"ބައެއް ބެލެނިވެރިން، ދަރިންލައްވައި އެއްވެސް ކަމެއް ނުކުރުވާ ބަހައްޓަނީ ހަމައެކަނި ކިޔަވަން"

ޕްރިންސިޕަލް މަތީން އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ : ކުޅުދުއްފުށީ އޮންލައިން

ބައެއް ބެލެނިވެރިން، ދަރިން ލައްވައި އެއްވެސް ކަމެއް ނުކުރުވާ ބަހައްޓަނީ ހަމައެކަނި ކިޔަވަން ކަމަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވެއްޖެއެވެ.

ފާއިތުވި ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް މަތީން ވިދާޅުވީ، ޒަމާނީ ވަޞީލަތްތަކުގެ އެހީއާއެކު މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން ވަރަށް ފަސޭހަވެއްޖެ ކަމަށާއި އެއާއެކު ކުދިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ވަރަށް ފަސޭހަވެއްޖެ ކަމަށެވެ. އެ ފަސޭހަ ތަކުގެ ތެރެއިން ކުދިންނާއި އެކުދިންގެ ޒިންމާ ހަވާލުކުރަން ބެލެނިވެރިންނަށް މަތީން ގޮވާލެއްވިއެވެ.

" ބެލެނިވެރިން ކުރަންވީ ކަމަކީ، ފޮތްތަކުގެ ގަނޑުލުމުން ފެށިގެން ހޯމްވޯކް ހެދުމާއި ޓައިމްޓޭބަލަށް ފޮތްތައް ހަމަކުރުމުން ވެސް އެކުދިންގެ ޒިންމާ އެކުދިންނާ ހަވާލުކޮށް ދޭންވީ" މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޒިންމާދާރު ބަޔަކަށް މިއަދު އެކުދިން ނުވެއްޖެނަމަ މާދަމާ އެކުދިންގެ ބޭނުމެއް ނުހިފޭނެ ކަމަށެވެ.

މަތީން ވިދާޅުވީ، ބައެއް ފަހަރު ސްކޫލަށް ކުދިން ނައުމާއި ނަތީޖާ ދަށްވެގެން، ބެލެނިވެރިންނާ ސުވާލުކުރަން ޖެހޭ ކަމަށެވެ.

" އެކަން އެގޮތަށް ދިމާވަނީ ކީއްވެގެންތޯ ބެލެނިވެރިންނާ ސުވާލު ކުރުމުން ބައެއް ބެލެނިވެރިންގެ ޖަވާބަކީ އަޅުގަނޑުމެން ނުކޮށްދޭ އެއްވެސް ކަމެއް ނޯންނާނެއޭ، ދަރިފުޅު ލައްވައި އެއްވެސް ކަމެއް ނުކުރުވަމޭ، ކިޔަވާށޭ ބަހައްޓާފައި ހުންނަނީ" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ހަމައެކަނި ކިޔެވުމަށް ހުސްކޮށްފައި، ޒިންމާއެއް ހަވާލުނުކޮށް ކުދިން ބައިތިއްބައިފިނަމަ ޒިންމާދާރު ކުދިންގެ ގޮތުގައި އެ ކުދިން މުޖްތަމައަށް ނުނުކުންނާނެ ކަމަށެވެ.

" ހުރިހާ ބެލެނިވެރިންގެ ކައިރީގައި ވެސް ބުނަން ބޭނުންވަނީ ކުދިންނާ ޒިންމާ ހަވާލުކުރާށޭ. އެކުދިންނަކީ އަމިއްލަ ކަންކަން ދަސްކުރާ، އެކަންކަމުގައި ޒިންމާ ނަގާ ކުދިންގެ ގޮތުގައި މުޖްތަމައަށް ނެރެން މަސައްކަތްކޮށް ދެއްވާށޭ" މަތީން ވިދާޅުވިއެވެ.

ދަރިވަރުންނަށް ޕްރިންސިޕަލް މަތީން ވިދާޅުވީ، މޮޅު މީހަކަށް ވުމަށް ފުރަތަމަ ކުރަންވީ އުއްމީދު ކަމަށާއި ކޮންމެ ކުއްޖަކު ވެސް އުއްމީދު ކުރުމަށެވެ.

މަތީން ވިދާޅުވީ، ކާމިޔާބީއަށް އުއްމީދު ކުރާނަމަ އެ ކާމިޔާބީއެއް ހޯދަން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށާއި މަސައްކަތް ކުރެވޭނެނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.

އުއްމީދު ކުރުމަށް ހިތްވަރު ދެއްވައި މިސާލެއްގެ ގޮތުން މަތީން ގެންނެވި ހެރީޕޮޓާ ވާހަކަ ލިޔުނު ލިޔުންތެރިޔާ ޖޭކޭ ރޯލިންއެވެ.

މަތީން ވިދާޅުވީ، "ޖޭކޭ ރޯލިން ބުނެފައި ވަނީ ހަނދާން ހުންނަން ފެށީއްސުރެ މޮޅު ވާހަކަ ލިޔުންތެރިއަކަށް ވުމަށް އުއްމީދު ކުރީމޭ. އެ އުއްމީދު ހަޤީގަތަކަށް ހެދުމަށް އެތައް ކަމެއް ޤުރުބާންކޮށް، އަމިއްލަ ދިރިއުޅުމުގައި ދިމާވި އެތައް ގިނަގުނަ ދަތިތައް ކަޑައްތުކޮށް، އެންމެ ފަހުން ވަޒީފާ ނެތް މީހެއްގެ ގޮތުގައި، އެކަނިވެރި މައެއްގެ ގޮތުގައި އަދި ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ދިޔަ މީހެއްގެ ގޮތުގައި، ކުރިމަތިލީމޭ. [ހެރީޕޮޓާ] ޕަބްލިސްކުރަން ކުރި މަސަކަތް އެތައް ބަޔަކު ރިޖެކްޓް ކުރިއޭ. އެ ހިސާބުން ވެސް އުއްމީދު ނަގައިނުލައި ކުރި މަސައްކަތުން މިއަދު މިލިއަނަރެއްގެ ގޮތުގައި، އެންމެ ގިނަ ފޮތް ވިކުނު ވާހަކައަކަށް އެ ވާހަކަ ވެފައި ވެއޭ. ހެރީ ޕޮޓާގެ 500 މިލިއަން ކޮޕީ ވިކިފައިވާއިރު ހެރީޕޮޓާ ސީރީޒްގެ ހަތް ފޮތް  ނެރެން 17 އަހަރު ހޭދަކުރީމޭ. އެ ހުރިހާ ކަމެއް ގިރާކުރި އިރުވެސް އުއްމީދު ނަގައިނުލަމޭ"

ކިޔަވައި ކުދިންގެ ކިބައިން ތަކުރާރުކޮށް މަތީން އެދިވަޑައިގަތީ، ކާމިޔާބު މީހަކަށާއި މޮޅު މީހަކަށް ވުމަށް އުއްމީދު ކުރުމަށެވެ.

" ސައިންސްވެރިއަކަށް، އެސްޓޮނޯޓަކަށް ނަރުހަކަށް ޑޮކްޓަރަކަށް ވުމަށް އުއްމީދު ކުރަންވީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *