެން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިސްމާއިލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި އެންމެ އިސްކަން ދެއްވާނެ ކަމަކީ މަތީ ތައުލީމުގެ ފުރުޞަތު، އޭލެވެލް ނިންމާ ކުދިން ގިނަކޮށް ފަހިކުރުން ކަމަށާއި މިގޮތުން މުޅިން އަލަށް، ދިވެހިރާއްޖޭގެ 23 ސްކޫލެއްގައި ގުރޭޑް 10ގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު މި ފަހަރު ފަހިކޮށް ދެއްވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެއީ ފެންވަރު ދަށްވުމާއި އިސްރާފެއް ކަމަށް ބައެއް ބޭފުޅުން ސިފަކުރައްވާ ކަމަށާއި ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދައްކަވަނީ އެންމެ ރަނގަޅަށް އެ މައުލުމާތު އެނގިވަޑައިގެން ނޫން ކަމަށެވެ.
" މިސާލަކަށް، ސްކޫލެއްގައި އޭލެވެލް އެބައޮތް. ގުރޭޑް 10ގައި ވިހި ކުދިން އެބަކިޔަވާ އެހެން ނަމަވެސް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނަ ކްރައިޓީރިއާގެ ތެރެއިން ފަސް މާއްދާ ނޫނީ ތިން މާއްދާއިން ފާސް ވަނީ އޭގެ ތެރެއިން އަށް ދަރިވަރުން ނޫން ކަމުގައި ވަނީނަމަ ހަތް ދަރިވަރުން. ހަތް ދަރިވަރުން ކަމަށްވަންޏާ އަނެއް ތޭރަ ކުދިން ބާކީވެގެން އެ ދިޔައީ. އަޅުގަނޑުމެންގެ ޓީމުން މަޝްވަރާ ކުރެވި ރައީސާވެސް މަޝްވަރާކުރެވި އަޅުގަނޑުމެން ނިންމީ. ދެ މާއްދާއިން ފާސްވި ކަމުގައި ވިޔަސް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭނަމޭ. އަދި ޖާގަ އޮތް ކަމުގައި ވަނީނަމަ އެންމެ މާއްދާއަކުން ފާސްވި ކަމުގައި ވިޔަސް އަޅުގަނޑުމެން އެޑެކްސެލް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު އެ ދަރިވަރަކަށް އިރާދަކުރެއްވިޔާމު ފަހިކޮށް ދޭނަމޭ. މިއީ ދިވެހިރާއްޖޭގެ ތައުލީމުގެ ރޫހަކީ. 18 އަހަރު ވަންދެން ތަޢުލީމު ދިނުން" މުހިންމު ވާހަކައެއްގެ ގޮތުގައި ތަފްޞީލު ދެއްވަމުން ވަޒީރު އިސްމާއިލް ވިދާޅުވިއެވެ.
" ކުރިން މިދެންނެވި އެއް މާއްދާގެ ފާސް، މިސާލަކަށް ބަލަމާ ހިނގާ ދަރިވަރުގެ އަތުގައި އޮތީ އިސްލާމް ފާހެއް ކަމަށް. އެހެން ވެއްޖެ ކަމަށް ވާނަމަ އިސްލާމް މުދައްރިސެއް، އެ ދަރިވަރުގެ ބޭނުން ހިފައިގެން އުފެއްދިދާނެ. އެ ދަރިވަރުގެ އަތުގައ އޮތީ އެކައުންޓިންގ ފާހެއް ކަމުގައި ވާނަމަ އެންމެ މާއްދާއަކާ އެކުގައި ނަމަވެސް އަޅުގަނޑުމެންނަށް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާމު ޗާޓަޑް އެކައުންޓެންޓެއް އަޅުގަނޑުމެންނަށް އުފެއްދިދާނެ. މިއީ ސަރުކާރުގެ ވިސްނުމަކީ ބާކީ ނުވުން"
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، ވިދާޅުވި ފަދައިން މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމަ ކަމަށާއި ކުރަން އުޅޭ ކަމަކީ އެއީ ކަމަށެވެ.
" އެއީ ކުރަން މި އުޅޭކަމީ. މީހުން އުފެއްދުން. ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނު ކަމުގައި ވި ނަމަވެސް މީހުން އުފެއްދުމަށް އިންވެސްޓް ކުރުން، ހިތްވަރު ދިނުން، ފުރުޞަތު ފަހިކޮށްދިނުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އަލަށް އޭލެވެލްއަށް ކިޔަވައިދޭން ފަށާ 23 ސްކޫލުގެ ނަތީޖާގެ މައްޗަށް ބުރަވެ އިތުރު ސްކޫލްތަކުގައި އެ ޕްރޮޖެކްޓް ފުޅާކުރައްވާނެ ކަމަށެވެ.
advertisment
ހިޔާލު