މޮޅު ކުއްޖަކީ މަތީ ވަނަ ހޯދާ ކުއްޖާއެއް ނޫން، ހޯދި ތަޢުލީމް އެޕްލައި ކުރަން ދަންނަ ކުއްޖާ

މޮޅު ކުއްޖަކީ މަތީ ވަނަތައް ހޯދާ ކުއްޖާ ނޫން ކަމަށާއި މޮޅު ކުއްޖަކީ ހޯދި ތަޢުލީމެއް އެޕްލައި ކުރަން ދަންނަ ކުއްޖާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލުގެ ފާއިތުވި ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރުކޮށް ދެއްވައި އިޙުސާން ވިދާޅުވީ، އޯލެވެލް އާއި އޭލެވެލްއިން އެއްވަނަ ދެވަނަ ނޫނީ ތިންވަނަ ލިބުމުން ތަޢުލީމް ޙާޞިލްކުރެވުނީ ކަމަށް ބައެއް މީހުންނަށް ޤަބޫލުކުރެވޭ ކަމަށެވެ.

އިހުސާން ވިދާޅުވީ، ހަޤީގަތަކީ މިގޮތަށް ތަޢުލީމް ޙާޞިލްކުރެވިގެންދާ ބައެއް ކުދިން ޓެސްޓް ޕޭޕަރުގައި ނުވަތަ ކިޔެވި އެއްޗެއްގެ ބޭރުން ސުވާލެއް އަތުވެއްޖިއްޔާ ނުވަތަ ޙަޔާތުގައި ކަމަކާ ދިމާވެއްޖިއްޔާ ފެއިލްވާ ކަމަށެވެ. އެހެން ދިމާވަނީ ހަމައެކަނި ޓެސްޓް ހަދަން ފަރިތަ ކުރާތީއާއި ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރާތީ ކަމަށް އިހުސާން ވިދާޅުވިއެވެ.

" ތިޔަކުދިން މިއަދު ވާން ޖެހޭނީ ތައުލީމް ހާޞިލްކޮށްފައި ރަނގަޅު ނަތީޖާ ހޯދާފައި، ހޯދި ނަތީޖާ އެއްގޮތަށް ހޯދި ތައުލީމް އެޕްލައިކުރަން ދަންނަ ކުދިންނަށް. މަތީ ތަޢުލީމާ ސެޓްފިކެޓް އޮވެގެން އެމީހާއަށް ލިބެނީ ވަޒީފާއެއް. އެމީހާއަށް ކެރިއަރއެއް ލިބެނީ އެ ވަޒީފާގައި ތަޢުލީމް އެޕްލައިކުރާ ގޮތަކުން" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ތައުލީމާ އެއްވަރަށް ތިޔަކުދިން އެކިއެކި އެކްޓިވިޓީސްތަކުން ދަސްކުރާ ހިލްމަކީ ވެސް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ސީވީ ބަލާއިރު ތަރިބުރައިގެންދާ ވަރުގެ ވަރުގަދަ ސީވީތައް ލިބޭ ކަމަށާއި ކަމެއް ކުރަން ޖައްސައިފިއްޔާ އެކުއްޖާ އިންނަނީ ތަރިބުރައިގެން ގޮސްފައި ކަމަށެވެ.

" އަޅުގަނޑުމެން އެބަ ޖެހޭ ކިޔަވާ ނޮލެޖް އެކްޝަންއަށް ބަދަލުކުރަން"

އިހުސާން ވިދާޅުވީ، ލޯންޗަކަށް އަރާފައި ބެލެންސް ނުވެގެން އެއްކޮޅަށް އެރީމާ އެއީ ފިޒްސްގައި ކިޔެވި މޮމެންޓަންކަން ކޮންމެވެސް ވަރަކަށް އެނގެން އެބަ ޖެހޭ ކަމަށެވެ. ރަތްކުލައިގެ ކަރަންޓް ނަރެއް ފެނުނީމާ އެއީ ލައިވް ނަރުކަމާއި އޭގައި ޖެހިއްޖެނަމަ ކޮންމެވެސް ވަރެއްގެ ތުރުތުރެއް އަޅާނެ ކަމާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް އެޕްލަޔަންސް ކޮންމެވެސް ވަރަކަށް ރޫޅައި ރާވާ ހަދަން އެނގުމާއި މީހުން ގޮވައިގެން އުޅެން ވެސް އެނގެން ޖެހޭ ކަމަށެވެ.

" މަތީ ނަތީޖާއެއް ހޯދަން ކުރާ މަސައްކަތުގައި، ކިޔަވާ އެއްޗެހިން މިވަނީ ކިހިނެއްކަން ހުރިހާ ކުދިން ވެސް ޖެހޭނެ ދަންނަން. އެ ދުވަހެއްގައި ކިޔަވައިދޭ އެއްޗަކުން ކުރާ ސުވާލަށް ޖަވާބު ދިނުމުގެ އިތުރަށް އަމިއްލަ ހިތަށް އަންނަ ސުވާލަށް ޖަވާބުދޭން އެނގެން ވާނެ. އެއީ ތަޢުލީމް އެޕްލައިކުރުމަކީ"

ދަރިވަރުންނަށް ދިން ދެވަނަ ނަޞޭހަތެއްގެ ގޮތުގައި އިހުސާން ވިދާޅުވީ، މިހާ ހިސާބުން ފެށިގެން ޙަޔާތުގައި ފެއިލްވާން ވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ.

" އަޅުގަނޑަށް ގެރެންޓީކޮށް ތިޔަ ކުދިންގެ ކައިރީގައި ބުނަން އެނގޭނެ އެއްކަމަކީ ތިޔަ ކުދިން ކޮންމެ ވެސް އެއް އިރަކުން ފެއިލްވާނެކަން. އެ ފެއިލްވާއިރުގައި އެ ފެއިލިއަރ ރަނގަޅަށް އެކްސެޕްޓް ކުރަން ނޭނގިއްޖެކަމަށް ވެއްޖިއްޔާ ފަހަރެއްގައި ކާމިޔާބީއާ ހަމައަށް ނުދެވިދާނެ"

ތިންވަނަ ނަޞޭހަތެއްގެ ގޮތުން ކިޔަވާ ކުދިންގެ ކިބައިން މިނިސްޓަރު އިހުސާން އެދިވަޑައިގަތީ، ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފުމަށެވެ.

" ލިބޭ ކޮންމެ އޮޕޮޗުނިޓީއެއްގެ ބޭނުން ކުރާށޭ. ޙަޔާތުގައި ނުލިބޭނެ މާ ގިނަ ފުރުޞަތުތަކެއް. ލިބޭ ފުރުޞަތެއް ދޫކޮށްލައިފިއްޔާ އެ ފުރުޞަތު އަލުން ނުލިބޭނެ"

ބެލެނިވެރިންނަށް އިހުސާން ވިދާޅުވީ، އަބަދު ބެލެނިވެރިޔާ ބޭނުންވާ ދިމާލަށް ކުއްޖާ ނުދާނެ ކަމަށާއި ދަރރިންދާ ދިމާލަކީ ރަނގަޅު ދިމާލެއް ކަމަށް ވެއްޖިއްޔާ އެ ދިމާލަށް ދިޔަ ދިނުމަށް ފުރުޞަތު ދިނުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *