ހުއްދަ ނުހޯދައި އޮންލައިން ކޯސްތަކެއް ހިންގާ ކަމުގެ ޝަކުވާ

ހުއްދަ ނުހޯދައި އޮންލައިން ކޯސްތަކެއް ހިންގާ ކަމުގެ ޝަކުވާ ލިބެމުން އަންނާތީ އެކަން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ކުލެސިފިކޭޝަން އޮތޯރިޓީ ( އެމްކިޔުއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ، ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމްދޭ މަރުކަޒުތަކަށް އީ ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ޕްރޮގްރާމްތައް ހިންގުމަށް ދިން ހުއްދަ 28 އެޕްރީލް 2022 ގައި ބާޠިލްކޮށްފައި ކަމަށާއި، 16މެއި 2022ގައި " ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދު" އަދި " ގައިޑްލައިން ފޯ އީ ލަރނިންގ" ޤަވާއިދު ގެޒެޓްގައު ޝާއިއު ކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އެ ޤަވާއިދާ އެއްގޮތަށް، ޕްރޮގްރާމްތައް ހުށައަޅައި ހުއްދަ ހޯދުމަށް އަންގާފައިވާނެ ކަމަށެވެ. މި ޤަވާއިދާ އެއްގޮތަށް ގިނަ މަރުކަޒުތަކުން ޕްރޮގްރާމް ހުށައަޅައި ހުއްދަ ހޯދައިގެން ކުރިއަށް ގެންދާކަން ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، އެ މަރުކަޒަކުން ހިންގާ ޕްރޮގްރާމްތަކަކީ އެމްކިޔުއޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން އަދި އެ ޕްރޮގްރާމެއްގެ "ޑެލިވަރި މޮޑަލިޓީ" އެ އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރުކުރުމަށްފަހުގައި ކިޔެވުން ކުރިއަށް ގެންދިއުމަށް އެމްކިޔުއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ހާޞިލްކުރާ ސަނަދެއް މި އޮތޯރިޓީން ޤަބޫލުކުރާނެ ކަމާއި އެކަމުގެ ޒިންމާ މި އޮތޯރިޓީން ނުނަގާނެ ކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ.

އަދި އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ " ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދު" 30 ވަނަ ބާބުގެ (ހ)ގެ ދަށުން އެ މަރުކަޒަކަށް ފިވަވަޅު އަޅާނެ އެމްކިޔުއޭއިން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *