ހައިއެޗީވާރސް ސްކޮލަރޝިޕް ކާމިޔާބުކުރި ދަރިވަރުންނަށް އެ ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރޭ ބޭއްވި ހަފުލާ އޮތީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ޖަލްސާކުރާމާލަމްގައެވެ. ހަފުލާ ޝަރަފްވެރިކޮއްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީޒު އެވެ.
ހައިއެޗީވާރސް ސްކޮލަރޝިޕް ލިބެނީ އެ އިމްތިޙާންތަކުގެ"އިސްލާމް" އާއި "ދިވެހި" ހިމަނައިގެން 5 މާއްދާއަކުން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެން މަތީ ގްރޭޑެއް ކާމިޔާބުކުރާ ދަރިވަރުންނަށެވެ.
މި ދިޔަ 2023 ވަނައަހަރު 136 ދަރިވަރަކުވަނީ މި ސްކޮލަރޝިޕްތައް ކާމިޔާބުކޮށްފައެވެ. ހައި އެޗީވާރސް ސްކޮލަރޝިޕްގެ ފުރުޞަތު މި ފަހަރު ހޯދި 117 ދަރިވަރުންނެވެ. މިއިން ކޮންމެ ސްކޮލަރޝިޕެއް ކާމިޔާބުކުރާ ކޮންމެ ދަރިވަރަކަށް، ދުނިޔޭގެ ނިސްބަތުން މަތީފެންވަރުގެ ޔުނިވާރސިޓީއަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ހަމަޖައްސައިދެއެވެ. މިއީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ދޭ އެންމެ ޝަރަފުވެރި ސްކޮލަރޝިޕްތަކެވެ.
މި ރަސްމިއްޔާތު ގައި ރާއްޖޭގެ ރައީސްސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢީޒު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ކިޔެވުމަށް ދާ ދަރިވަރުން އަނބުރާ ގައުމާ ނާންނަނީ ވަޒީފާގެ ދަތިކަން ހުރުމުންކަމަށާ، އެކަން ހައްލުކުރުމަށް މިއަންނަ އަހަރުންފެށިގެން ޢުމްރާނީ ތަރައްޤީ އަށް ކުރާ ޚަރަދު ތެރެ އިން 200 މިލިއަން ރުފިޔާ ފަންނުތަކުން މަތީ ތަޢުލީމު ޙާއްސިލްކޮށް ސަރުކާރު ވަޒީފާ ތަކަށް އަންނަ ފަރާތްތަކަށް ދޭ މުސާރަ ބޮޑު ކުރުމަށް ހޭދަ ކުރާނަންކަމަށެވެ.
މި ފަޚުރުވެރި ދަރިވަރުންނަށް ލިޔުން ދިނުމުގެ ރަސްމިއްޔާރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، "ރާއްޖެއިން ބޭރުގައި ކިޔެވުމަކީ ހަމައެކަނި ޢިލްމު ހޯދުމަށް ލިބޭ ފުރުޞަތަކަށްވުރެ މާ ބޮޑު ކަމެއް" ކަމަށް. އަދި "އެއީ ކުރިއެރުމާއި ހޯދުމުގެ ދަތުރެއް" ކަމަށް. "އެއީ ތަފާތު ސަގާފަތްތަކުގެ ތެރެއަށް ވަދެ އުނގެނުމަށް އޮތް މަގެއް" ކަމަށާއި "ތަފާތު ދާއިރާތަކުން ކުރިއަރާފައިވާ މުފައްކިރުންނާ ގުޅިގެން ކަންކަން ދަސްކުރުމަށް އޮތް ސުޕަރ ހައިވޭއެއް" ކަމަށްވެސް އެ ކަމަނާ ވިދާޅުވި.
އެހެންކަމުން، "ދަރިވަރުންނަށް މި ކުރާ ހޭދައަށް ވުރެ މަތީ ދަރަޖައަކަށް ތިޔަ ކުދީންގެ ޚިދުމަތަށް އެދި، މި ޤައުމު ގޮވަމުން ދާކަން" ފާހަގަކުރައްވައި، "އެކާވީސް ވަނަ ގަރުނަށް ބޭނުންވާ ހުނަރާއި ޢިލްމު ލިބިގަނެ، އޭގެ ހަޤީޤީ މަންފާއަކަށް ވާންވާނީ، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ޤައުމު ހިންގުން" ކަންވެސް ފާހަގަކުރެއްވިއެވެ.
އަދި ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގަތީ، ބޭރު ޤައުމެއްގައި އުޅޭއިރު ކޮންމެ ކުއްޖަކީވެސް މި ޤައުމުގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުމަށާއި ޤައުމު ތަމްސީލުކުރުމުގައި ރަނގަޅު ނަމޫނާއަކަށްވުމަށެވެ. އަދި ކޮންމެ ހިންދެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމަކީ އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއްކަން ހަދަންބަހައްޓަންވާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
advertisment
ހިޔާލު