ބެލެނިވެރިޔާ ވާންވީ ދަރިފުޅުގެ ރަހްމަތްތެރިޔަކަށް، އެޑްވައިޒަރަކަށް ކަމަށް އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ވިދާޅުވެއްޖެއެވެ.
އިމާދުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަމުން ޕްރިންސިޕަލް މަމްދޫޙް ވިދާޅުވީ އެހެން ނުވެއްޖެނަމަ ގޮތް ނޭނގޭ ދުނިޔެއަށް އެކުދިން ނުކުމެ ހޯދާނީ ކޮން ކަހަލަ މީހެއް ކަމެއް އަޅުގަނޑުމެންނަށް ނޭނގޭނެ ކަމަށެވެ.
އިމާދުއްދީނުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ރޭ ބެލެނިވެރިންނާ މުޙާޠަބުކޮށް، ޕްރިންސިޕަލް ވިދާޅުވީ، ލޮލުގެ ނޫރުފަދަ ދަރިން މާދަމާ މި ނުކުންނަނީ ގޮތް ނޭނގޭ ދުނިޔެއަކަށް ކަމަށާއި އެ ދުނިޔެއަށް ނުކުންނައިރު ބެލެނިވެރިޔާގެ ޒިންމާ ބޮޑުކަން ތަފްޞީލު ގޮތެއްގައި ބަޔާންކޮށް ދެއްވާފައެވެ.

" ތިޔަބޭފުޅުންގެ ތުއްތުބޭފުޅުން ގޮތް ނޭނގޭ ދުނިޔެއަކަށް ނުކުންނައިރުގައި ތިޔަބޭފުޅުންނަކީ އެންމެ އޯގާތެރި އިޚްލާސްތެރި ލޯބިވާ މަންމައަކާއި ބައްޕައަކަށް ނުވެއްޖެނަމަ އެކުދިން މާދަމާ ޚިޔާރު ކުރާނީ ކޮންކަހަލަ މަންމައަކާއި ބައްޕައެއް ކަމެއް ނޭނގެ. ތިޔަބޭފުޅުންގެ ތުއްތުބޭފުޅުން ގޮތް ނޭނގޭ ދުނިޔެއަކަށް މާދަމާ ނުކުންނައިރުގައި އެ ތުއްތުބޭފުޅުންގެ ގާތް ރަހުމަތްތެރިއަކަށް ނުވެއްޖެނަމަ، މާދަމާ މުޖްތަމައުން އެކުދިން ޚިޔާރު ކުރާނީ ކޮންކަހަލަ ރަހުމަތްތެރިންނެއް ކަމެއް ނޭނގެ. ތިޔަބޭފުޅުންގެ ތުއްތުބޭފުޅުން ގޮތް ނޭނގޭ ދުނިޔެއަކަށް މާދަމާ ނުކުންނައިރުގައި އެކުދިންނަށް ރަނގަޅު އެޑްވައިސްއެއް، ރަނގަޅު މަގެއް ކޮށައި ނުދީފިނަމަ އެކުދިން މާދަމާ ޚިޔާރު ކުރާނީ ކޮންކަހަލަ އެޑްވައިސްއެއް ކަމެއް ނޭނގެ" މަމްދޫޙު ވިދާޅުވިއެވެ.
ކިޔަވައި ކުދިންނަށް ޕްރިންސިޕަލް މަމްދޫޙު ސަރ، ވިދާޅުވީ ފައްސި ވިސްނުމެއްގައި، މާދާމާ އުޖާލާކުރަން މަސައްކަތް ކުރުމަށެވެ. މާދަމާގެ މުސްތަޤުބަލް އުޖާލާ ކުރުމަށްޓަކައި ލިބިފައި އޮތީ މިއަދު ކަމަށާއި، މާދަމާ އުޖާލާކޮށްފި ކަމުގައި ވަނީނަމަ ތިޔަކުދިންނަކީ ކާމިޔާބު ދަރިވަރުންނަށް ވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިންނާއި ސްކޫލާ ގުޅިގެން ކުރާ މަސައްކަތުން އިމާދުއްދީނުން އެތައް އަރުތައެއް ހާޞިލްކޮށްފައިވާ ކަމަށާއި އިމާދުއްދީން ތަފާތުވާނެ ކަމަށާއި އިމާދުއްދީން ދާނީ ކުރިއަށް ކަމަށެވެ.
" އަޅުގަނޑުމެން ތަފާތުކަން ސާބިތުކޮށްދޭ ކުޑަކުޑަ ކަމަކީ، ހަމައެކަނި ޕާސް ޕަސެންޓޭޖަށް ބަލާލިޔަސް އަޅުގަނޑުމެންގެ ގުރާފް ވޭތުވެދިޔަ ހަތަރު އަހަރު ދިޔައީ މައްޗަށް. ނެޝަނަލް ޓޮޕްޓެންގެ ކުދިންގެ އަދަދަށް ބަލާލި ކަމުގައި ވިޔަސް، ނުވަޔަކުން، އެގާރައިން، އެކާވީހުން، މިރޭ 25 ކުދިން އިނާމް ޙާޞިލްކުރާނެ" މަމްދޫހު ރޭ ވިދާޅުވިއެވެ.
advertisment
ހިޔާލު